ފިނިޕޭޖް

އަޝްފާގެ ފެޝަންގެ ކުލަ ދުނިޔެ އާއި މިނިވަން ހިޔާލު

ފެޝަން އޭ ސްޓައިލޭ ކިޔާނަމަ މަރިޔަމް އަޝްފާގެ ވާހަކައަކީ ހަމަ ކޮންމެހެންވެސް ދައްކަން ޖެހޭނެ ވާހަކަ އެކެވެ. ލަވަޔާއި މިއުޒިކާ ދިމާލަށް އެނބުރި ލިއަސް އަޝްފާގެ ވާހަކައާ ނުލާ އެވާހަކައެއް ފުރިހަމައެއް ނުވާނެ އެވެ. ބުރުގާ އެޅުމަކީ ފަހުގެ ފެޝަންއަށް ސަލާމްބުނެ ފެޝަނާ ވަކިވާންޖެހޭ ކަމަށް ގިނަ ބަޔަކަށް ހީވި ހީވުމަކީ ކުށް ހީ އެއްކަން ސާބިތުކޮށްދީ ބުރުގާ އަޅައިގެން ތިއްބަސް ފެޝަނާ އެއްވަރަކަށް ދުވެވޭނެކަން ސާބިތުކޮށްދިން އެކަކީ އަޝްފާ އެވެ.

ފެޝަން އަދި ލަވަ ކިޔުމުގައިވެސް އެތައް އަންހެން ކުދިންނެއްގެ އިންސްޕިރޭޝަނަކީ އަޝްފާ އެވެ. މިއީކީ ދޮގުކުރެވޭނެ ވާހަކަތަކެއް ނޫނެވެ. ސޯޝަލް މީޑިއާގައި ފެންޓާ ފުޅިއަކަށްވިޔަސް އެހެން އެއްޗަކަށް ވިޔަސް އެއްގޮތްކޮށް ކިޔާފައި އަދި ކުރިއަށް އޮތްތާގައި ކިޔާ ކޮންމެ ފާޑު ކިޔުމަކީވެސް ކޮމްޕްލިމެންޓެއް ކަމަށް ބަލައި އަޝްފާ ހުރީ ކުރިއަށްދާން ތައްޔާރަށެވެ.

އަޝްފާއަކީ ތަފާތު ސްޓައިލެއްގެ އާޓިސްޓެކެވެ. ތިރީގައި މިއޮތީ މި ތަފާތު އާޓިސްޓު އަވަސް ވީކެންޑްއަށް ދިން ހާއްސަ އިންޓަވިއު އެވެ.

ސޭންޑީ މި ވަނީ އަޝްފާގެ ހަޔާތުގެ ވަރަށް ހާއްސަ މީހަކަށްވެފައި. މިހާ ގިނަ ފަހާ މީހުންނާއި ފެޝަން ޑިޒައިނަރުން އަދި މޭކަޕް އާޓިސްޓުންނާއި ސްޓައިލިސްޓުން އުޅޭއިރު ވެސް އަޝްފާ އަށް ސޭންޑީ މިވަރަށް ކަމުދަނީ ކީއްވެގެން؟

"ސޭންޑީ އަކީ ފުލް ޕެކޭޖެއް. ސްޓައިލް ކުރުމާއި ބުރުގާ އެޅުމާއި މޭކަޕްވެސް ވަރަށް ފަހުން ކޮށްފި، ވަރަށް ހިންމަޖެހޭ. ސޭންޑީއާ ދިމާވީމަ ފުރަތަމަ ޓެސްޓަކަށް ބަލައިލީ މަސައްކަތްތައް. ފްރެންޑެއްގެ ފިހާރައިގައި ވޯކް ކުރާ ކުއްޖެއް ގޮތަށް ފެނުނީ ފުރަތަމަ. ވަރަށް ގާތް ރައްޓެއްސެއް މި ޒުލޭ. ޒުލޭގެ ފަރާތުން އެނގުނީ ސޭންޑީ. ދެން އޭރުގައި ފަހާ ތާންގައި އިން ހެދުމެއްގައި އަޅައިގަތީ. ކޮށްފައި ހުރި މަސައްކަތްތައް. އެއީ ސޭންޑީކަން އެނގުނު ހިސާބުން އެނގުނު ތަފާތެއް އެބަހުއްޓޭ ވަރަށް ސަޅިއޭ ވޯކް ކޮށްލަން. ޓްރައި ކޮށްލާނަމޭ އެހެން ހިތަށް އަރައިގެން ލިބުން ޗާންސްގައި ފުރަތަމަ އެކަތި ފެހީ. ދެން ޒުލޭ ފިހާރައިގައި ބުރުގާ ޓްރެއިލާއެއް އިޝްތިހާރުކުރަން އޭގެ ފޮޓޯތަކެއް ނަގަން ވަރަށް ފާސްޓުކޮށް. ވަރަށް ތަފާތުކޮށް އެކި ބުރުގާ އެޅީ. ވަރަށް ފާސްޓު ވަރަށް ކުޑަ ވަގުތުކޮޅެއް ތެރޭގައި. އޭތި ފެނިފައި ހިތަށް އެރީ މީއަދި މާ ޕްލަސް ޕޮއިންޓެކޭ. އެއީ ހެދުން ޕްލަސް ބުރުގާ އެ ހުރިހާ އެއްޗެއް އެއްކޮށް އަންނާތީ. ދެން ފަސޭހަވާނޭ. އެހެންވެ އެގޮތަށް ސޭންޑީ ޗޫޒްކުރީ."

