ދިރާގު

މިނިވަން ދުވަހު ދިރާގުގެ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް!

Jul 26, 2016

ދިވެހިރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ދިރާގުގެ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ހުޅުވާލި މި ފުރުސަތުގެ ގެތެރެއިން އެއް ކަމަކީ އިންސްޓަގްރާމްގައި މިނިވަން ދުވަހާއި ގުޅުންހުރި ކޮންމެ ވެސް ފޮޓޯއެއް ޕޯސްޓްކޮށްގެން ދެ މީހަކަށް އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން އެސްއީ އެއް ހޯދުމުގެ ފުރުސަތެވެ. އެގޮތުން އެންމެ ގިނަ 'ލައިކް' ލިބޭ ފޮޓޯ، އަދި ދިރާގުގެ ޖަޖުންގެ ޕެނަލަކުން ނިންމަވާ އެންމެ ރީތި އަދި މުނާސަބަތާއި ގުޅުންހުރި ފޮޓޯ ޕޯސްޓްކުރައްވާ ދެ ފަރާތަށް މި ހާއްސަ ހަދިޔާ ލިބިގެންދާނެ އެވެ.

މި ކެމްޕޭންގައި ބައިވެރިވެވޭނީ މިއަދުން ފެށިގެން 31 ޖުލައި 2016 ވާ އާދިއްތަ ދުވަހުގެ ރޭ ގެ ނިޔަލަށެވެ. އަދި ޕޯސްޓްކުރާ ކޮންމެ ފޮޓޯއެއްގައި #July26withDhiraagu މި ހޭޝްޓެގް ހިމެނުމާއިއެކު ދިރާގުގެ އެކައުންޓް Dhiraagu ޓެގް ކުރަންޖެހެ އެވެ.

އެ ކުންފުނިން ބުނީ މިނިވަން ދުވަހާއި ގުޅިގެން ދެން ކުރިޔަށް ގެންދަވާ ޕްރޮމޯޝަންގައި، އެކުންފުނީގެ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމްގައި މިނިވަން ދުވަހާއި ގުޅިގެން ކުރެވޭ ހާއްސަ ޕޯސްޓަށް، މުނާސަބަތާއި ގުޅުންހުރި ކޮންމެ ވެސް ކޮމެންޓެއް ކުރެއްވުމުން، ހުރިހާ ފަރާތްތަކެއްގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 51 ފަރާތަކަށް، އެއިން ކޮންމެ ފަރާތަކަށް 10ޖީބީގެ ޑާޓާ ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މި ޑާޓާ އެ ބޭފުޅަކު ނަންގަވާތާ އެއް މަސް ދުވަސް ވަންދެން ބޭނުންފުޅުކުރެއްވޭނެ ކަމަށް ބުނެފައިވެ އެވެ.

ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ މިނިވަން ދުވަހާއި ގުޅިގެން އާއިލާއާއި އެކު ވަގުތުކޮޅެއް ހޭދަ ކޮށްލާ ޤައުމީ ރޫހު އާލާކޮށްލުމަށް މުހިންމު ވަގުތެއް ކަމަށެވެ.

"މިފަހަރު ދިރާގުން ބޭނުންވީ މި ޗުއްޓީގައި ޒުވާނުންނާއި އާއިލާތަކުގެ ބޭފުޅުން އެބޭފުޅުގެ ވަގުތުތައް ހޭދަކުރަމުންދާއިރުވެސް ބޭނުންކުރަމުންދާނެ ސޯޝަލް މީޑިޔާ މެދުވެރިކޮށް ތަފާތު ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ. އެގޮތުން މާ ބުރަ މަސައްކަތްތަކާއި ނުލާ މިނިވަންދުވަހުގެ އުފާ ފާހަގަކުރުމުގެ ތެރެއިން ދިރާގުގެ ކަސްޓަމަރުންނަށް މިފަދަ ފުރުސަތެއް ހުޅުވާލުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އިމްޖާދު ވިދާޅުވި އެވެ.