އަބުރު ރައްކާތެރިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މީޑީއާއަށް ފަހިވާ ގޮތަށް އޮތް ބިލެއް ނޫން ކަމަށާއި އެ ބިލާ މެދު ކަންބޮޑުވާ ކަންކަން ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަބުރުގެ ބިލާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވީ ގާނޫނެއްގެ ތެރޭގައި ވަކިން ބާބެއް ކަނޑައަޅައި ވަކި އުސޫލުތަކެއް ހަދަނީ އެ ބަޔަކަށް ގާނޫނުގެ ތެރެއިން ބައެއް ކަންކަން ފަހިވެފައި އޮންނާނެތީ ކަމަށެވެ. ނަމަވެސް އަބުރުގެ ބިލުގައި މީޑިއާއާށް ހާއްސަ ބާބެއް އޮތް ނަމަވެސް ގާނޫނުގައި ފަހި ކަމެއް ލިބިފައި ނުވާ ކަމަށެވެ.
އެގޮތުން ކުރީގެ އިންފޮމޭޝަން މިނިސްޓަރު ކަމާއި ލީގަލް ރިފޯމް މިނިސްޓަރުކަން ކުރެއްވެވި ނަޝީދު ވިދާޅުވީ މީޑީއާގެ ފަރާތްތަކުން އަބުރަށް އަރައިގަނެފި ނަމަ އިދާރީ ފިޔަވަޅެއް ގޮތުގައި 50،000ރ. އާއި 2،000،000ރ. ދެމެދު ޖޫރިމަނާ ކުރެވޭ އިރު އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ކުރިން ޖޫރިމަނާ ދައްކަން ޖެހުމަކީ މީޑިއާއަށް ފަހިވާ ގޮތަށް އޮތް އުސޫލެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މީހަކު އިދާރީ ގޮތުން ނިންމާ ނިންމުމަކާ ދޭތެރޭގައި ހިތްހަމަ ނުޖެހިގެން އެއަށް ފަރުވާއެއް ހޯދަން ޝަރުއީ މަރުހަލާއަށް ދިޔުމުގެ ކުރިން ޖޫރިމަނާ ދަައްކައިފައި ދެން ޝަރުއީ މަރުހަލާއަށް ގޮސް މަސައްކަތް ކުރުމަކީ އޭގެ އެންމެ ރަނގަޅު ގޮތް ކަމަކަށް ގަބޫލެއް ނުކުރަން. އަޅުގަނޑުވެސް ގަބޫލު ކުރަން ކަސްޓަމުން ކަނޑައަޅައި އިންވޮއިސްތައް ދައްކާފައި ނޫނީ ޓެކްސް އެޕީލް ޓްރައިބުއުނަލް އަކަށް ނުދެވޭނެ. ނަމަވެސް އެއީ ދައުލަތަށް އަންނަން ޖެހޭ އާމްދަނީ ބަރާބަރަށް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް އޮންނަ އިސްތިސްނާ އެއް. ނަމަވެސް އަބުރާ ބެހިގެން އެކަން އެހެން ކުރަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ގިނަ ގާނޫނުތަކެއް ވެސް ފަރުމާ ކުރައްވާފައިވާ ގާނޫނީ ވަކީލް މި ބިލާ މެދު ދެން އޮތް އެންމެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ޕޯޑިއަމެއް ނޫނީ އެހެން ވެސް އެފަދަ ތަނެއްގައި މީހަކު ދައްކާ ވާހަކައެއް ތެދަށް ޝާއިއު ކުރި ނަމަވެސް ބަސް ރައްދުވާ ފަރާތެއްގެ ބަހެއް ހޯދަން ޖެހޭ މާއްދާގެ މައްޗަށެވެ. ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ ހަމަތަކުގައި މީހެއް ދައްކާ ވާހަކައަށް ބަސް ރައްދުވާ ފަރާތުން ޖަވާބު ދޭން ބޭނުންވާ ނަމަ އެ ވާހަކަ ވެސް ލިޔެ ވޭނެ ކަމަށެވެ.
"ނޫސްވެރިކަމުގެ ހަމަތަކާއި ތަހުޒީބު މުޖުތަމައުތަކުގައި ވެސް އޮންނަނީ ރައްދު ދޭން ބޭނުންވާ މީހާއަށް އެ ފުރުސަތު އޭނާ ބޭނުންވެއްޖެ ހިނދެއްގަ ލިބި ދިނުން. އަސްލު ވާހަކަތައް ލިޔުނު ގޮތަށް އެ ފެންވަރުގައި އޭގެ ރައްދު ލިޔެ ދިނުން. އެއީ އޭގެ އެއްދުވަސް ނޫނީ ދެ ދުވަސް ފަހުން ވިޔަސް. މި މާއްދާ މިހާރު އޮތް ގޮތުން ރައްދުވާ ފަރާތް ރައްދެއް ނުދީފި ނަމަ އެ ވާހަކަ ޝާއިއެއް ނުކުރެވޭނެ. މިއީ މީޑިއާ އަށް ފަހިވާ ގޮތަށް އޮތް ކަމެއް ނޫން،" ނޫސްވެރި ކަމާބެހޭ ގިނަ ފޮތްތަކެއް ވެސް ލިޔުއްވެވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އަދި ވިދާޅުވީ ބިލުގައިވާ ގޮތުން ދައުވާ ލިބޭ މީހާ ތެދު ސާބިތުކޮށްދޭން ޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް ދައުވާއެއްގެ އަސާސްތައް ސާބިތުކޮށްދޭން ޖެހޭނީ ދައުވާ ކުރާ މީހާ ކަމަށާއި ދައުވާ ލިބޭ މީހާ ވާހަކަ ދައްކަން ޖެހޭނީ އެކަމުގެ ދިފާއުގައި ކަމަށެވެ. ނަޝީދު ވިދާޅުވީ މި ކަންކަމަށް ރިޔާއަތްކޮށް ކޮމިޓީ މަރުހަލާގައި މަސައްކަތްތަކެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.