ފިނިޕޭޖް

ސަކަރާތްޖެހިޔަސް މިއީ ސަކަރާތެއް ނޫން

ޝާފިއު އިބްރާހިމް ނުވަތަ ފުބޫ އަކީ ލަވަ ކިޔުންތެރިއެއް ނަމަވެސް އޭނާ އަކީ ބެލުންތެރިން ހެއްވާލުމުގެ ހުނަރުވެސް ހުރި މީހެއްކަން މިވަނީ ސާބިތުކޮށްދީފަ އެވެ. ފުބޫ ނުދަން ނަމަވެސް ސްކޯސް އޮފް ފްލެއާގެ "ރަން ކޮކާ" އަދި "ދުރުވާން ޖެހުނަސް" މި ދެ ލަވަ އަޑު ނާހާ ޒުވާނެއް މަދުވާނެ އެވެ.

"ރަން ކޮކާ" މި ލަވައަކީ ހާއްސަކޮށް އާންމުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ލަވަ އެކެވެ. އަށް އަހަރު ކުރިން ލަވައިގެ ތެރެއަށް ވަދެގަނެ މަޑުމަޑުން ވިދަމުން އައިސް 2011 ވަނަ އަހަރު ފުބޫ ވިދައިގަތީ އެހަނދާނުގައި ޝޯގައި ކުޅަދާނަ ލަވަ ކިޔުންތެރިޔާ މަރިޔަމް އަޝްފާ އާ އެކު ހުށަހަޅައިދިން "ގުރުބާން ވާނީ" މި ލަވައިންނެވެ.

މިހާރު ފިލްމު ކުޅެން ފަށާފައިވާއިރު ކުރިއަށް އޮތްތަނުގައ އިތުރު ފިލްމުތަކުން ފުބޫ ފެންނާނެތޯ މިއީވެސް އުފެދޭ ސުވާލުތަކެވެ. މި ސުވާލުތަކަށް ފުބޫ ވަނީ ޖަވާބު ދީފަ އެވެ. ތިރީގައި މިއޮތް އިންޓަވިއުގަ އެވެ.

އެންމެ ފުރަތަމަ ހިނގާ ދޯ ލަވައިން ފަށައިގަންނަން. ކޮބައިތަ މިހާރު ސްކޯސް އޮފް ފްލެއާ؟ ބޭންޑުގެ މަސައްކަތްތައް ކިހާ ހިސާބެއްގައި މިހާރު އުޅެނީ؟

"ބޭންޑުގެ އެކި މީހުން މިހާރު އެކި ތަންތަނުގައި މަސައްކަތް ކުރަނީ. އެހެން ވީމަ ބޭންޑުގެ މަސައްކަތް ފުދޭ ވަރަކަށް ދަށްކޮށް އުޅެނީ."

ސްކޯސް އޮފް ފްލެއާ އުފެދިގެން ފުބޫމެން އާންމުންގެ ތެރެއަށް މަޝްހޫރުވިތާ މިހާރު ހައެއްކަ އަށެއްކަ އަހަރުވެދާނެ. ލަވަތައްވެސް ކޮންމެސް ވަރަކަށް ފެނިގެން ގޮސްފައި މިވަނީ. ފިލްމެއްގެ ލަވައެއް މިހާތަނަށް ކިޔާފައެއް ނުވ. ފިލްމުތަކަށް ލަވަ ކިޔަން ބޭނުން ނުވަނީތަ؟ ފުރުސަތުވެސް ލިބޭނެތާ؟

"ދުރުވާން ޖެހުނަސް" ގައި އިންނާނެ ތަންކޮޅެއް ކިޔާފައި. އެއީ "ވާށޭ މަށާ އެކީގައި" އޭގެ ލަވައެއް. ދެން ޑާކްރެއިން އެންޓަޓެއިންމެންޓުން ހަދަމުންދާ ފިލްމުގައިވެސް އިންނާނެ އަޅުގަނޑުގެ ލަވައެއް. ކުރިއަށް އޮތްތަނުގައި ރަނގަޅު ފުރުސަތެއް ލިބިއްޖެޔާ ކިޔާނަން."