ބުނެވިދާނެތަ ފިރިމީހާ ތޭރަވާ އަށް ވުރެން ވެސް ހާއްސަ މަގާމެއް ދެވިފައިވާ މީހެކޭ ސޭންޑީ އަކީ މިހާރު؟ ނުވަތަ ސޭންޑީ އާއި ތޭރަވާއާ ދެ މީހުންގެ ތެރެއިން މީހަކު ނަގާ ނަމަ ކާކު ޗޫޒްކުރާނީ؟ ޔަގީނަށް ވެސް ސޭންޑީ ނުނަގައިފި ނަމަ ރީއްޗަކަށް ހެދުމެއް ނޭޅޭނެ. އޯކޭ؟

" އޮފްކޯޒް ތޭރަ ޗޫޒްކުރާނީ. ފުރަތަމަ މީހުންނަށް ލަވަކިޔާ މީހެއް ގޮތަށް ފެންނާނީ. އެހެންވީމާ ތިބުނީ ވަރަށް މުހިންމު ދެ މީހުންގެ ވާހަކަ. ކޮންމެ ގޮތެއް ވިޔަސް އެތަނުން ޗޫޒް ކުރާނީ ތޭރަ. އެންމެ ފުރަތަމަ ޕްރިއޯރިޓީ ދެވޭނީ ތޭރައަށް."

މީހުން ވަރަށް ފާޑުފާޑުގެ ވާހަކަ ދައްކާ އަޝްފާއާ ބެހޭ ގޮތުން. ވަކިން ހާއްސަކޮށް، ސޭންޑީގެ އެހީއާ އެކު ހެދުން އަޅައިގެން ހުންނަ ގޮތްތަކަށް. މީހުންނަށް އެގޮތަށް ފާޑުކިއިދާނެ ކަމަށް ގަބޫލުކުރަންތަ؟

" މީހުންނަށް ފާޑު ކިޔޭނެ. މީހުން ދައްކާ ވާހަކައެއް ގައިމުވެސް ނުއެއް ހުއްޓުވޭނެ. ކިޔާނެ ދެން. ނެގެޓިވް އާއި ޕޮޒިޓިވް އާ އުޅޭނެ. އޭގެތެރެއިން ހުރިހާ އެއްޗެއްވެސް ބަލައިގަންނަން އަސްލު. "

އެގޮތަށް ފާޑުކިޔާ މީހުންނަށް އަޝްފާ ބުނެލަން ބޭނުންވަނީ ކީކޭތަ؟ ހެދުން އެޅުމުގައި އަޝްފާ އަހަން ޖެހެނީ އެމީހުންގެ ބަސްތަ ނުވަތަ ސޭންޑީގެ ބަސްތަ؟

" ވަކި ސޭންޑީގެ ބަހެއްވެސް ނޫން އަސްލު. އަމިއްލައަށް ހިންހަމަޖެހޭ އެންމެ ކޮމްފޮޓަބަލް އެއްޗަކަށް އަބަދުވެސް ދަނީ. އަމިއްލައަށް ބޮޑަށް ވިސްނަނީ. އެހެން އެއްޗެހި ކިޔާ މީހުންނަށް ބުނެލާނީ ފާޑު ކިޔާށޭ. އޯކޭ އޭ ހަމަ. ގަބޫލުކުރަމޭ. ފާޑު ކީމައޭ ކުރިއަށް ދާނީ."

ވަރަށް ފަހުން ސޯޝަލް މީޑިއާގައި އެއްބަޔަކު އުޅުނު ފެންޓާ ފުޅިއަކާ އެއްގޮތްކޮށްގެން ވެސް އަޝްފާ އަށް މަލާމާތްކުރުމުގައި. މީހުން އެގޮތަށް ފާޑުކިޔާތީ ދެރަވޭތަ ނުވަތަ އަހަރެން ހިތަށް އަރަނީ ކީކޭބާއޭ އަޝްފާ ހިތަށް އަރަނީ؟

" އެގޮތަށް މީހުން ފާޑު ކިއަސް ނުވޭ ދެރައެއް. ވަރަށް ރަނގަޅު ކޮމްޕްލިމެންޓްއެއް. ޕާފެކްޓްކޮށް މީހުން ހަދާ އެއްޗެހީގައި ޝޭޕް ވައިސްކޮށް، އޭއްޗެސްގައި، ވިއްކަން ހަދާ ޕްރޮޑަކްޓެއް ދޯ އެއީ. އެހެންވީމަ އޭތި ނުހަދާނެތާ ގޯސް ކޮންނެއް. އެ ރަނގަޅު ވީމަ އޭ ކޮމްޕްލިމެންޓް ދޭނީ. ނުނަގަން ނެގެޓިވްކޮށް އެއްވެސް އެއްޗެއް އެހެން ބުނާ. "

