ވިޔަފާރި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ 60 ޕަސެންޓް ހިއްކައިފި

ހުޅުމާލެ ހިއްކުމުގެ 60 ޕަސެންޓް މަސައްކަތް މިހާރު ވެސް ނިމިފައިވާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ މުހައްމަދު ސައިމަން މިއަދު ވިދާޅުވީ ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލްއާ ހަވާލުކޮށް ގެން ކުރަުންއަންނަ، ހުޅުމާލެ ހިއްކުމުގެ މަސައްކަތުގައި މިހާތަނަށް 140 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށެވެ. ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ހަރަދު ކުރާ އެ މަޝްރޫއުގެ ދަށުން އިތުރު، 240 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ރާވައިފަ އެވެ. ސައިމަން ވިދާޅުވި ގޮތުގައި ކުރިން ވެސް ރޭވިފައިވާ ގޮތަށް އަންނަ މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ އެވެ.

"އެއްވެސް މައްސަލައެއް ނުޖެހި ޕްލޭނާ އެއްގޮތަށް ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އެބަދޭ. ޑެޑްލައިންތަކަށް އަޅުގަނޑުމެންނަށް މީޓް ކުރެވޭނެ،" ސައިމަން ވިދާޅުވި އެވެ.

ހިއްކި ސަރަހައްދުގައި ވަށައިގެން ޝީޓްޕައިލް ކޮށް، ކަނޑު ތޮށިލާ ހެދުމާ އެކު ދެވަނަ ފިޔަވަހި އެއްކޮށް ނިންމާލުމަށް، ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވާނެ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

އެރަށާއި އެއްފަޅެއްގައި އޮންނަ ކްލަބްފަރާ އެކު އެ ރަށް އަލަށް ހިއްކުމުން، ހުޅުމާލޭގެ ބޮޑުމިނުގައި 428 ހެކްޓަރު ހުންނާނެ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުގައި 100،000 މީހުންގެ އާބާދީއެއް ވަޒަންވެރި ކުރުވުމަށް ސަރުކާރުން ވަނީ ރާވައިފަ އެވެ. އަދި އެ ރަށުގައި އޮފްޝޯ ފައިނޭންސާއި ޔޮޓް މެރީނާ އާއި ހައުސިން މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ ޕްލޭންކޮށްފަ އެވެ.