ދުނިޔެ

ޗައިނާ-ރަޝިޔާއިން ދެކުނު ކަނޑުގައި އަސްކަރީ ތަމްރީންތަކެއް، އެމެރިކާ ކަންބޮޑުވެއްޖެ

Jul 31, 2016
3

ޗައިނާ އާއި ރަޝިޔާ ގުޅިގެން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ޑްރިލްއެއް ކުރިއަށް ގެންދިއުމަށް އިއުލާން ކުރުމުން އެމެރިކާއިން ކަންބޮޑުވެއްޖެ އެވެ.

ޗައިނާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހު ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ޓްރެއިނިންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިޓްރެއިނިންގައި ކަނޑުގެ ސަރހައްދާއި އެކނަޑުގައި ޗައިނާއިން ހިއްކާފައިވާ ރަށްރަށުގެ ސަރަހައްދުތައް ވެސް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީއާ ވާހަކަ ދައްކަމުން ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާން ޔޭންގް ޔުޖުން ވިދާޅުވީ އަސްކަރީ ފަރިތަކުންތަކުގެ ޕްލޭންތައް އެކުލަވައިލައިފައިވަނީ ޗައިނާ އާއި ރަޝިޔާގެ އިސްތިރާޖީ ގުޅުން ހަރުދަނާ ކުރުމުގެ އިތުރަށް ކަނޑުގެ ސަރަހައްދުން ކުރިމަތިވާނެ ނުރައްކަލަކުން ދިފާއުވުމަށް ތައްޔާރީތައް ވުމަށް ކަމަށެވެ.

"މި ތަމްރީން ތަކުގެ ސަބަބުން ތިން ވަނަ ފަރާތަކަށް އަސަރެއް ނުކުރާނެ" ޔުޖުން ވިދާޅުވި އެވެ.

ޗައިނާއާއި ރަޝިޔާއަކީ އދ ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިދީފައިވާ ދެ ގައުމެވެ. ނިންމުންތަކުގައި އެދެ ގައުމުގެ ވިސްނުން އެއްގޮތެވެ.

މިދިޔަ އަހަރު އެ ދެގައުމުން ގުޅިގެން ވަނީ ޖަޕާން ކަނޑުގަޔާއި މެޑިޓެރޭނިއަން ކަނޑުގައިވެސް އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

މިދުވަސްވަރަކީ ދެކުނު ޗައިނާގެ ކަނޑުގެ މައްސަލަ ނާޒުކު ފައްތަރެއްގައިވާ ދުވަސްވަރެކެވެ. ޗައިނާ އިން އެކަނޑުގެ ސަރަހައްދުގައި އެގައުމުގެ ސަރަހައްދު ކަމަށް ބުނެ ކަނޑު ފަރުތަކުގައި ހިއްކައިގެން ހަދާފައިވާ ރަށްރަށަކީ ގައިރު ގާނޫނީ އަމަލެއް ކަމަށް ކަމަށް ހޮލެންޑްގެ ދަހޭގްގައި ހުންނަ ބައިނަލްއަގްވާމީ އާބިޓްރޭޝަން ކޯޓުން ހުކުމްކޮށްފައެވެ. އެދި އެސަރަހައްދު ދޫކޮށް ޗައިނާގެ އިމުގެ ތެރެއަށް ވަނުމަށްވެސް އާބިޓްރޭޝަން ކޯޓުން ވަނީ ޗައިނާގެ މައްޗަށް ހުކުމްކޮށްފައެވެ. ފިލިޕީންސުން އެކޯތަށް ހުށަހެޅި މައްސލައިގައި ރަޝިޔާގެ ފަރާތުން ތާއިދުކޮށްފައިވަނީ ޗައިނާ ކޮޅަށެވެ.

ޗައިނާއާއި ރަޝީޔާގެ އަސްކަރީ ޑްރިލްއާ ބެހޭގޮތުން ވާހަކަ ދައްކަމުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ތަރުޖަމާން ޖޯސް އާނެސްޓް ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ މައްސަލައަކީ މިހާރު ނާޒުކު މައްސަލެއް ކަމަށާއި މިވަގުތު އެމީހުން (ޗައިނާއާއި ރަޝިޔާ) އެކަނޑުގައި އަސްކަރީ ޓްރެނިންތައް ހިންގަންވީ ސަބަބެއް އެ ގައުމަށް ނުވިސްނޭ ކަމަށެވެ.

އެމެރިކާގެ އަސްކަރީ އުޅަނދުތައް ދެކުނު ޗައިނާ ކަނޑުގެ ސަރހައްދުގައި ހަރަކާތްތެރިވެ އެވެ. ޗައިނާއިން ތުހުމަތު ކުރާ ގޮތުގައި ކަނޑު މައްސަލަ ހޫނުވީ އެމެރިކާއިން އެސަރަހައްދުގައި ހަރާކްތެރިވާން ފެށުމުންނެވެ.