ސީރިޔާ

ވެރިކަމުގެ ބާރުތައް ދޫކޮށްލަން ރަޝިޔާއެއް ނޭދޭ: ބައްޝާރު

Jul 14, 2016

ސީރިޔާގެ ވެރިކަމުގެ ބާރުތައް ދޫކޮށްލަން ރަޝިޔާއިން ބުނެފައި ނުވާކަމަށް ސީރިޔާގެ ރައީސް ބައްޝަރުލް އަސަދު ވިދާޅުވެއްޖެ އެވެ.

"އެންބީސީ" އަށް ދެއްވި އިންޓަވިއުގައި ބައްޝާރު ވިދާޅުވީ ވެރިކަމުގެ ބާރުތައް ދޫކޮށްލުމާ ބެހޭގޮތުން، ރަޝިޔާއިން އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.

ބައްޝަރު މިހެން ވިދާޅުވެފައި ވަނީ އެމެރިކާއިން ބައްޝާރު އިސްތިއުފާ ދެއްވުމަށް ގޮވާލފައި ވަނިކޮށްވެ. އެމެރިކާއިން ބުނީ ސީރިޔާގެ މައްސަލައަށް ސުލުހަވެރި ހައްލެއް ގެނައުމަށް ބައްޝާރު ވެރިކަމުން އިސްތިއުފާ ދެއަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ރަޝިޔާގެ ރައީސް ވަލްޑަމިއާ ޕުޓިންއާއެކު ކުރެއްވި މަޝްވަރާތަކުގައި ދެކެވުނީ ކޮން ވާހަކައެއްތޯ ސުވާލު ކުރުމުން، ބައްޝާރު ވިދާޅުވީ ޕުޓިން ވިދާޅުވީ އޭނާ ސިރިޔާގެ ވެރިކަން ދޫކޮށްލުމަށް ނުވަތަ ވެރިކަމުގައި ދެމިހުންނެވުމަށް ގޮތް ނިންމާނީ ސީރިޔާގެ ރައްޔިތުން ކަމަށެވެ.

އަސަދު މިހެން ވިދާޅުވެފައިވާ ދަނޑިވަޅަކީ ސީރިޔާގެ މައްސަލައިގައި މަޝްވަރާ ކުރުމަށް، އެމެރިކާގެ ހާރިޖީ ވަޒީރު ޖޯން ކެރީ ރަޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ވަގުތެކެވެ.

"ރަޝިޔާ ބޭނުންވަނީ ހަނގުރާމަވެރިންގެ ކިބައިން ސީރިޔާ ސަލާމަތް ކުރަން. އެމެރިކާއިން ބޭނުންވަނީ ހަނގުރާމަވެރިނަނަށް މަދަދު ދީގެން ސީރިޔާގެ ވެރިކަން ވައްޓާލަން،" ބައްޝާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަނގުރާމަވެރިންނަށް އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.