ދުނިޔެ

އިތުބާރު ނެތް ކަމުގެ ވޯޓް ނަގައި ޓިއުނީޝިއާގެ ބޮޑުވަޒީރު މަގާމުން ދުރުކޮށްފި

Jul 31, 2016

މަގާމާ ހަވާލުވިތާ 18 މަސް ފަހުން ޓިއުނީޝިއާގެ ބޮޑުވަޒީރު ހަބީބު އެސިދުއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެއްކަމުގެ ވޯޓެއް ނަގައި، އޭނާ މަގާމުން ދުރުކޮށްފި އެވެ.

ތޫނިސްގެ ޕާލިމެންޓްގެ ނެގި ވޯޓްގައި އެސިދުގެ އިތުބާރު ނެތް ކަމަށް 118 މެންބަރުން ވަނީ ވޯޓް ދީފަ އެވެ. އޭނާއާ އެއްކޮޅަށް ވޯޓް ދީފައިވަނީ 27 މެންބަރުންނެވެ.

ތޫނިސްގެ ވެރިކަން ކުރާ ކޯލިޝަނުން އޭނާއާ މެދު ހިތްހަމަނުޖެހޭކަން ވަނީ ފާޅުކޮށްފަ އެވެ. އެހެންވެ މިވޯޓް ނެގުމުގެ ކުރިންވެސް، އޭނާގެ އިތުރުބާރު ނެތް ކަމަށް ފާސްވާނެ ކަން ވަނީ ބެލެވިފަ އެވެ.

އިއްޔަ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެސިދު ވިދާޅުވީ، އޭނާ "މަގާމުން ދުރަށް ދާން ޖެހޭނެކަން އެނގޭ" ކަމަށެވެ.

"އަހަރެން މިތަނަށް އައީ މަގާމުގައި ހުރުމަށް ބޭނުންވާ 109 ވޯޓް ހޯދަކަށް ނޫން. އަހަރެން މަޖިލީހުގެ މެންބަރުންނަށް އަހަރެންގެ ބަސް އިއްވަން" މަޖިލީހަށް ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި އެސިދު ވިދާޅުވި އެވެ.

އާ ބޮޑުވަޒީރަކު ހޮވުމަށް މަޝްވަރާތައް މާދަމަ ފަށާނެ ކަމަށް ބެލެވެ އެވެ.

މދިޔަ މަހު ޓިއުނީޝިޔާގެ ރައީސް އަލް ބާޖީ ގާއިދު އަލްބަސީ ވަނީ، އެއްބައިވަންތަ ކަމުގެ އާ ސަރުކާރެއް ގެނައުމަށް ގޮވާލައިފަ އެވެ. އެއާ އެކު އެސިދަށްވަނީ ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެފަ އެވެ.

ވަޒީފާ ނެތް މީހުންގެ އިންސައްތަ މަތިވުމާއި 'އިސްލާމިކް ސްޓޭޓް' ގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގުރޫޕުން ޓިއުނީޝިޔާގެ ސަރަހައްދުގައި މިދިޔަ އަހަރު ދިން ހަމަލާއާ ގުޅިގެން މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން ގައުމު އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ. މިއީ އޭނާގެ ސަރުކާރަށް އެންމެ ބޮޑު ޕްރެޝަރެވެ.