ބޭރު ކުޅިވަރު

ގިނަ ކުޅުންތެރިން ބާސެލޯނާ އަށް ކުޅޭކަށް ބޭނުމެއްނޫން: ކުލަބް

ގިނަ ކުޅުންތެރިންތަކެއް ބާސެލޯނާ އަށް ކުޅެން މިހާރު ބޭނުން ނުވާ ކަމަށް އެކުލަބުން ބުނެފި އެވެ.

ބާސެލޯނާގެ ޓެކްނިކަލް ސެކްރެޓަރީ ރޮބަޓް ފާނާންޑޭޒް ބުނެފައިވަނީ އެކުލަބަށް ކުޅެން ދައުވަތުދޭ ގިނަ ކުޅުންތެރިން މިހާރު ފުރުސަތުދޫކޮށްލާ ކަމަށެވެ.

"ހާއްސަކޮށް މޮޅު ކުޅުންތެރިންތަކެއް މިހާރު އަހަރުމެންނަށް އަންނާކަށް ބޭނުމެއްނުވޭ. އެއީ ޓީމުގައި މޮޅު ކުޅުންތެރިން ގިނަވީމަ. އަހަރުމެންގެ މިހާރު ވެސް މިއޮތީ ވަރުގަދަ ޓީމެއް. މިހެންވެ ޓީމު ވަރުގަދަވީމަ ބައެއް ކުޅުންތެރިން ދަނީ އަހަރުމެންގެ ހުށަހެޅުމަށް ނޫނެކޭ ބުނަން ފަށާފައި،" ފާނާންޑޭޒް ބުނެފައިވެ އެވެ.

އޭނާ އަދި ބުނީ ބާސެލޯނާއިން ދޭ ދައުވަތު މިފަހުން އެންމެ ގިނައިން ދޫކޮށްލާފައިވަނީ ކުރިއަށް ކުޅޭ ކުޅުންތެރިން ކަމަށެވެ.

"އެޓޭކަރުން ހާއްސަކޮށް ފާހަގަކޮށްލެވޭ. އެމީހުން ފުރުސަތު ދޫކޮށްލަނީ އެންމެ ކުރީގައި ތިބި ކުޅުންތެރިންގެ ސަބަބުން. މެސީ އާއި ނޭމާ އަދި ސުއަރޭޒް ތިބީމަ ކުޅުންތެރިންނަށް ހީވަނީ ކުޅެން ފުރުސަތު ނުލިބޭނެއޭ. މިއީ އެންމެ ގިނަ ކުޅުންތެރިން ބާސެލޯނާއަށް އަންނަ މިހާރު އަންނަން ބޭނުން ނުވާ ސަބަބަކީ،" ފާނާންޑޭޒް ބުންޏެވެ.