ކޮންމެއަކަސް މިހުރިހާ ފާޑުކިޔުންތަކަކާ އެކު ވެސް، ހަމަ ކުރިއަށްތާ ތި ދަނީ ހުއްޓުމެއް ނެތް.ކޮބައިތަ އެންމެ ބޮޑު ހިތްވަރަކީ މިގޮތަށް ކުރިއަށް ދާން؟

"ކުރިއަށްދާން އެންމެ ބޮޑު ހިތްވަރަކީ އަބަދުވެސް ތޭރަގެ ސަޕޯޓް ފުލީ ލިބޭތީ. ދެން އޭގެ އިތުރުން ލަވައިގެ ކަންތަކުގައި އަބަދުވެސް އެހީވެދޭ ފަރާތެއް ޝިހާމް. ޝިހާމަށް ވަރަށް ބޮޑަށް ތެންކިއު. ދެން ހަމަ އަޝްފާ އަޝްފާގެ ގޮތުގައި ސްޓައިލްކޮށްދޭ، ހިންހަމަޖެހޭ ޑިޒައިނާސް ސޭންޑީ. މިހާރުވެސް މިފެންނަނީ ސޭންޑީގެ ޑިޒައިން. ވަރަށް ކަމުދޭ ހަމަ."

ދެން ހެދުން އެޅުމުގެ ވާހަކަ ދައްކާއިރު، ހަމަ އަހާލާހިތްވަނީ ކޮބައިހޭ އަޝްފާ އެންމެ ބޭނުންވާ ގޮތަކީ؟ ސޭންޑީގެ މޮޅެތި ސްޓައިލިންތަކުގެ ވާހަކަ އެއް ފަރާތެއްގައި ބާއްވަމާ ހިނގާ. އަޝްފާގެ އާންމު އަދި އެންމެ ހިތްކިޔާ ސްޓައިލްތައް؟

" ވަކި ސްޓައިލެއްގައި އެއްވެސް އިރެއްގައި ސްޓަކްވެފައެއް ނީނދޭ. އަބަދުވެސް ބަލަނީ ތަފާތަކަށް. ތަފާތު ކުރެވޭ ތޯ. އެއް ކަހަލަ އެއްޗަކަށް މާ ބޮޑަށް ދާކަށް ބޭނުމެއްވެސް ނޫން. އޭރަކަށް އެ ވަގުތަކަށް ކަމުދާ ކަހަލަ ގޮތަކަށް އެ އެޓްމޮސްފިއާ އާ ގުޅޭކަހަލަ ގޮތަކަށް ޑްރެސް ކުރެވޭތޯ."

އެހެންވީމަ ކީއްވެ ބުރުގާ އެޅީ؟ އަޅާ ހިތުންތަ ނުވަތަ ބުނެވިދާނެތަ މީހަކު ނުވަތަ އާއިލާ މީހުން ބާރު އަޅައިގެންނޭ ބުރުގާ އެޅީ؟

"ބުރުގާ އެޅީ ހަމަ އަމިއްލައަށް ބޭނުންވެގެން. ފެމެލީ ތެރޭގައި ވަރަށް ވާހަކަ ދެކެވިގެންނާވެސް އެކީގައި. އަމިއްލައަސް ބޭނުންވެގެން ހަމަ އެޅީ."

ގަބޫލުކުރަންތަ، ބުރުގާ ތިގޮތަށް އެކި ސްޓައިލްތަކަށް، ފެޝަނާ މަސްހުނިކޮށްލައިގެން އެޅުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް. މީހުން ބުނޭ ހާއްސަކޮށް ދީނީ ގޮތުން ދަންނަ މީހުން ބުނާ އަޑު އިވެނީ ތިހެން (މިހެން، މާއްކޮވެސް އަޅާ ގޮތަށް) ބުރުގާ އަޅާކަށް ނުވާނެއޭ. ކޮބައިތަ އަޝްފާގެ ހިޔާލަކީ މިކަމުގައި؟

" އެކި މީހުންގެ ވިސްނުން ދޯ އެއީ. އޭގައި އަޝްފާ އަސްލު ފެޝަނަށް ލޯބިކުރެވޭ އެންމެ ކުޑައިރުވެސް. އެހެންވީމަ ތަންކޮޅެއް ލަސްވީވެސް ބުރުގާ އެޅުމަށް. އޭތި ކުޑަކޮށް ލެކްވާނެ އޭ ހިތަށް އަރާފައި. އެކަމަކު ބުރުގާޔަކީވެސް މުޅިއަކުން ގޯސްކޮށް ނުފެންނަ ވަރަށް އަބަދުވެސް ދެން ބަލައިގެން ފެށިގެން އައި އިރުގައި އައީ. ފެޝަނަށް ލޯބުކުރާތީ ވާގޮތެއް އެއީ ލާ އެއްޗެހި އާ. އެއީ ކަންނޭނގެ މިއަންނަ ތަފާތަކީ. ފާޑު ކިޔާނެ ކޮންމެ ގޮތަކަށް ހުއްޓަސް އެއަކަށް ނުހިފޭއްޓޭނެ. އޯކޭ ހަމަ. "

