ރައްޔިތުންގެ މަޖިލިސް

އަބުރުގެ ބިލާ މެދު މެންބަރުންގެ ހިޔާލުތައް ދެކަފިވެފައި!

އަބުރަށް އަރައިގަނެފި ނަމަ ބޮޑެތި އަދަބުތަކެއް ލިބޭ ބިލާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ ހޫނު ބަހުސެއް މަޖިލީހުގައި މިއަދު ކުރިޔަށް ގޮސްފި އެވެ.

އަބުރު ރައްކާތެރި ކުރުމުގެ ބިލަށް ބަހުސް ކުރެއްވުމަށް ތިން ގަޑިއިރުގެ ވަގުތެއް ރިޔާސަތުން ދެއްވި އިރު އެ ބިލާ މެދު 31 މެންބަރުންގެ ވާހަކަފުޅު ދެއްކެެވި އެވެ. ބިލާމެދު މެންބަރުންގެ ހިޔާލުތައް ދެކަފިވީ ނަމަވެސް ގިނަ މެންބަރުންގެ ވިސްނުން ހުރީ މީޑިއާގެ ކަންބޮޑުވުންތަކަށް އިޖާބަދީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅޭގޮތަށް ބިލު ފާސްވެގެން ދިޔުމަށެވެ. ހަމައެއާއެކު ކޮންމެ މީހެއްގެވެސް އަބުރު ރައްކާތެރި ކުރެވެން ޖެހޭ ކަމަށާއި ނަމަވެސް އަބުރު ރައްކާތެރި ކުރުމާބެހޭ ބިލުގައި އިސްލާހު ކުރަން ޖެހޭ ކަންބޮޑުވުންތަކެއް ހުރި ކަމަށް މެންބަރުން އިއްތިފާގުވެފައި ވެއެވެ.

ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ވިދާޅުވީ ބިލާމެދު މީޑީއާއިން ކަންބޮޑުވުން ފާޅު ކުރަނީ ބިލު ރަނގަޅަށް ދިރާސާނުކޮށް "އަވަސް އަރުވާލައިގެން" ކަމަށާއި ނަމަވެސް ބިލުގެ ޒަޔިއްޔާއިން މީޑިއާގައި ހިޔާލު ފާޅު ކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގަައި ފުރުސަތު ހުޅުވާލައިފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ހަމައެކަނި ލާޒިމް ކުރާ ކަމަކީ ތެދު ހަބަރަކަށް ވުން ކަމަށެވެ. އަދި ދޮގު ހަބަރު ފެތުރުން ހުއްޓުވުން ކަމަށެވެ.

އަބުރުގެ ބިލު ދިފާއު ކުރައްވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ގޮތަށް، އަބުރު ރައްކާތެރި ކުރުމަކީ ވެސް ކަށަވަރު ކޮށްދޭން ޖެހޭ ހައްގެއް ކަމަށެވެ. އެގޮތުން އަބުރުގެ ބިލުން ހުއްޓުވަނީ ދޮގު ހަބަރު ފެތުރުމާއި އެއްވެސް އަސާސެއް ނެތި މީހުންގެ އަގު ވައްޓާލުމަށް ވާހަކަތައް ދެއްކުން ކަމަށެވެ. ޖައުފަރުގެ ބިލްގެ ކުރިން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވެވީ ނިހާނެވެ.

