ވިޔަފާރި

އެލައިޑު ބައިނަލްއަގުވާމީ ބާޒާރަށް، ދުބާއީގައި އިންޝުއަރެންސް ފަށަނީ

Feb 19, 2015
2

މިހާރު އެލައިޑަކީ ހަމައެކަނި ރާއްޖޭގައި ވިޔަފާރިކުރާ ކުންފުންޏެކެވެ؛ އެކަމަކު އަންނަ އަހަރުން ފެށިގެން އެކަން ބަދަލުވެގެންދާނެ އެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ މާކެޓުން ބޭރަށްޖެހިލައި ބައިނަލްއަގުވާމީ ބާޒާރުގައި އިންޝުއަރެންސް ވިއްކަން ފަށަން ތައްޔާރުވަމުންނެވެ. އެ މަސައްކަތުގެ ދަށުން ދުބާއީގައި އަންނަ އަހަރު ވިޔަފާރި ފަށާނެ އެވެ.

"މިއީ އެލައިޑްގެ ތާރީހުގައިވެސް ނަގާ ވަރަށް ބޮޑު ސްޓެޕެއް. އަޅުގަނޑުމެން މި އަޅަނީ. މިއީ ކުރިއެރުމަށްޓަކައި ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިހާރު ތައާރަފުކޮށް ވިއްކުން ގެންދާ އިސްލާމިކް އިންޝުއަރެންސް އަޔާދީ ތަކާފުލް ދުބާއީގައި ވިއްކަން ފެށުމަށް،" އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަޔާދީ ތަކަފުލް ވިއްކަން ފަށަނީ ދުބާއީގެ ކުންފުންޏަކާ ޖޮއިންޓްވެންޗާ ހަދައިގެން ކަމަށާއި، ދުބާއީ މެދުވެރިކޮށް މުޅި ސަރަހައްދަށް މި ވިޔަފާރި ފުޅާ ކުރަން ވިސްނާފައިވާ ކަމަށެވެ.

" އިންޝުއަރެންސަކީ ވަކި ގައުމަކަށް ސީދާވާ އެއްޗެއް ނޫން. އިސްލާމިކް ވިންޑޯ މި ސަރަހައްދުގައި ފުޅާ ކުރެވެން އެބައޮތް. ސަރަހައްދީ ގައުމުތަކުގައި ވިޔަފާރި ފުޅާ ކުރުމަށް ދުބާއީގައި މި ފައްޓަނީ،" އަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމިކް އިންޝުއަރެންސް ދުބާއީގައި ފަށަނީ އެ ގައުމަކީ ބައިނަލްއަގުވާމީ ހަބަކަށް ވާތީ ކަމަށެވެ.

" އަޅުގަނޑުމެންގެ އެކްސްޕީރިއަންސާ ތަޖުރިބާޔާ ވިއްކޭނެ. ސަރަހައްދީ ގައުމުތަކުގައި ވެސް . ދުބާއީ މާކެޓަކީ ބައިނަލް އަގުވާމީ ހަބެއް. ޔޫރަޕުގެ އިންޝުއަރެންސް ކުންފުނިތަކާ ހުރިހާ އެންމެންވެސް އައިސް ޖަމާވާތަނެއް ދުބާއީއަކީ. އަޅުގަނޑުމެން ބެލީ އިސްލާމިކް އިންޝުއަރެންސް އޮޕަރޭޝަނެއް ދުބާއީ ބަޔަކާ ގުޅިގެން ކުރުމަށް. އެތާގެ ބަޔަކާ ގުޅިގެން. އެ ސަރަހައްދަކީ އީސްޓަން އެފްރިކާ ގައުމުތަކުން ރަނގަޅު އެކްސެސްއެއް ލިބޭނެ،" އަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައިވެސް އެލައިޑްގެ އިސްލާމިކް އިންޝުއަރެންސްގެ މަގުބޫލުކަން އިތުރުވަމުންދާ ކަމަށެވެ.