ހަބަރު

ފެނަކައިގެ މުވައްޒަފުންނަށް ލީޑަޝިޕް ހުނަރުތައް ދަސްކޮށްދޭން ފަށައިފި

Jul 16, 2016

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ތ. އަތޮޅާއި ލ. އަތޮޅުގައި ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގައިފި އެވެ. މި ޕްރޮގްރާމަކީ ފެނަކައިގެ މުވައްޒަފުންނަށް ލީޑަޝިޕް އުނގަންނަިދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޓްރެއިނިން ޕްރޮގްރާމް ތ. އަތޮޅުގައި ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 12 އާއި 13 ވަނަ ދުވަހު އެވެ. އަދި ލ. އަތޮޅުގައި މި ޓްރެއިނިން ޕްރޮގްރާމް ފަށާފައިވަނީ މިއަދު އެވެ. މާދަމާ ޓްރެއިނިން ނިމޭނެ އެވެ. މި ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ ލީޑަޝިޕް އެކްސްޕާޓެއް ކަމަށްވާ، ކްރިސްޓޮޕާ ރާޖެވެ.

ފެނަކައިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމަކީ ފެނަކައިގެ މުވައްޒަފުންނަށް ލީޑަޝިޕާ ގުޅޭ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ފެނަކައިގެ ބްރާންޗްތަކުގެ މެނޭޖަރުންނާއި އެހެން މުވައްޒަފުން ބައިވެރިވެ އެވެ. މި ޕްރޮގްރާމްގައި ތ އަތޮޅުގެ ހުރިހާ ބްރާންޗަކުން 27 މުވައްޒަފުން ބައިވެރިވިއިރު ލ އަތޮޅުން ބައިވެރިވީ 26 މުވައްޒަފުންނެވެ.

މީގެކުރިން މި ޕްރޮގްރާމް އައްޑު އަތޮޅާއި ފުވައްމުލަކު ގައި ބާއްވާފައިވެ އެވެ. މީގެއިތުރުން ހއ އާއި ހދ އަދި މާލޭ މެއިން ބްރާންޗުގައި ވެސް ޕްރޮގްރާމް ހިންގުނެވެ.