ޓެކްނޯލޮޖީ

ކެސްޕަސްކީން އެމެރިކާގެ ސްޕައި ޕްރޮގްރާމެއް ބޭޒާރުކޮށްލައިފި

Feb 19, 2015
1

ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި މިހާރު މިވަނީ ކޮމްޕިއުޓަ ސިސްޓަމްތަކުގެ ބޭނުން ވަރަށްބޮޑުވެފައެވެ. އެންމެންވެސް ދެކެމުން އަންނަނީ އެއީ މަސައްކަތްތައް އުފެއްދުންތެރިކަމާއެކު ކުރަމަށާއި ސިއްރު މަޢުލޫމާތުތައް ރައްކާކޮށްފައި ބެހެއްޓުމަށް އެންމެ ޒަމާނީ އިތުބާރުކުރެވޭ ވަޞީލަތް ކަމަށެވެ.

ނަމަވެސް ރަޝިއާގެ ސައިބާ ދިރާސާވެރިންތަކެއް ހޯދި ހޯދުމެއްގެ ސަބަބުން އެ ނިންމުމާމެދު ދެ ވަނަ ވިސްނުމަކަށް ދާން މަޖުބުރުވެއްޖެ އެވެ. ދިރާސާވެރިން ބުނެފައިވާގޮތުގައި، އަހަރުމެން އެންމެ ޢާންމުކޮށް ބޭނުންކުރާ ހާޑް ޑްރައިވް ބްރޭންޑްތައް ކަމަށްވާ ވެސްޓަން ޑިޖިޓަލްއާއި ސީގޭޓާއި ޓޮޝިބާގެ އިތުރުންވެސް ހާޑް ޑްރައިވް އުފައްދާ މަޝްހޫރު އެހެން ބްރޭންޑްތަކުގައި ސްޕައި ސޮފްޓްވެއާ ފޮރުވާނެ ގޮތެއް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީ، އެންއެސްއޭ އިން ވަނީ ހޯދާފައެވެ. މި ސޮފްޓްވެއާގެ އެހީގައި، އެންއެސްއޭ އިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ދުނިޔޭގެ ގިނަ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްގައި ހުންނަ މަޢުލުމާތުތައް ސިއްރުން ބަލައިލެވިދާނެކ ަމަށް ރަޝިއާގެ ދިރާސާވެރިން ބުނެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެންއެސްއޭ އިން ރައްކާތެރިކަމާއެކު ބޭނުންކުރަމުންއައި މި ސޮފްޓްވެއާ ފަޅާއަރުވާލާފައިވަނީ، މީގެ ކުރިންވެސް ހުޅަނގުގެ ފާރަލުމުގެ ހަރަކާތްތައް ފަޅާއަރުވާލާފައިވާ ސެކިއުރިޓީ ސޮފްޓްވެއާ އުފައްދާ މޮސްކޯގެ ކެސްޕަސްކީ ލެބް އިންނެވެ. ކެސްޕަސްކީ ލެބަށް މި ސޮފްޓްވެއާ ފާގަކުރެވިފައިވަނީ މިފަދަ ބައިވަރު ޕްރޮގްރާމްތަކެއްގެ ތެރެއިންނެވެ.

ކެސްޕަސްކީ އިން ބުނިގޮތުގައި 30 އަށްވުރެ ގިނަ ގައުމުތަކުގައި ޢާންމުން ބޭނުންކުރަމުންގެންދާ ގިނަ އަދަދެއްގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށް މި ޕްރޮގްރާމްތަކުގެ އަސަރު ކުރެއެވެެ. އެގޮތުން އެންމެ ބޮޑައަށް މި ޕްރޮގްރާތަކުގެ އަސަރުކޮށްފައިވަނީ އިރާންގެ ކޮމްޕިއުޓަރު ސިސްޓަމް ތަކަށެވެ. އެއަށްފަހު ރަޝިއާ އާއި ޕާކިސްތާނާއި އަފްޣާނިސްތާނާއި ޗައިނާ އާއި މާލީ އާއި ސީރިއާ އާއި ޔަމަން އަދި އަލްޖީރިއާގެ ކޮމްޕިއުޓަ ސިސްޓަމް ތަކަށެވެ.

