ރައްޔިތުންގެ މަޖިލިސް

އަބުރުގެ ބިލު މަޖިލީހަށް ބަލައިގެން ވަގުތީ ކޮމެޓީއަކަށް

އަބުރުގެ ކުށް ސާބިތުވެއްޖެ ނަމަ ބޮޑެތި އަދަބުތައް ލިބޭ ގޮތަށް ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުކޮށް ބަލައިގެންފި އެވެ. މިއަދު ބިލް ބަލައިގަތުމަށްފަހު ދިރާސާ ކުރުމަށް 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވަން ވެސް ވަނީ ފާސްކޮށްފަ އެވެ.

ސަރުކާރު ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވެވި މި ބިލު ބަލައިގަތުމަށް 38 މެންބަރުން ވޯޓު ދެއްވި އިރު ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 28 މެންބަރުންނެވެ. ވަގުތީ ކޮމެޓީއަކަށް ފޮނުވަން ފާސްވީ 39 މެންބަރުންގެ ވޯޓުންނެވެ.

މި ބިލް ދިރާސާ ކުރުމަށް ފާސް ކުރި 11 މެންބަރުންގެ ވަގުތީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ

މި ބިލް ބަލައިގަތް އިރު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު މަޖިލީހުގައި ވިދާޅުވީ ބިލާ މެދު ނޫސްވެރިން ދައްކާ ޓެކްނިކަލް ވާހަކަތަކާއި ކަން ބޮޑުވުންތައް ބަލައިގަނެ ބިލަށް ބަދަލުތަކެއް ގެނައުމަކީ ޕީޕިއެމްގެ ޕީޖީ ގްރޫޕްގެ ރޫހު ހުރި ގޮތް ކަމަށެވެ. ނިހާން އަދި ވިދާޅުވީ ކޮމިޓީއަކަށް ބިލް ފޮނުވައި ބިލް ރަނގަޅަށް ދިރާސާ ކޮށް މީޑިއާގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރައްވާނެ ކަމަށެވެ.

11 މެންބަރުންގެ ކޮމެޓީ

  • 1- ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް
  • 2- ކެލާ ދާއިރާގެ މެންބަރުން އަލީ އާރިފް
  • 3- ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން
  • 4- އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު
  • 5- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފް
  • 6- މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން
  • 7- ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް
  • 8- މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ
  • 9- ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
  • 10- ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް
  • 11- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު

އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ ހައްގަށް، ނަމަށް، އަބުރަށް، ގަދަރަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނޫނީ ގެއްލުން ލިބޭ އަދި ސާބިތު ނުހިފޭ ދޮގު ހަބަރު ފެތުރުމުން އެއީ އަބުރާ ބެހުން ކަމުގައި ބެލެވެއެވެ. އަދި އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ގައުމުގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭ ފަދަ ހިޔާލުތަކުގެ އިތުރުން އާންމު އުސޫލެއްގެ ގޮތުން އަމަލު ކުރަމުން އަންނަ، އަހްލާގީ ނޫނީ ސުލޫކީ މިންގަނޑު ނުވަތަ ރައްޔިތުންގެ މައްސޫލިއްޔަތު އުފުލުމުގައި ވާޖިބު އަދާކުރާ ފަރާތްތަކުންނާއި މީޑިއާ ވަސީލަތްތަކުން ތަބާވަމުން ދާނެ މިންގަނޑުތަކާ ހިލާފު ހިޔާލެއް ފާޅު ކުރުންވެސް އަބުރާ ބެހުމުގެ ކުށަށް އަރައިގަތުން ކަމުގައި ބެލެވޭނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.

އެފަދަ ކުށަކަށް އަރައިގެން މީހެއްގެ އަބުރަށް އަރައިގަނެފިކަން ސާބިތުވެއްޖެ ނަމަ 50،000ރ. އާއި ދެ މިލިއަން ރުފިޔާ ދެމެދު އަދަދަކަށް ޖޫރިމަނާ ކުރާނެ އެވެ. އަދި އެ އަދަދަށް ފައިސާ ނުދައްކައިފި ނަމަ ހަ މަހައި ތިން މަހާ ދެމެދުގެ މުއްދަތަކަށް އެފަރާތެއް ޖަލަށް ލާން ޖެހޭ ކަމަށްވެސް މި ބިލުގައި ބުނެފައިވެ އެވެ.

އަބުރު ރައްކާތެރި ކުރުމައި ބެހޭ ބިލު ބަލައިގެންފައިވާ އިރު ނޫސްވެރިންނާއި މީޑިއާ ކައުންސިލުން ދަނީ މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް މި ބިލުގެ ޒަރިއްޔާއިން ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް އެޅޭނެކަމަށް ގޮވައިލަމުންނެވެ. އެގޮތުން މިހާތަނަށް ބެއެއް ނޫސްވެރިން "27ގެ ދިފާއުގައި" ނަމުގައި މުޒާހަރާވެސް ކޮށްފައިވާ އިރު މީޑިއާ ކައުންސިލުން ވަނީ އަބުރުގެ ބިލާ ގުޅޭގޮތުން ޕީޕީއެމް މެންބަރުންނާ މަޝްވަރާކޮށްފަ އެވެ.