މެލޭޝިއާގެ ޑިވްލަޕްމެންޓް ބޭންކުން ގެއްލުނު 1.3 ބިލިއަން ޑޮލަރުގެ މައްސަލަ ތަހްގީގު ކުރާނެކަން އެމެރިކާގެ ފެޑްރަލް ޑިޕާޓްމެންޓުން ބުނެފިއެވެ.
މެލޭޝިއަން ޑިވްލަޕްމެންޓް ބޭންކް (އެމްޑީބީ) ބޭންކަކީ މެލޭޝިއާގެ އިގްތިސޯދީ ތަރައްގީގެ މަޝްރޫތަކަށް އިންވެސްޓްކުރުމަށް 2009 ވަނަ އަހަރު ހުޅުވި ބޭންކެކެވެ.
އެ ބޭންކުން 1.3 ބިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބް ރަޒަގްގެ ގާތް މީހެއްގެ އެކައުންޓަށް ކަމަށް އެމެރިކާގެ ފެޑްރަލް ޑިޕާޓްމެންޓުން ވަނީ ބުނެފަ އެވެ.
ފެޑްރަލް ޑިޕާޓްމެންޓުން ބުނީ އެ ފައިސާ ހަރަދުކޮށްފައިވަނީ އެމެރިކާގެ ފައިން އަޓްސްގެ ދާއިރާގެ އިތުރުން އެމެރިކާއާއި ލަންޑަންގެ އަގުބޮޑު ރިއަލްއެސްޓޭޓްގެ ވިޔަފަރީ ބައްލަވައިގަތުމަށެވެ. އަދި 35 މިލިއަން ޑޮލަރު ޕްރައިވެޓް ޖެޓެއްވެސް ބައްލަވައިގެންފައިވާ ކަމަށްވެސް ފެޑްރަލް ޑިޕަޓްމެންޓުން ވަނީ ތުހުމަތުކޮށްފައެވެ.
އެފައިސާ ޖަމާކޮށްފައިވަނީ ނަޖީބް ރަޒަގްގެ ދޮންދަރިކަލެއް ކަމަށްވާ ރިޒާ އަޒީޒުގެ އެކައުންޓަށެވެ.
ރިޒާ އަޒީޒްއަކީ ވޮލްފް އޮފް ވޯލްސްޓްރީޓް ފިލުމު ޕްރޮޑިއުސް ކުރި 'ރެޑް ގްރެނިޓް ޕިކްޗާސް ޕްރޮޑެކްޝަންގެ' ކޯ ފައުންޑަރެވެ. އަދި އެފިލުމުގެ ޕްރޮޑިއުސަރުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އަދި 2013 ވަނަ އަހަރު ނެރުނު ހޮލީވްޑްގެ ފިލްމް 'ދަ ވޮލްފް އޮފް ވޯލް ސްޓްރީޓް' އަށް ވެސް ހަރަދުކޮށްފައިވެ އެވެ.
"ބަލަމުން މިދަނީ ފެޑްރަލް ޑިޕާޓްމެންޓްގެ ދަށަށް އެއައިޓަމްތައް ނަގަން. އަހަރެމެން ދޭން ބޭނުންވާ މެސެޖަކީ ކޮރަޕްޝަންގެ ޕްލޭގަރައުންޑަކަށް އެމެރިކާ ހަދަން ފުރުސަތު ނުދޭނެ ވާހަކަ. އަދި އެމެރިކާއަކީ މަނީ ލޯންޑަރިންގެ ޕްލެތްފޯމަކަށް ހަދަން ފުރުސަތު ނުދޭނަން. ނުވަތަ އެ އަމަލުތައް ފޮރުވޭނެ އެއްވެސް ފުރުސަތެއް އެމެރިކާގެ ތެރެއިން ނުދޭނަން،" ލޮސްއެންޖަލްސްގެ އެޓާނީ ޖެނަރަލް އިލީން ޑެކާ ވިދާޅުވިއެވެ.
މިއަދު ހެދުނު މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމައްސަލައިގެ ތަހްގީގަށް ބޮޑުވަޒީރުގެ އޮފީހުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. ނަޖީބު ވަނީ މީގެ ކުރިންވެސް ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.