"މި ބިލާ ގުޅޭގޮތުން އެންމެ ބޮޑަށް ފާޑު ކިޔާ ގައުމުތަކު ތެރެއިން އީޔޫގައި ހިމެނޭ 19 ގައުމެއްގައި އެބަވޭ އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމުގައި ބަޔާންކޮށްފައި. މިއީ އީޔޫގައި ހިމެނޭ [އަބުރުގެ ކުށުގައި] ޖަލު ހުކުމް އަންނަ ގައުމުތައް،" ނިހާން ވިދާޅުވި އެވެ. "އެހެންކަމުން މިއީ އަލަށް ރާއްޖޭގައި ކޮށް، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ހަނިކުރަން އުޅޭ ކަމަށް ވާހަކަދައްކާ އިރު މި ގައުމުތަކުން ވެސް މިކަމެއް ނުކުރާނެ ދެއްތޯ؟ އެއްވެސް މުޖުތަމައެއްގައި މީހުންގެ އަބުރު ކަތިލާ ހިތުހުރި ވާހަކަ ދައްކާކަށް ފުރުސަތެއް ނުދޭ. އަޅުގަނޑުމެންގެ ހައްގަކީ އަޅުގަނޑުމެންގެ ދިފާއެއް،" ނިހާން ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އަބުރު ރައްކާތެރި ކުރުމަށާއި ހިޔާލު ފާޅު ކުރުމާ ގުޅޭ ގާނޫނެއް ހަދާ އިރު އެ ދެ ކަމަށް ހަމައަމައަށް އުސޫލުތައް އޮންނަން ޖެހޭ ކަމަށެވެ. ނަމަވެސް ބިލު ޑްރާފްޓުކޮށްފައި ވަނީ އަބުރު ރައްކާތެރިކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ގެއްލޭފަދަ ގޮތަކަށް ކަމަށް އިބޫ ވިދާޅުވި އެވެ. އެހެންކަމުން އެބިލަށް ތާއީދު ނުކުރައްވާ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"މިއަދު މީޑިއާގައި މީހުންގެ އަބުރާ ބެހެމުން އެބަދޭ. މިއީ ހަގީގަތް. އެކަމަކު އެކަން ނުހުއްޓުވެނީ ކީއްވެގެންތޯ؟ ފިޔަވަޅު އަޅަންޏާ ފިޔަވަޅު އެބަ ހުރި އެޅެން. އެކަމަށްވެސް ވަކި ފަރާތަކަށް ފައިދާވާ ގޮތަށް އަޅަނީ. މި ގާނޫން ފާސް ވިއަސް ކަން ވެގެންދާނީ މިހެންކަން ގަބޫލު ކުރެވޭ. އަބުރު ރައްކާތެރި ކުރުމުގެ ހައްގަކީ އަމިއްލައަށް ދިފާއު ކުރަން ޖެހޭ އެއްޗެއް. ނަމަވެސް އެ ހޯދަން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަންނާކަށް ނުޖެހޭނެ،" އިބޫ ވިދާޅުވި އެވެ.

މި ބިލުގެ މަގްސަދަށް ތާއީދު ކުރެއްވި ނަމަވެސް ބިލުގައި ހުރި ބައެއް ކަންކަމަށް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގައި ގިނަ ގާނޫނުތަކެއް ފަރުމާ ކުރައްވާފައިވާ ގާނޫނީ ވަކީލް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ އަބުރުގެ ބިލުގައި މީޑިއާއާށް ހާއްސަ ބާބެއް އޮތް ނަމަވެސް ބިލުގައި މީޑިއާއަށް ފަހި ކަމެއް ލިބިފައި ނުވާ ކަމަށެވެ. އެގޮތުން ޖޫރިމަނާ އަބުރުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ކުރިން ޖޫރިމަނާ ދައްކަން ޖެހޭ މާއްދާ އާއި ތެދު ވާހަކައެއް ޝާއިއު ކުރިޔަސް ރައްދުވާ ފަރާތުގެ ބަހެއް ހޯދަން ޖެހޭ މާއްދާ އަކީ މީޑިއާއިން ކުރާ މަސައްކަތައް ހުރަސް އެޅޭކަމެއް ކަމަށް ނަޝީދު ގަބޫލު ކުރައްވައެވެ. އަދި ބިލުގައިވާ ގޮތުން ދައުވާ ލިބޭ މީހާ ތެދު ސާބިތުކޮށްދޭން ޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް ދައުވާއެއްގެ އަސާސްތައް ސާބިތުކޮށްދޭން ޖެހޭނީ ދައުވާ ކުރާ މީހާ ކަމަށާއި ދައުވާ ލިބޭ މީހާ ވާހަކަ ދައްކަން ޖެހޭނީ އެކަމުގެ ދިފާއުގައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އަދި ޖުމްހޫރީ ޕާޓީ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ބިލުގައި ގައުމީ ސަލާމަތައް ނުރައްކާވާ ފަދަ ހިޔާލެއް ފާޅެެއް ނުކުރެވޭނެ ކަމަށް ބުނެފައިވީ ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކަވުމަކީ ކޮބައިކަން ބަޔާންކޮށްދީފައި ނުވާ ކަމަށެވެ. އަދި ގައުމީ ސަލާމަތާ ބެހޭ ގާނޫނެއްވެސް ހެދިފައި ނުވާ ކަމަށާއި އެހެންކަމުން މި ބިލުގެ ސަބަބުން އެކަމަކަށް ހައްލެއް ނުލިބޭނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އަބުރުގެ ބިލާ ގުޅޭގޮތުން ހޫނު ބަހުސްއެއް މިއަދު ކުރިޔަށް ދިޔައިރު ބައެއް ނޫސްވެރިން މަޖިލީސް ކުރިމަތީ މިއަދުވެސް ވަނީ މުޒާހަރާކޮށް ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އަދި މީޑިއާ ކައުންސިލާ މަޝްވަރާ ކުރެއްވުމަށް ފަހު ޖައުފަރު ވިދާޅުވެފައި ވަނީ ކޮމިޓީ މަރުހަލާގައި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބައްލަވާނެ ކަމަށެވެ.