އަޝްފާގެ ހެދުންއެޅުމުގެ ސްޓައިލާ މެދު ފިރިމީހާ ދެކޭ ގޮތަކީ؟ މީހުން ފާޑުކީމަ، ފިރިމީހާ ކީކޭތަ ބުނަނީ، ހިތްވަރު ވެސް ދޭނެތާ؟

" ފިރިމީހާ ވަރަށް ސަޕޯޓިވް އަބަދުވެސް. އެއަކަށް އެއްވެސް ފޯސް ކަމެއް ނީންނާނެ. އެއްވެސް ކަމަކަށް އަނެއްހެން ފޯސް އެއް ނުކުރާނެ ތޭރަ އެއް. އަބަދުވެސް އަޝްފާ ބޭނުމިއްޔާ ބޭނުން ގޮތަކަށް އެކަން އިންނާނީ. ބައެއް ކަންތައްތައް ހުންނާނެ ދެން މިހެން ބުންޏަސް ކޮންޓްރޯލްގަ ދޯ. "

އަޝްފާގެ ހެދުން އެޅުމުގެ ސްޓައިލް ބަދަލުކުރަން އާއިލާ އިން އެއްވެސް ވަރަށް ބާރު އަޅާތަ؟

" ފެމެލީން ބުނާނެ އެހެން ދޭތެރެއަކުން ބުނެލާ. އެކަމަކުވެސް ދެން ޑްރެސް ކުރުމަކީ އެހެން މީހަކަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން އަޝްފާ ދެކޭ ގޮތުގައި. އަމިއްލަ މީހާ ހިންހަމަޖެހެންށާ އެކީގައި އިންނާނީ. ބޮޑަށް ހަމަ އަމިއްލަ މީހާ ހިންހަމަ ޖެހޭތީ. އެއަކަށް ދެން ފާޑުކިއަސް، އަނެއްހެން ބަދަލު ގެންނަން ބޭނުން. އެކަމަކުވެސް ދެން ހަމަ އެއްޗެހި ފެންނަވަރުން ދާހެން އެގޮތަށްވަނީ އަސްލު. އެއީ ދެން ފެޝަނަށް ލޯބިކުރާތީ ވާގޮތްދެން. ހަމަ ކޮންމެ މީހަކުވެސް ލާހިތްވާނެ. އެގޮތަށް"

އެހެންވީމަ މިހާ ފެޝަންއާ މަސްހުނިވެގެން އުޅެން ހިތްކިޔާ ނަމަ ބުރުގާ ބާލަފާނަންތަ؟

" ބުރުގާ ބޭލުމުގެ ހިޔާލެއް އެއްވެސް ވަރަކަށް ނެތް. ހިއެއް ނުވޭ ބުރުގާ ބާލަފާނެ ހެނެއް"

ދެން ހިނގާ ލަވަ ކިޔުމުގެ ތެރެއަށް ޖެހިލަމާ. ބުނެވިދާނެތަ އަޝްފާގެ ލަވަކިޔުމުގެ ހަޔާތުގެ އެންމެ މުހިންމު މީހަކީ ނުވަތަ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ފިރިމީހާ ތޭރަވާއޭ؟

" ލަވައިގައި އިންސްޕިރޭޝަން އަކަށް ބޮޑަށް އެންމެ ބަލަނީ ތޭރަ. ތޭރަގެ އެންމެ ބޮޑު ސަޕޯޓަކާއެކު އެންމެ ގިނަ އެކްސްޕީރިއަންސް ކުރެވިފައި ހުންނާނީ. ތޭރަގެ އެކްސްޕީރިއަންސުން ތޭރަ ކިޔައިދޭ އެއްޗެއްސާ ދެން ޕްލަސް އަބަދުވެސް ބަލަން ބޭރުގެ އިންޓަނޭޝަނަލް އާޓިސްޓުން، ލަވަކިޔާ މީހުންގެ ތަފާތު ސްޓައިލް. އެގޮތަށް ބަލާފައި އެއްޗެހި އަޑުއަހާފައި ވޯކަލް ކްލާސްތަކަށް ގޮސް އިމްޕްރޫވްކުރަމުން އަބަދުވެސް އަންނަނީ. ފުރަތަމަ ސްޓެޕުން ދެވަނ ސްޓެޕުން ދެން ހަމަ އެގޮތަށް މިކަމުގައި އިންޑިޕެންޑެންޓްވާން. "

