ދުނިޔެ

ޓްރަކަކުން ޖައްސައި ފްރާންސްގައި 70 އަށް ވުރެ ގިނަ މީހުން މަރާލައިފި

Jul 15, 2016

ފްރާންސްގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް އެއްވެތިބި ބައެއްގެ ތެރެއަށް ބާރު ދުވެލީގައި ދުއްވާފައި އައި ޓްރަކެއް ވަދެގަނެ، އޭގެން ޖައްސައި 70 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ.

ރޭ ދަންވަރު ހިނގި މިހާދިސާގައި ގާތްގަނޑަކަށް 73 މީހުން މަރުވެފައިވާ ކަމަށް ފްރާންސްގެ މީޑއާ ރިޕޯޓްތަކުން ބުނެ އެވެ. އަދި 100 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރީ އޭއެފްޕީގެ ކޮރޮސްޕޮންޑޮންޓް ބުނީ މި ހަމަލާއަކީ ގަސްތުގައި ރޭވިގެން ދިން، އިންތިހާއަށް ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.

ފްރާންސްގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލަދީ މީޑިއާތަކުން ބުނެފައިވަނީ މިއީ ގަސްތުގައި މީހުނަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށާއި، ޓްރަކް ތެރެއިން ހަތިޔާރު ވެސް ފެނިފައިވާ ކަމަށެވެ.