ރާއްޖޭގައި ވަރަށް ހުނަރުވެރި މިއުޒީޝަނުން އެބަތިބި؟ އެހެން ވީއިރު ކީއްވެތަ އަސްލު ކުރިއަރަންވީ ވަރަށް މިއުޒިކް އިންޑަސްޓްރީ ކުރިނާރަނީ؟

"މިއުޒިކް އިންޑަސްޓްރީ އަނެއްހެން ބުނަންޏާ ވަރަށް ބޮޑަށް ފަނޑުވެފައި އޮންނަ އެއްޗެއް ގޮތުގައި މި އޮންނަނީ. މަސައްކަތް އަސްލު ދެކޮޅުންވެސް ނުކުރެވެނީ. ވަރަށް ބައިވަރު ބޭންޑުތަކެއް އެބަތިބި. ވަރަށް ޔަންގު ވަރަށް މޮޅެތި ކުދިން އެބަތިބި. އެކުދިން ކުރިއަރާނެ މަގު އަސްލު ނެތީ. ހުޅުވައިދެވޭނެ ވަރަށް ބައިވަރު ގޮތްތަކެއް އެބަހުރި އެކަމަކު ވަރަށް މަދު އަސްލު."

ލަވައިން އިހަށް ދުރަށް ޖެހިލާއިރު ފުބޫ މިހާރު މިވަނީ ފިލްމަކުން ފެނިގެން ގޮސްފައި. ފިލްމީ ދާއިރާއަށް ނުކުތީ ކީއްވެ؟

"ފިލްމީ ދާއިރާއަށް ނުކުންނަން ޖެހުނު ސަބަބަކީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ މޮގާއަކީ ވަރަށް ސަކަ މިޒާޖެއްގެ ބޭފުޅެއް. އެންމެ ކުރިއްސުރެ އެހެން ދޭތެރެ ދޭތެރެއަށް އެ ސްޓޫޑިއޯއަށް ގޮސް އުޅެން. މިހެން ދެން ގޮސް އުޅެނިކޮށް އެއް ދުވަހު މޮގާ މި އެހީ މިޕްރޮޖެކްޓަށް ވާނޭ ކުޑަކުޑަ ތަންކޮޅެއްވެސް ކުޅެލަން. ދެން އޭރު ވިސްނާނަމޭ ކިޔާފައި އެހެން އުޅެމުން އުޅެމުން ދުވަސްކޮޅެއް ކޮށްލާފައި ދޭތެރެ ދޭތެރެއިން އަހާލާނެ. ފަހުން ދެން ހިތަށް އެރީ މީ ކިހާވަރެއްގެ ކަމެއްތޯވެސް ވެއްޖޭ ބަލައިލަން. އެހެންވީމަ ޓްރައި އެއް ޖަހާލާނީ އޭ. މީ އަސްލު ވީ ގޮތް"

"ވާށޭ މަށާ އެކީ" އިން ފުބޫގެ އެކްޓިން މިވަނީ ވަރަށް ބޮޑަށް ބަލައިގަނެފައި އޯޑިއަންސް. އިތުރު ފިލްމަކުން ދެން އެންމެ އަވަހަށް ފެންނާނީ ކޮން އިރަކުން؟ ކިޔާލަދީބަލަ އޭގެ އަޕްޑޭޓެއް.

"ކުރިއަށް އޮތްތާނގައި ރަނގަޅު އެއްޗެއް ލިބިއްޖެޔާ ކުޅޭނަން. ޑާކްރެއިން އެންޓަޓެއިންމަންޓުން އެންމެ އަވަހަށް ހަދަން މަސައްކަތް ކުރަމުންދާ ފިލްމުން ފެނިގެންދާނެ އަޅުގަނޑު."