އަހަރެމެންނަށް ކިޔައިދީ ބަލަ ތޭރަވާ އާއި އަޝްފާ ބައްދަލުވި ގޮތާއި ލޯބިވެ މިހައި ހިސާބަށް އާދެވުނު ގޮތް. ކޮންމެއަކަސް ވަރަށް ނަމޫނާ ރިވެތި ލޯބީގެ ވާހަކައެއްކަން ފާހަގަކޮށްލެވޭ؟

" މީދެން ވަރަށް ގިނަ ބަޔަކަށް އެނގޭ ވާހަކައެއް ކަންނޭނގެ. ތޭރަ އާ އަޝްފާއާ ދިމާވެސްވީ ލަވަ މުބާރާތުގެ ތެރެއިން އެމްއީއެސްގައި ސްކޫލް ލަވަ މުބާރާތް ތެރެއިން. އެތަނުން ދިމާވެގެން ރައްޓެހިކަން ފުރަތަމަ. ދެން ދިޔައީ މަޑުމަޑުން ރިލޭޝަންޝިޕަކަށް އޭތި ބަދަލުވެގެން ދެން މެރީކުރީ."

ފިރިއެއްގެ ގޮތުގައި އަދި ދަރިފުޅުގެ ބައްޕަގެ ގޮތުގައި މިއަދު ތޭރަވާ ސިފަކުރާނީ ކިހިނެތް؟

"ތޭރައަކީ ބައްޕައެއްގެ ގޮތުގައި ޕާފެކްޓް ބައްޕައެއް. ބޭނުންވާ ހުރިހާ ގޮތަކަށް ހުރިހާ އެއްޗެއް ހޯދައިދޭ. ހުރިހާ ޓައިމެއްދޭ، ވަރަށް ބިޒީކޮށް އުޅެމުންވެސް ޓައިމް ދޭ ޕާފެކްޓް ބައްޕައެއް. ދެން ހަޒްބަންޑެއް ގޮތުގައި ބުނަންޏާ ސުޕާ ހަމަ ތޭރައަކީ. ވަރަށް ކެއާ ކުރާ، އެއްވެސް ކަމަކަށް ފޯސް އެއް ނުކުރާ ފުލީ އިންނާނީ ގާތްގަނޑަކަށް ކޮންޓްރޯލް އަޝްފާއަށް ދީފައި. އެގޮތަށް ވަރަށް ފަސޭހަ އެކަމަކު ދެން މިހެން ބުންޏަސް އުޅޭނެ ބައެއް ފަހަރު ހިޔާލު ތަފާތުވާ ކަންތައްތަކުގައިވެސް ބޮޑަށް ދޫކޮށްލާނީ މިކޮޅަށް ގިނަ ފަހަރަށް. "

އެހެންވީމަ، މިސާލަކަށް ތޭރަވާ ބޭނުންވީޔޯ، ދެ ވަނަ އަންބަކު، އެފަދަ ހާލަތެއްގައި އަޝްފާ ކަންތައް ކުރާނެ ގޮތަކީ ކޮބައިތަ؟ އޯކޭވާނެތަ އަނެއްކާ؟

" ދެއަންބަށް މީހަކާ އިންނާކަށް އެއްވެސް އިރެއްގައި އޯކޭއެއް ނުވާނަން. އެއީ ދެން ނުވާނެ ކަމެއް. އެކަހަލަ ހާލެއްގައި ދެން ބުނާނީ ކޮންމެސް އެއްކޮޅެއް ދޫކޮށްލާށޭ."

ގޭތެރޭގައި އުޅޭއިރު، މިހެން އެކުގައި އުޅޭއިރު ފިރިމީހާ އާއި އަޝްފާ ކިހާ ވަރަކަށް ލަވަކިޔައި އުޅެންތަ؟ އެގޮތަށް މަޖާކޮށް އުޅޭއިރު ދެ މީހުންނަށް އެންމެ ގިނައިން ކިޔޭ ނުވަތަ ކިޔާލެވޭ ލަވައަކީ ކޮބާ؟ ކީއްވެ؟

"ގޭތެރޭގައި އުޅޭއިރު އަނެއްހެން ލަވައެއް ނުކިޔޭ. އެކަމަކު ދެން ބައެއް ފަހަރު، މި ފަހަކަށް އައިސް ވަރަށް ހުރެވޭނެ ރާގެއް ނޫނީ ލަވައެއް އަޅުވާލާފައި މަސައްކަތް ކުރާއިރު. ދެން މަޖަލަކަށް އައިސް ބުނާނެ އެއްކަލަ މިގޭގައި އުޅޭ ގުރާ ދޯއޭ މިއުޅެނީ. ދެން ބައެއް ފަހަރު ނޭނގި އެހެން އަންނަނީ. އެދެން ކޮންމެހެން ގޭތެރޭގައި ލަވަ ކިޔާކަށެއް ނޫން. އެކަނިވާ ވަގުތު ގިނަ ފަހަރަށް ކޮޓަރީގައި ލަވަ ކިޔެނީ. ބައެއް ފަހަރު ދާނެ ބޭރަށް ތޭރަ އާ އެކު އިމްޕްރޮވައިޒްކޮށްފައި ވޭރިއޭޝަންތައް ގިނަކޮށްފައި ދޭ އެތި ކިޔާލާށޭ. ވަރަށް ޗެލެންޖިންކޮށް ދާނެ ބައެއް ފަހަރު. އެކަހަލަ ގޮތަކަށްދޭ ބައެއް ފަހަރު މޫޑު ހުންނަ ގޮތަކުން.

