ހަބަރު

ހިޔާލުތަފާތުވުންތައް މަޝްވަރާއިން ހައްލު ކުރާނަން: އަބްދުއްރަހީމް

ޕާޓީގެ ތެރޭގައި މިހާރު ޖެހިގެން އުޅޭ މައްސަލައިގައި ބޭނުން ވަނީ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ޕާޓީގެ ތެރޭގައި މަޝްވަރާ ކޮށްގެން ކަންކަމަށް ހައްލު ނެރެގެން ކުރިއަށް ދާން ކަމަށް ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހިޔާލުތަފާތުވުންތައް އުފެދި، އެންމެ ފަހުން ޖަލްސާ ދޫކުރައްވާ ގިނަ މެންބަރުން ބޭރަށް ވަޑައިގެން މައްސަލައިގައި އެ މެންބަރުން މިރޭ ބޭއްވި ޕްރެސްގައި، އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުން ކައުންސިލްގެ ބައްދަލުވުމުން ނިކުތީ ގަބޫލު ކުރާ އުސޫލުތަކުގައި ހިފަހައްޓައި ޕާޓީގެ އުސޫލުތައް ނެގެހެއްޓުމަށް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕާޓީގެ ކައުންސިލްގެ ގިނަ މެންބަރުން ގަބޫލު ކުރަނީ، ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން އާއި އައިމިނަތު ނާދިރާ ޕާޓީ އިން ވަކިކޮށްފައި ވާތީ އެ ބޭފުޅުންނަށް ޕާޓީގެ ކައުންސިލްގައި ނުތިއްބެވޭނެ ކަމަށެވެ. އަދި ފާރިޝް އާއި ނާދިރާ ވަކިކުރުން ސައްހަ ނިންމުމެއް ކަމަށް ބުނާ ބުނުން އޭނާ ތަކުރާރު ކުރެއްވި އެވެ. އަދި ވިދާޅުވީ ވަކިކުރި ބައްދަލުވުން ވެސް ބޭއްވި އުސޫލުތަކުގެ ތެރެއިން އަސާސީ ގަވާއިދުގެ ތަރަހައިގެ ތެރޭގައި ކަމަށެވެ. އަދި އެ ނިންމުމަށް ހިތްހަމަ ނުޖެހޭ ނަމަ މައްސަަލަ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމަށް ވެސް އަބްދުއްރަހީމް މިރޭ ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން ޕާޓީއަކީ ވަރަށް ޑިމޮކްރަޓިކް އުސޫލުތަކެގެ ތެރެއިން އުފެދިފައި އޮތް ޕާޓީއެއް. އެ އުސޫލުތައް ދެމެހެއްޓުމަކީ ޕާޓީގެ ހުރިހާ މެންބަރުން ވެސް ބޭނުންވާ ކަމެއް. އަދި މި މައްސަލަތައް ހައްލުކުރަން ބޭއްވި ކައުންސިލް ބައްދަލުވުމުން ނިކުންނަން ޖެހުނީ އުސޫލުތަކަށް ތަބާވުމުގެ ގޮތުން،" އަބްދުއް ރަހީމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ޕާޓީގެ ރައީސްއަށް ދެންނެވިން ސުލްހަވެރިކަމައި އެކު ޕާޓީ ތެރޭގައި އިންޓާނަލް މައްސަލަތައް ހައްލުކުރަން ތައްޔާރަށް ހުރި ކަމަށް އަދި ބޭނުން ވަނީ ހަމަޖެހިގެން ޕާޓީ ވަރުގަދައަށް ކުރިޔަށް ގެންދަންކަމަށް ނަމަވެސް ޕާޓީއިން ވަކިކޮށްފައި ހުރި ދެ މެންބަރުން އެތާ ތިއްބެވީމައި އެ ބޭފުޅުންނާއި އެކީގައި ސައްހަ ބައްދަލުވުމެއް ކުރިޔަށް ނުގެންދެވޭނެ ކަމަށް،"

އަބްދުއްރަހީމް އަދި ވިދާޅުވީ މިހާރު ޖެހިގެން އުޅޭ މައްސަލަތައް މަޝްވަރާގެ މަތިން ހައްލު ކުރެވޭނެ ކަމަށެވެ. މިރޭ ޖެހުނު މައްސަލައިގައި ވެސް ޕާޓީގެ ރައީސް މަޝްވަރާގެ އުސޫލު އިސްކޮށް އަސާސީ ގަވާއިދާ އެއްގޮތަށް މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. މީގެ އިތުރަށް އޭނާ ވިދާޅުވީ ހިޔާލު ފަތާތުވުންތައް އުޅުނަސް ޕީޕީއެމް އަކީ ވަރަށް ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި މަޝްވަރާގެ އުސޫލުން ކަންކަން ހައްލު ކުރާނެ ކަމަށެވެ.

"މާދަމާ ވެސް އަޅުގަނޑުމެން މިތިބީ މަޝްވަރާތަކަށް ދާން ރެޑީގައި. ނަމަވެސް މާދަމާ ދިޔަޔަސް ކައުންސިލްގައި ބައިވެރިވެގެން ކުރިޔަށް ގެންދާނީ އެދެ ބޭފުޅޫންނާއި [ފާރިސްއާ ނާދިރާ] ނުލާ. ނަމަވެސް އަޅުގަނޑުމެން ބޭނުން ޕާޓީގައި މަޝްވަރާކޮށްގެން ސުލްހަވެރި ކަން ގެނެސް ހައްލު ހޯދަން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.