ޓޫރިޒަމް

އެއާ އޭޝިޔާގެ އޯނަރު ހައިރާންކޮށްލި ޒުވާނަކަށް ރާއްޖެ އަންނަން ޓިކެޓެއް!

Jul 22, 2016
3

އެއާ އޭޝިޔާގެ ސީއީއޯ ޓޯނީ ފެނާންޑޭޒް އަކީ އެތައް ބައެއްގެ ފޭނެކެވެ. މަގުބޫލު މީހެކެވެ. ގިނަ ބަޔަކު މިސާލެއްގެ ގޮތުގައި ބަލާ ވެސް މީހެވެ. އަދި އެހެންމެ މުއްސަނދި މަހުޖަނެކެވެ. ދުނިޔޭގެ މަގުބޫލުކޮށް ހޯދާފައިވާ އެއާ އޭޝިޔާގެ މި ސީއީއޯ އަށް ޒުވާނެއް މިވަނީ ވަރުގަދަ "ސަޕްރައިޒެއް" ދީފަ އެވެ.

އެއާ އޭޝިޔާގެ އޯނަރު ރެސްޓޯރެންޓެއްގައި ކާން އިންދަ 27 އަހަރުގެ ޖެކްޝަން ޔީ އަށް ފެނުނެވެ. އެވަގުތު އޭނާ ވެސް ހުރީ އެ ރެސްޓޯރެންޓުގައި އޭނާގެ އުފަން ދުވަސް ފާހަގަ ކުރާށެވެ. ފެނާންޑޭޒް ފެނުމުން ޖެކްޝަން ބޭނުންވީ ފެނާންޑޭޒްއާއެކު ފޮޓޯއެއް ނަގާށެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވީ އެވެ. އެހެންވެ ޖެކްޝަން އަމަލު ކުރީ މުޅިން ތަފާތު ގޮތަކަށެވެ. އޭނާ ގޮސް ފެނާންޑޭޒްއަށް ނޭނގި އޭނާގެ ކެއުމުގެ ބިލް ދެއްކީ އެވެ. އަދި ފެނާންޑޭޒް އަށް އެޑްރެސްކޮށް ނޯޓެއް ބޭއްވި އެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ މެލޭޝިޔާ ރައްޔިތުންނަށް ދައްކާ މިސާލަށް. ހިތްވަރަށް. އުންމީދު ކުރަން އަހަރެންގެ އުފަންދުވަހުގެ ނާސްތާ ކަމުދިޔަ ކަމަށް،" މެލޭޝިޔާގެ ޕުތްރާޖާ ރެސްޓޯރެންޓުގައި ޖެކްޝަން ބޭއްވި ނޯޓުގައިވެ އެވެ.

މެލޭޝިޔާގެ "ސްޓާ އޮންލައިން" ގައިވާ ގޮތުން ޖެކްޝަން ފައިސާ ދެއްކި ފެނާންޑޭޒްގެ މެންދުރުގެ ކެއުމުގެ ބިލަށް އަރާފައިވަނީ މެލޭޝިޔާ ރުފިޔާ 60 ރިންގިޓް (ގާތްގަނޑަކަށް 14.82 ޑޮލަރު) ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 215ރ. އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ބަޖެޓް އެއާލައިން ކަމަށްވާ "އެއާ އޭޝިޔާ" ގެ ސީއީއޯ ފެނާންޑޭޒް ވަނީ ޖެންޝަން ޔީ އަށް ރާއްޖެ އަންނަން އެއާ އޭޝިޔާ ދެކޮޅު ޓިކެޓު ދިނުމާއެކު، އޭނާ އަށް އުފަން ދުވަހުގެ ތަހުނިޔާ ވެސް ކިޔައިފަ އެވެ.