އެހެން ކިޔާއިރުވެސް ވަކި ހާއްސަ ލަވައެއް ނީނދޭ. ދެން ކިޔޭ އެއް ލަވަތަކެއް އުޅެފާނެ ކަންނޭނގެ."

ލަވަކިޔަން ބަލާއިރު، ލަވައެއް ރިކޯޑްކުރަން ބަލާއިރު ކޮބައިތަ އަޝްފާ އަށް އެންމެ ފަސޭހަ ޕާޓްނަރަކީ؟ ތޭރަވާތަ؟

"އެހެން ވަކި ޕާޓްނަރެއް ނީނދޭ ލަވަ ކިޔާއިރަކު ފަސޭހަ. ދެން ކޮންމެ މީހަކީވެސް ތަފާތު މީހެއް. އެހެންވީމަ ކޮންމެ މީހަކާއެކީވެސް ވޯކް ކުރަން ބޭނުން."

އަނެއްކާވެސް ފެޝަނާ ގާތަށް މި ޖެހިލާއިރު ރާއްޖޭގައި ލަވަކިޔުމާއި ފެޝަންއާ ގާތްވުމާއި ތިގޮތަށް ހެދުން އެޅުމާއި ނުވަތަ އާޓިސްޓިކް ކަންކަމުގައި އުޅުމަކީ އެހާ ގިނަ ބަޔަކު ތާއީދުކުރާ ކަންތަކެއް ނޫން. އެގޮތަށް އުޅޭ ނަމަ މީހުން ގޮތްގޮތަށް ލޭބަލް ވެސް ކުރާނެ ބައެއް މީހުން. މީހުން އެގޮތަށް، ފެންނަ ފެނުމަކަށް ބަލައިގެން ޖަޖުކުރުމަކީ އަޝްފާގެ ހިޔާލުގައި ކޮން ކަހަލަ ކަމެއްތަ؟

"އެކި ކަހަލަ އެކި ވިސްނުމުގެ މީހުން ދޯ މިއުޅެނީ. އަޝްފާ ހިތަށް އަރަނީ އެމީހުންނަށްވެސް ޖާގަ އޮންނަންވާނޭ. ދެން އޭގައި ނީންނާނެ ކުރެވޭނެ ކަމެއް. ހަމަ ޕޮޒިޓިވް އާ ނެގެޓިވްއާ އެކީގައި އުޅޭނީ."

އެހެންވީމަ ބުނެވިދާނެތަ އަހަރެމެންނަށް މި ފެންނަނީ އަސްލު އަޝްފާއޭ ނުވަތަ އަސްލު އަޝްފާ އަދި މިއަށް ވުރެން ވެސް ފުރިހަމަވެފައި ރަނގަޅޭ؟

"އަބަދުވެސް ފެންނާނީ އަސްލު އަޝްފާ. އަބަދުވެސް ދެން މަސައްކަތް ކުރާނީ އޭރެއްގެ ފެޝަންއަކާ އޭރެއްގެ ޓްރެންޑަކަށް ހެދުން ލެވޭތޯ އެގޮތަށް. އިތުރު ވަކި ގޮތެއް ނީންނާނެ ކަންނޭނގެ. އަޝްފާ އަޝްފާގެ ގޮތުގައި އޯކޭ. ހަމަ ހިންހަމަޖެހޭ. "

ލަވަކިޔުމުގެ ވާހަކަ ދައްކާއިރު، ލަވަކިޔުން ހުއްޓާލުމުގެ ހިޔާލެއް ނުވަތަ ވާހަކައެއް އެއްވެސް ވަރަކަށް ދެކެވޭތަ އަޝްފާގެ މި ކެރިއަރުގައި؟ ނުވަތަ ލަވަކިޔުން ހުއްޓާލުމަށް ބާރު އަޅާ ބަޔަކު އެބަތިބިތަ؟ އެހެން މިބުނީ ކޮއްކޮ (ޝިފާއު) ވެސް ލަވަ ކިޔުން ހުއްޓާލީ ވަރަށް މަޝްހޫރުވި ފަހުން އެފަދަ ގޮތަށް އަޝްފާ ލަވަކިޔުމާ ދުރަށް ގޮސްދާނަންތަ؟

" ލަވަކިޔުން ދޫކޮށްލާކަށް އަދި ވިސްނުމުގައެއް ނެތް. އެހެން ބުންޏަސް ދެން ފަހުން ވާނެ ގޮތެއް ނޭނގޭ. ކޮންމެ މީހަކުވެސް އެކްސްޕަޔަރީވާ ދުވަސްކޮޅެއް ނުވަތަ ވަގުތުކޮޅެއް އަންނާނެ. އެވެސް ގަބޫލުކުރަން. އެއަށްވެސް ރެޑީ ހަމަ. ލަވަކިޔަން ހުއްޓާލަން އެއްވެސް މީހަކު ބާރެއްވެސް ނާޅާ.