ފުބޫ މިހާރު މި ހުންނަނީ ހަމަ އެންޓަޓެއިންމެންޓް ދާއިރާއިން ކުރިއަށްދާން ނިންމައިގެން. ގަބޫލުކުރަންތަ މި އިންޑަސްޓްރީގައި ފިއުޗާއެބަ އޮތް ކަމަށް؟ އެ ޕްލެޓްފޯމް މިތާ ކްރިއޭޓް ވެފައި އެބައޮތްތަ؟

"މިހާރު އަސްލު ހަގީގަތަށް ބުނަންޏާ ކަންތައްތައް ބަދަލުވަމުން މިދަނީ. އެކަމަކު އަދިވެސް ހަމަ ވަރަށް ޓައިމް ނަގާނެ މިދާއިރާ އަސްލު ބޭނުންވާ ލެވަލް އާ ހަމައަށް ދާން. އެކަމަކު މިހާރު އެބަ ރަނގަޅުވޭ."

ފުބޫގެ ފިލްމީ ދާއިރާގައި އިތުރު މަސައްކަތްތަކެއް ކުރިއަށް އެބައޮތް. ދެން އެންމެ އަވަހަށް ފެންނާނީ ކޮން ކަހަލަ ރޯލަކުން. ކުރިންވެސް ފެނުނު ކަހަލަ ސީރިއަސް މަޖާ ރޯލަކުންތަ؟

"މިފަހަރު ފެންނާނީ ތަފާތު ކެރެކްޓާއަކުން. މި ރޯލު ވާނެ ސީރިއަސް ރޯލަކަށް. ދެން އެ ކެރެކްޓާ އަނެއްކާވެސް ސީކްރެޓެއް. އިޓްސް އަ ސަޕްރައިސް"

ފިލްމީ ދާއިރާއަށްވެސް ރަސްމީކޮށް ނުކުމެގެން ދޯ ތިއުޅެނީ. އެހެންވީމަ ވީޑިއޯ ލަވައަކުން ފެނިގެން ހިނގައިދާނެތަ؟ ނޫނީ ހަމަ ފިލްމުތަ ކުޅޭނީ؟

"ވީޑިއޯ ލަވަވެސް އަސްލު އެހެން ކަހަލަ ގޮތްގޮތަށް ހަދަމުންދާ ގޮތް، ވާހަކައަކީ ކުރީގައި ދިވެހިން ހަދަމުން އައި ގޮތްގޮތާއި ހިލާފަށް ވީޑިއޯތައްވެސް ވަރަށް ބޮޑަށް ތަފާތުތައް ފެންނަން ފަށައިފި. އެއީ ޔަންގު ޖެނެރޭޝަން ހަމަ ތަފާތޭ ބުނާޙާވެސް ތަފާތު. އެހެންވީމަ ފެނިދާނެ."

ގަބޫލުކުރަންތަ އެހަނދާނުގައި ޝޯ އަކީ އާ ލަވަކިޔުންތެރިން އުފައްދަން މަސައްކަތް ކުރާ ޝޯ އެއް ކަމަށް؟

"އެހަނދާނުގައި ޝޯއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެއްޖިއްޔާ ފުދޭވަރަކަށް ގިނަ ލަވަ ކިޔުންތެރިންތަކެއް ނެރެދިން ޝޯއެއް. ދެން އަނެއް ޕޮއިންޓަކީ އަސްލު އެހަނދާނު ޝޯއަކީ އެއަކީ ދިވެހި ރާއްޖޭގެ ރަށްތަކުގެ ހުރިހާ މީހުންވެސް ބަލާ އެއްޗެއް. އެހެންވީމަ އެމީހަކު އެކްސްޕޯޝާ ބޭނުމިއްޔާ އަސްލު އެހަނދާނުގައި ކަހަލަ ޕްރޮގްރާމަކަށް އަރާލާށޭ ލަވަކިޔަން ބޭނުން ކުދިން."

