ލައިފްސްޓައިލް

ގައުމުގެ ބޮޑު ބާބަކިއު: މިފަހަރު 600 މަސް

ހއ. އުލިގަމު ރައްޔިތުން މިއަހަރުގެ ރޯދަ މަސް ނިންމާލާ ހަ ރޯދަ ހިފަން ފެށީ މިއަހަރުގެވެސް މަސް ފިހުމުގެ އީދަށް މުޅި ރަށް އިންތިޒާރު ކުރަމުންނެވެ. ކުރިޔާލާ ރާވާ މަސް ފިހުމުގެ ކަންތައްތައް ކުރާނެ ގޮތް ރަށުގެ ހުރިހާ ރައްޔިތުން ވެގެން ނިންމާ ތައްޔާރީތައްވެސް ފެށީ އެވެ. އެގޮތުން ފިރިހެންވެރިންގެ ތެރެއިން ބަޔަކު އެކަމަށް ބޭނުންވާ ދަރު އެއްކުރި އިރު އަންހެން ވެރިން ދިޔައީ މަސް ފިހުމަށް ބޭނުންވާ ނާށި ހޯދަމުންނެވެ. މަސް ފިހަން ބޭނުންކުރާ އޫވެސް އެކަމަށް ހާއްސަ ގުރޫޕަކުން ތައްޔާރުކުރި އެވެ.

ދަރާއި ނާއްޓޭ ބުންޏަސް އެއީއަކީ މަދަކު ބައިވަރެއް ނޫނެވެ. ފުނިޖަހާލާފައިވާ ދަރު ފުނި ފުންޏެވެ. ނާށި ފުނިތަކެވެ. ސަރާސަރު ދިގަށް ބަނދަރު ސަރަހައްދުގައި ދަމާލާފައިވާ ބޮޑު އުނދުނަށް ބޭނުންވާނެ އަނގުރު އަލިފާން އެންދުމަށް އެއްބަޔަކު ދިޔައީ ތައްޔާރުވަމުންނެވެ.

ފިރިހެންވެރިންގެ އަތްމައްޗަށް މަސް ފިހުން ދޫކޮށްލާ މިފަހަރުވެސް އަންހެންވެރިން ކުރި ކަމަކީ މަހާއެކު ކާން މީރުކޮށް ބޮނޑިބަތް ކެއްކުމެވެ. މިފަހަރު ބޮޑިބަތް ކައްކާލީ ތަފާތު ކުލަކުލައިގަ އެވެ.

މި އީދު ފާހަގަ ކުރަން ނިންމީ މިދިޔަ ހޮނިހިރު ދުވަހެވެ. ނަމަވެސް މޫސުން ތަން ނުދިނުމުން ރެއަށް ފަސް ކުރީ އެވެ. 600 އެއްހާ މަސް ރޭ ފިހުނު އިރު އެހުރިހާ މަހަކީވެސް މިކަމުގައި ހަރަކާތްތެރިވި ގުރޫޕުތަކުން ދޯނިތަކުގައި މަހަށް ނުކުމެގެންނެވެ. އެދުވަހު ރަށުގެ ހުރިހާ ދޯންޏެއްވެސް މަހަށް ނުކުތީ މިކަމަށެވެ.

މިކަމަށް ވަކި ހާއްސަ ވައްތަރެއްގެ މަހެއް ނެތެވެ. ވިހަ އެއް ނޫނިއްޔާ ބޭނުން ކޮންމެ މަހެއްވެސް އެންމެ ރަނގަޅެވެ. ފަރު މަހެއް ވިޔަސް ކަނޑުމަހެއް ވިޔަސް އޯކޭ އެވެ. އެކަމަކު ތާޒާ މަހެވެ. ފިނިކުރި މަހުގައި މި ބޮޑު މަސް ފިހުމުގައި ލޮނު މިރުހެއް ނާޅާނެ އެވެ. މުޅިން ވެސް އެދުވަހު ބޭނި ނޫނީ ހިފި ތާޒާ މަހެވެ.

އުލިގަމުގެ ބޮޑު ބާބަކިއުގެ ކަންތައްގަނޑު ފެށުނީ ކޮން އިރަކު ކަމެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް މިދިޔަ 15 އަހަރު ވެސް ކޮންމެ ޝައްވާލް މަހެއްގައި ވެސް މެދުކެނޑުމެއް ނެތި މަސް ފިހުމުގެ ހަރަކާތް އުލިގަމު ރައްޔިތުން މި އަންނަނީ ކުރަމުންނެވެ. ޒުވާން ގުރޫޕަކުން ފެށި މަސް ފިހުން ފުޅާވެ ރަށު ފެންވަރުގެ ކަމަކަށް ބަދަލުވީ އެވެ. އަންނަ އަހަރުވެސް ބާއްވަން މިހާރުއްސުރެ ނިންމައިފި އެވެ.

ރޭ އޮތް މި ހަރަކާތުގައި އެރަށުގައި ދިރިއުޅޭ 400 އެއްހާ މީހުން ބައިވެރިވި އެވެ. ކުދި ބޮޑު އެންމެނެވެ. މަސް ފިހެފައި ހުރީވެސް އެންމެނަށް ކެވޭ ގޮތަށެވެ. ރަށުން ބޭރުންވެސް ކުޅި ބަލައިލަން ބަޔަކު އައިސްގެން އުޅެ އެވެ. އެމީހުންނަކަށް ވަކި ތަފާތެއް ނެތެވެ. ރަށުގެ ރައްޔިތެކޭ ހަމަހަމަ އެވެ.

މިއަހަރު އުލިގަމު މަސް ފިހުމަށް ނާދެވުނު މީހުން ހާސްވާނެ ކަމެއް ނެތެވެ. އަންނަ އަހަރު އަންނަން މިހާރުއްސުރެ ފޮށި ތަންމަތި ތައްޔާރުކުރަން ފަށާށެވެ. މީރުކޮށް ކާލެވުމުގެ އިތުރަށް އެއްބައިވަންތަކަމުގެ ފުރިހަމަ މިސާލެއްވެސް ފެނިގެންދާނެ އެވެ