ވަރަށް ކުރާހިތުން އަމިއްލަ ސެލްފަށް ހެޕިނެސް ގެނެސްދޭ ކަމެއް މިކަމަކީ"

ލަވަކިޔުމާއިގެން ކުރިއަށް ދިއުމާ ބެހޭ ގޮތުންނާއި ލަވަކިޔުން ހުއްޓާލުމާ ބެހޭ ގޮތުން ކޮބައިތަ ފިރިމީހާ ދޭ ނަސޭހަތަކީ؟

"ލަވަ ކިޔުމުން ކުރިއަށްދާން ވިޔަސް ނޫނީ ލަވަ ކިޔުން ހުއްޓާލަން ބޭނުންވިއަސް ހަމަ އެއްގޮތަކަށް ތޭރަ އެޑްވައިޒް ދޭނީ ކުރިއަށް ދާން މަސައްކަތް ކުރަން އަބަދުވެސް ހިތްވަރު ދޭނީ. ކަމެއް ކުރާއިރު ފާޑު ކިއުމާއެކު އެކަމެއް ބަލައިގަންނާށޭ. ހުއްޓާލަން ބޭނުންވިއަސް އެގޮތަށްވެސް ރަނގަޅުގޮތުގައި ހިފާށޭ."

ބުނެވިދާނެތަ އެފަދަ ކަމެއް ނިންމުމުގައި ފިރިމީހާގެ ނުފޫޒު އަޝްފާގެ މައްޗަށް ވަރަށް ގަދައޭ؟

"ލަވަ ކިޔުމުގައި ޑިޒިޝަން އިނދޭ ތޭރަގެ. އަބަދުވެސް ދޭނެ އެޑްވައިޒް. ދެން ހުއްޓާލާކަށް އެކަހަލަ ވާހަކައެއް ނުއެއް ދެކެވޭ. ނުދެކެވޭތީ ނޭނގޭ އެކަމަށް ބުނާނީ ކީކޭ ކަމެއް."

މި ހުރިހާ ވާހަކައެއް ދައްކާއިރު، އަދި އަހާނުލެވޭ އެހެން ވާހަކައެއް އެބައޮތޭ. އަޝްފާ އަދާކުރަންތަ އެއްވެސް ވަޒީފާއެއް ނުވަތަ ތިޔައީ ހަމަ ގޭގައި ދަރިފުޅު ބަލަން އިންނަ ކަހަލަ މަންމައެއްތަ؟

"ވަޒީފާއަކަށް ދިޔައިން ދަރިފުޅު ނުލިބޭއިރު. ދަރިފުޅު (އަލް) ލިބުނީމަ އޭގެ ފަހުން ގޭގައި މިހުންނަނީ. ނުދަން ވަޒީފާއަކަށް."

އެކަހަލަ މަންމައަކަށް ވުމަށް ނިންމީ ކީއްވެ؟ ވަޒީފާއަށް ދަމުން ދަރިފުޅު އެންމެ ރަނގަޅަށް ނުބެލޭނެތީތަ؟

"ވަޒީފާއަކަށް ދިޔައީމަ އަސްލު ވަރަށް ބޮޑު ބައެއް ގެއްލޭނެ އަލް އަށް ދޭންޖެހޭ މުހިންމު ވަގުތުތައް ނުދެވޭނެ ކަމަށް މިހާރުވެސް އަސްލުގައި ދޭންވާ ވަރަށް ނުދެވޭތީ އަސްލުގައި ދެރަވޭ. ގިނަ ފަހަރު މި ބިޒީ ދުވަސްތައް ކައިރި ކައިރީގައި ވީމަ ވަރަށް އުނދަގުވޭ. ގިނަ ފަހަރަށް ދަންވަރު ވަގުތުތަކުގައި މަސައްކަތް ކުރަން ޖެހޭތީ އަދި ގިނަ ފަހަރު އިތުރަށް ވަޒީފާއަކަށް ދަންޏާ މިހާރު އެލިބޭ ވަގުތުކޮޅުވެސް ނުލިބޭނޭ ހިތަށް އަރާތީ ބޭނުމެއް ނޫން އަސްލު ދާކަށްވެސް. މިހާވަރުން އޯކޭ ތޭރަ ވަޒީފާއަށް ދަންޏާ"

އަންހެނުން ބޮޑަށް މިނިވަންވެ ބާރުވެރިވެ، ވަކި މީހަކަށް ޑިޕެންޑްވެ ނުތިބޭ ބަޔަކަށް ވުމަކީ އަޝްފާގެ ހިޔާލުގައި ކޮން ކަހަލަ ކަމެއް؟