އަނެއްކާވެސް ސްކޯސް އޮފް ފްލެއާ އާ ދިމާލަށް އެނބުރިލާއިރު ބޭންޑު މިހާރު ނުފެނޭ. ކިހާތާކު އާ ލަވައެއް ދެން ނުކުންނާނީ؟

"ބޭންޑު އަލުން އަނބުރާ އަންނާނެ ކަމަށް އުންމީދުކުރަން. ކިހާތާކު ކަމެއް ބުނާކަށް ނޭނގެ. ފުދޭވަރަކަށް ބައިވަރު ލަވަ އެބަހުރި. އިރާދަކުރެއްވިއްޔާ ހަމަ މަޑުމަޑުން ލަވަތައް ނެރުމުންދާނީ. ހެޕީ ނިއުސް އަކަށް އިނީ ބޭންޑުގެ އާ ލަވައެއް ޑާކްރެއިން އެންޓަޓެއިންމެންޓުން މިހރު ހަދަމުން ގެންދާ ފިލްމުގައި އިންނާނެ. އެ ލަވަ ކިޔާފައި އިންނާނީ އަޅުގަނޑު"

ލަވަޔާއި ފިލްމާ އެއް ފަރާތް ކޮށްލާފައި ޕާސަނަލް ލައިފާ ދިމާލަށް ބަލައިލަން ހިނގާ. ބުނެވިދާނެތަ ތީ ވަރަށް ބިޓިން މީހެކޭ؟

"ނުބުނެވޭނެ. އެއް ގޮތަކަށްވެސް ނުބުނެވޭނެ. ބިޓިން މީހެއް ނޫން މީ. އަނެއްހެން ގިނައިން ފެންނަންވެސް ފެންނާނީ އެކަނި އުޅޭތަން. ބިޓިން މީހުންނަކީ ނޭވަޔަކު ދެކޮޅު ބިޓުން ގޮވައިން އުޅޭ މީހުން. އެހެން ނޫޅެން"

ފުބޫއަކީ އަންހެން ކުދިންގެ މެދުގައި ނިކަން މަޝްހޫރު މީހެއްވެސްމެ. އެކުދިން އެނގެން ބޭނުންވާނެ ކަންނޭނގެ މިހާރުގެ ސްޓޭޓަސް. މިހާރުގެ ރިލޭޝަންޝިޕް ސްޓޭޓަސް އަކީ ކޮބާތަ؟

"ސިންގަލް. ހަމަ ސިންގަލް. ރިލޭޝަންޝިޕް ސްޓޭޓަސް ހަމަ ސިންގަލް."

ފުބޫ ދެކޭގޮތުގައި މިހާރުގެ މޮޑާން ރިލޭޝަންޝިޕްތައް ވޯކް ނުކުރަނީ ކީއްވެގެން؟

"މޮޑާން ރިލޭޝަންޝިޕްސް ވޯކް ނުކުރަނީ ސޯޝަލް މީޑިއާ، ސޯޝަލް ނެޓްވޯކާ ހެދި ކަމަށް ބޮޑަށް ގަބޫލުކުރެވެނީ. އެއީ އާންމުކޮށް މިހާރު ދިރިއުޅުމުގެ ހުރިހާ ކަމެއް ޑިޕެންޑުވަނީ ފޭސްބުކް. ނިދިޔަސް ހޭލިއަސް، މީހަކާ އިނަސް ވަރި ވިޔަސް، ރުޅި އަޔަސް ނަޔަސް މުޅި ދިރިއުޅުން އޮތް ގޮތަށް ބިނާވާ އެއްޗަކީ ފޭސްބުކް. އެހެންވީމަ ކަމަށް ބޮޑަށް ލަފާކުރެވެނީ."

ދިވެހިންގެ ތެރޭގައި ގެންގުޅޭ ވިސްނުމެއް ކަންނޭނގެ މީ ފިލްމީ ދާއިރާގައި އުޅޭނަމަ އެންމެ ރަނގަޅު ދިރިއުޅުމެއް ނުލިބޭ ކަމަށް. ގިނަ ފަންނާނުންގެ ކައިވެނިތައް ރޫޅޭ ކަމަށް. ފުބޫ ގަބޫލުކުރަންތަ އެކަން؟ ފިލްމީ ދާއިރާގައި އުޅެމުން އެންމެ ރަނގަޅު ދިރިއުޅުމެއް ލިބިދާނެތަ؟