އެންއެސްއޭ ގެ ކުރީގެ މުވައްޒަފެއް ރޮއިޓަސް އަށް ދިފައިވާ އިންޓަވިއުއެއްގައި ކެސްޕަސްކީގެ މި ތުހުމަތުތަކަކީ ޙަޤީޤަތެއްކަން ވަނީ ޔަޤީންކޮށްދީފައެވެ. އޭގެ އިތުރުން އޭނާ ބުނެފައިވާ ގޮތުގައި، ހާޑް ޑިސްކްތަކުގެ ފާމްވެއާ އާއެކު ހިމަނާފައިވާ ސްޕައި ޕްރޮގްރާމަކީވެސް ސްޓަކްސްނެޓެކޭ އެއްވަރަށް އެންއެސްއޭ އަށް މުހިއްމު އެއްޗެކެވެ. އެންއެސްއޭގެ ކުރީގެ އެހެން މުވައްޒަފެއްވެސް މި މަޢުލޫމާތުގެ ސައްހަކަންވަނީ ޔަޤީންކޮށްދީފަ އެވެ.

މި ފަޅާއެރި ކަންތައްތަކުގެ ސަބަބުން އެންއެސްއޭގެ ފާރަލުންތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެކަމަށް ދިރާސާވެރިން ދެކެއެވެ. އެހެނީ، އެންއެސްއޭގެ ކުރީގެ ކޮންޓްރެކްޓާ އެޑްވަޑް ސްނޯޑެން ފަޅާއަރުވާލާފައިވާ ބޮޑެތި މަޢުލޫމާތު ތަކުގެ ސަބަބުން އެމެރިކާއާއި ބައެއް ޤައުމު ތަކާމެދު އޮންނަ ގުޅުންތަކަށްވެސް ބުރޫ އެރުމާއެކު އެމެރިކާއިން އުފައްދާ ޓެކްނޮލޮޖީގެ ބްރޭންޑްތަކުގެ ސޭލްސްވެސް ވަނީ ދަށަށް ގޮސްފައެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އިންޓެލިޖެންސް އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ރިވިއު ގްރޫޕުގައި ހިމެނޭ ފަސް މެމްބަރުންގެ ތެރެއިން ޕީޓަ ސްވަޔާ ވިދާޅުވީ، ސޮފްޓްވެއާ ތަކުގައި ހުންނަ ފްލޯސްތަކުގެ ބޭނުން ފާރަވެރިވުމަށް ހިފުމުގެ ކުރިން ޤައުމުގެ ވިޔަފާރިއަށާއި އެހެން ޤައުމުތަކާމެދު އޮންނަ ގުޅުމަށް ކޮށްފާނެ ނޭދެވޭ އަސަރާމެދު ވިސްނުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަން ކެސްޕަސްކީގެ ރިޕޯޓްގެ ސަބަބުން އެނގިގޮސްފިކަމަށެވެ.

ސައިބަ ސެކިއުރިޓީ ތަޖުރިބާކާރުންނާއި ސްޕައިންގެ ނަޒަރުގައި، ބަޔަސް (ބޭސިކް އިންޕުޓް އައުޓުޕުޓު ސިސްޓަމް) ކޯޑް އަށްފަހު ހެކަރަކަށް އެންމެ އަގުހުރި އެއްޗަކީ ޑިސްކް ޑްރައިވް ފާމްވެއާ އެވެ.

"ތަކުރާރުކޮށް ކޮމްޕިއުޓަ އަށް ހަމަލާދިނުމުގެ ކުޅަދާނަކަށް އެ ޕްރޮގްރާމް ހިމެނޭ ހާޑް ޑްރައިވް އަށް ލިބިގެންވޭ" ކެސްޕަސްކީގެ އިސް ދިރާސާވެރިޔާ ކޮސްޓިން ރައޫ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރުވެސް ހިނގަމުންދާ ފާރަލުމުގެ ފުޅާ ހަރަކާތުގައި އެތައް ހާސް ކޮމްޕިއުޓަ ސިސްޓަމްތަކެއްގެ ކޮންޓްރޯލް ހޯދައި، އެމީހުން ބޭނުން އެއްޗެއް ވަގަށްނަގައި ބަލައި އަޑުއެހުމުގެ ބާރު ލިބިފައިވީ ނަމަވެސް، އެމީހުން ފުރިހަމަ ކޮންޓްރޯލް ނަގައިގެން ބަލައިފައިވަނީ އެމީހުން ބޭނުންވާ ވަކި ކޮމްޕިއުޓަރު ތަކަކަށް އަމާޒުކޮށްގެންނެވެ.