ދުނިޔެ

ތުރުކީގެ ބަޣާވާތާ ގުޅިގެން އޭޝިއާގައި ތެލުގެ އަގު މައްޗަށް

Jul 18, 2016

މިދިޔަ ހުކުރު ދުވަހުގެ ރޭ ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތާ ގުޅިގެން އޭޝިޔާގެ ބާޒާރުގައި ތެލުގެ އަގުބޮޑުވެއްޖެއެވެ.

މިއަދު އޭޝިޔާގެ މާކެޓްގައި ތެލުގެ އަގު ވަނީ ކުރިން ހުރި ވަރަށް ވުރެ 26 ސެންޓް މައްޗަށް ޖެހިލާފައެވެ. މިވަގުތު އޭޝިއާގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގަކީ 47.87 ޑޮލަރެވެ. މި އަގަކީ ހަފުތައަކަށް ދެ ޕަސަންޓްގެ އިތުރުވުމެކެވެ.

އެމެރިކާގެ ބާޒާރުގައިވެސް މިއަދު ވަނީ ތެލުގެ އަގު 10 ސެންޓް އުފުލިފައެވެ. އެމެރިކާގައި މިއަދު ތެޔޮ ފީފާއެއްގެ އަގު އުޅެނީ 46.05 ޑޮލަރުގައެވެ. މިއީ ހަފުތާއަކަށް އެއް ޕަސަންޓްގެ އިތުރުވުމެކެވެ.

"މިއީ ތެޔޮ ސަޕްލައި ކޮށް ނުދެވުމުގެ މައްސަލައެއް ނޫން. މިއީ ޝޮޓްޓާމް ރިސްކެއް ނޫން. ތެލުގެ އަގު މަތިވެފައިވަނީ ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތާ ގުޅިގެން،" އޮސްޓްރޭލިއާގެ ސިޑްނީގެ ސީއެމްސީ މާކެޓްގެ ޗީފް އެނަލިސްޓް ރިކް ސްޕޫނާ ބުންޏެވެ.

ތުރުކީގެ އިސްތަންބޫލްގެ ބޮޝްޕަރަސް ޕޮއިންޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެޔޮ ބަރުކޮށްގެންދާ ބޯޓުތަކުގެ ތެރެއިން ތިން ޕަސަންޓް ހިއްސާ ކުރާ ޕޮއިންޓެވެ. ބްލެކް ސީގެ ސަރހައްދަށާއި ކެސްޕިއަން ސަރަހައްދަށް އެންމެ ގިނައިން ތެޔޮ ބަރުކޮށްގެންދާ ބޯޓުތައް އެންމެ ގިނައިން ބޭނުން ކުރަނީ ބޮޝަޕަރަސް ޕޮއިންޓެވެ. ހުކުރު ދުވަހުގެ ރޭ ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން ބަންދުކުރި ބޮޝްޕަރަސް ހުޅުވައިފައިވަނީ ހޮނިހިރު ދުވަހު އެވެ.