" އަންހެނުން އަސްލު ވަކި މީހަކަށް ޑިޕެންޑްނުވެ ހުރުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ފިރިމީހާ ނެތް ދުވަހެއްވެސް އައިސްދާނެ. ނޭނގެއެއްނުން ވާނެ ގޮތެއް ދޯ. އެހެންވީމަ އިންޑިޕެންޑެންޓްވުން އެއީ ވަރަށް މުހިންމު ކަމެއް. އެއީ އާން ކުރަންޖެހޭނެ ކޮންމެހެންވެސް. އެހެންވީމަ އެކަހަލަ ވަގުތުތަކުގައި ހިތަށް އަރާ ބައެއް ފަހަރު ވަޒީފާއެއް މުހިންމޭ. އަސްލުގައި އަންހެނުން އިންޑިޕެންޑެންޓް ވުމަކީ ވަރަށް މުހިންމު ކަމެއް."

އަހަރެމެންނަށް ކިޔައިދީބަލަ، އަޝްފާގެ ހަޔާތުގައި، އެންމެ މުހިންމު ތިން ކަންތައް؟ އޭގެ ތެރޭގައި ލުކްސް ހިމެނިދާނެތަ؟

"ލައިފްގައި އެންމެ މުހިންމު އެއް ކަމަކީ ރަނގަޅު ދިރިއުޅުމެއް އުޅުން. މީހުންގެ ފާޑު ނުކިޔޭވަރުގެ ދިރިއުޅުމަކަށް ފޯކަސް ކުރުން. މިބުނީ އެއްވެސް ކަހަލަ ގޯސް ކަމެއް ގޯސް ވާހަކަތަކެއް ސޯޝަލް މީޑިއާ ތެރެއަށް. އެކަމަކު ފާޑު ކިޔާނެ ކޮންމެ ގޮތަކަށް ހުއްޓަސް، އޭތި ދެން އެގޮތަށް ބަލައިގަންނަން. ފުރަތަމަ ކަމަކަށް އަބަދުވެސް އަންނާނީ އަލްގެ ކަންތައް. ދެވަނައަށް އަންނާނީ ކެރިއާގެ ކަންތައް. ދެން މިކަމުގައި ރަނގަޅު ކާމިޔާބެއް ލިބޭ ހިސާބަކަށް ދިއުން.

މިސާލަކަށް، ތޭރަވާ ނިންމީޔޯ، ލަވަކިޔުން ހުއްޓާލަން. އެފަދަ ހާލަތެއްގައި ފިރިމީހާއާ އެކު އަޝްފާ ވެސް ލަވަކިޔުން ހުއްޓާލާނީތަ؟

"އޭތި ގޯސްކަމެއް ގޮތުގައި ތޭރަ ގަބޫލުކުރަންޏާ ގައިމުވެސް އަޝްފާއެއް ނުކުރާނަން. ގޯސް ކަމެއްގެ ގޮތުގައި ގަބޫލުކުރެވެންޏާއެއް. ތޭރަ ހުއްޓާލައިފިއްޔާ އޭގެ މާނައަކީ ގޯސްކަމެއް އެބައުޅެޔޭ. އެހެންވީމަ ހުއްޓާލާނެ އެހިސާބުން"

އަޝްފާ އަކީ ކުރިން ވެސް ބުނިހެން، އާންމުކޮށް ފާޑުކިޔުން އަމާޒުވާ ނުވަތަ އެ ސެލެބްރިޓީއަކާ ބެހޭ ގޮތުން މީހުން ވަރަށް ވާހަކަ ދައްކާ މޫނެއް. މި އިންޓަވިއު އަށް އަދި މި ފޮޓޯ ޝޫޓަށް ވެސް މީހުން ފާޑުކިޔާނެ. އެގޮތަށް ފާޑުކިޔާ މީހުންނަށް ކީކޭ ބުނެލަން ބޭނުންވަނީ؟

"ފާޑު ކިޔާށޭ އެވެސް ހަމަ ޕޮޒިޓިވް ކަމެކޭ އޭއްޗާ ނުލާ އެނެތީމަވެސް ފޫހިވާނޭ އެއްވެސް ވަރަކަށް ފާޑު ކިއުމެއް ނެތީމަ. ކިޔައްޗޭ ބުނާނީ. ކިތަންމެ ވަރަކަށް ފާޑު ކިއަސް އޯކޭ. އެއްވެސް ވަރަކަށް ދެރައެއްވެސް ނުވޭ. މިފަހުން ލިބޭ ކޮމްޕްލިމެންޓްސް ވަރަށް ހިންހަމަޖެހޭ ހަމަ. އެހަމަ ޕާފެކްޓްވީމައޭ ހިތަށް އަރަނީ."

  • ސްޓައިލިން އަދި ވޯޑްރޯބް: ސޭންޑީ
  • ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
  • މޭކަޕް: ޖަސްޓިން
  • ވީޑިއޯ: އަހުމަދު ޝުރާއު
  • އެޑިޓިން: މުހައްމަދު ފަޒީލް