"މަޝްހޫރުވިޔަސް ނުވިޔަސް އަސްލު ހަގީގަތުގައި ފިލްމު ކުޅުނަސް ލަވަ ކުޅުނަސް މިއުޒިކް ކުޅުނަސް ކޮންމެ ކަމެއް ކުރިޔަސް އިންސާނުން ވާނީ އިންސާނުންނަށް. ފުބޫ ގަބޫލުކުރާ ގޮތުގައި ވެއްޖެއްޔާ ދިވެހި ރާއްޖެ ފުދޭވަރަކަށް މަތީ ލެވަލްއެއްގައި މިއޮޓީ ޑިވޯސް ރޭޓް. އެއަށް ބަލައިލިޔަސް އެނަ އެނގޭ ދިވެހިންގެ ހާލަތު ހުރި މިންވަރު. ވާހަކައަކީ ކޮންމެހެން ފިލްމު ކުޅޭތީއެއް ނޫނޭ ފުދޭވަރެއްގެ ބޮޑެތި ޕްރެޝާތަކެއް އައިސްގެން، ނާދެޔެކޭ ނޫން. އެހެން ވެގެން ކަމަށް ބޮޑަށް ބެލެވެނީ. އަވަހީ ދޯ ބޮޑަށް ގިވްއަޕް ކުރާލެއް. އެހެން ހީވަނީ. އިންނަ ގޮތަށް ބޮޑެތި ކަންތައްތަކެއް އަންނަން ފެށީމަ ޑިވޯސް."

ދިވެހި ފިލްމު އިންޑަސްޓްރީ ފުބޫ ސިފަކުރަނީ ކިހިނެއް؟

"ދިވެހި ފިލްމު އިންޑަސްޓްރީ ސިފަކުރަނީ މިހާރު ބުނަންޏާ ބުނެވޭނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިއްޖޭ. ޖެނަރޭޝަންގައި މިހާރު ކުރިއަރަމުން އަންނަ ކުދިންތައް ވަރަށް މޮޅޭ ބުނެވޭނީ. ހަމަ ވަރަށް ވަރަށް މޮޅު. ދޭ ކޭން ޓޭކް އިޓް ޓު ނިއު ލެވަލް."

ދެން މިހާރު މިއޮތް ގޮންޖެހުންތަކަކީ ކޮބާ؟

"ފިލްމީ ދާއިރާއަށް އަދި އިހަށް ދުވަހު ކަންނޭނގެ މި ނުކުމެވުނީ. ލޯ ހުޅުވިގެން މިކަމާ ބެހޭގޮތުން މައުލޫމާތު މި ލިބުނީ އިއްޔެ މެންދުރު އަނެއްހެން ބުނަންޏާ. ފުދޭ ވަރަކަށް ބޮޑެތި ގޮންޖެހުން އެބަހުރި. ދެން ކޮންމެ ކަމަކީވެސް އެކަހަލަ ކަމެއް ކަމަށް މި ބެލެވެނީ. ދެން ދިވެހި ރާއްޖެގައި ކުރަންޏާ ފުދޭވަރަކަށް ޕްރެޝާ ބޮޑުވާނެ. އަދި އާޓިސްޓުން ވެލިއު ކުރާލެއް މަދީ އަސްލު. ވާހަކައަކީ އާޓިސްޓުންނަކީވެސް ބައެއްކަން ގަބޫލުނުކުރެވެނީ. އެމީހުން ފުދޭވަރަކަށް ދަށްކޮށްލާފައިި މި ހުންނަނީ. އެކަމު މަޑުމަޑުން އެކަން ބަދަލުވަމުންދަނީ."

މިހުރިހާ ވާހަކަ ދެއްކިއިރު އަދި ޑީޖޭ ކުރާ ވާހަކަ މިއޮތީ ނުދައްކާ. އެކަމަށް ވަދެވުނު ގޮތް ކިޔާލަ ދީބަލަ؟

"ޑީޖޭ ޖެއްސުމަކީ އެންމެ ކުޑައިރުން ފެށިގެންވެސް ޑްރީމެއް އަސްލު. ދެން އެކަން ވޭތޯ ގަދައަޅައި މަސައްކަތް ކުރަމުން މިދަނީ."

  • ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
  • މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
  • ވޯޑްރޯބް: ޗެޕްސް