ހަބަރު

އެޕޯލޯ ހުޅުމާލޭ ޓަވަރު މަޝްރޫއު އިފުތިތާހުކޮށްފި

  • އަގުތައް ހުރީ 1.1 މިލިއަނާއި 7 މިލިއަނާއި ދެމެދު
  • ކޮންޑެމީނިއަމް ހަދަނީ ދެ ޓަވަރަށް ވާގޮތަށް
  • 97 އެޕާޓްމަންޓްގެ ދެ ޓަވަރު ނިންމުން 2018ގައި

އެޕޯލޯ ހޯލްޑިންސްގް އިން ހުޅުމާލޭގައި ތަރައްގީ ކުރާ އެޕޯލޯ ކޮންޑޮމީނިއަމް އިމާރާތް ކުރުމުގެ މަޝްރޫއު އިފުތިތާހު ކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި "އެޕޯލޯ ޓަވަރު" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އާއި އެޕޯލޯ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހުއްސިން ހުސެއިން އެވެ.

ހުޅުމާލެ، އެސްޓީއޯ ހޮޓަލާއި އިންވެގެން އޮންނަ ހުސް ބިމުގައި ތަރައްގީ ކުރާ އެޕޯލޯ ޓަވަރުގައި 97 އެޕާޓްމަންޓެއް ހިމެނެ އެވެ. މި އިމާރާތް ހަދަނީ ގާތްގަނޑަކަށް 121،397 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގަ އެވެ. މިތަނުގައި 61 ސެމީ ޑިލަކްސް އެޕާޓްމަންޓާއި 28 ލަގްޒަރީ އެޕާޓްމަންޓް އަދި އަށް ޕެންޓް ހައުސް ހިމެނެ އެވެ.

ލަގްޒަރީ އެޕާޓްމަންޓެއްގެ ގޮތުގައި ކުރިއަށް ގެންދާ "އެޕޯލޯ ޓަވަރު" މަޝްރޫއު އިފުތިތާހު ކޮށްދެއްވަމުން ނައިބް ރައީސް ޖިހާދު ވިދާޅުވީ ރާއްޖޭގައި ގެދޮރުގެ ދަތިކަން ނެތި އެތައް ބަޔަކު އެބަތިބި ކަމަށާއި، މި ފްލެޓްތަކުން އެ ދަތިކަމަށް ކޮންމެ ވެސް ލުޔެއް ލިބޭނެ ކަމަށެވެ.

"ސަރުކާރުގެ ބޭނުމަކީ ދިވެހި ރައްޔިތުންނަކީ އުފާ ފާގަތިކަމުގައި އުޅޭނެ ބަޔަކަށްވުން. އަޅުގަނޑުމެން އެންމެ އުފާވަނީ އަޅުގަނޑުމެންގެ ދަރިން އުފަންވާ ދުވަސް. އަޅުގަނޑަށް އުފާލިބޭނެ ކަމެއް ފްލެޓެއް ލިބޭނެ ދުވަސް. ކޮންމެ ބޭފުޅަކު ވެސް އުފާވާނެ އަމިއްލަ މިލްކުގައި ހުންނަ ގެދޮރު ލިބޭނެ ދުވަހަކުން،" ޖިހާދު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ އެޕޯލޯ ހޯލްޑިންސްގެ ފަރާތުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ "އެޕޯލޯ ޓަވަރު" ހަދަނީ ދެ ޓަވަރު ފެންނަ ގޮތަށެވެ. މީގެ ތެރެއިން އެއް ޓަވަރުގައި ނުވަ ބުރި ހުންނައިރު އަނެއް ޓަވަރު ހަދަނީ 10 ބުރިއަށްވާ ގޮތަށެވެ. މިތަނުގައި އެއް ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ހިމެނެ އެވެ. މި ތަންތަނުގެ އަގުތައް އުޅެނީ 1.1 މިލިއަން ރުފިޔާ އިން ފެށިގެން ހަތް މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

"އެޕޯލޯ ޓަވަރު" މަޝްރޫއު އިފުތިތާހު ކުރުމަށްފަހު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެޕޯލޯ ހޯލްޑިންގްސްގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު އާދަމް ވިދާޅުވީ މި ފްލެޓްތައް ބޭނުންވާ ފަރާތްތަކުން ފުރަތަމަ 20 ޕަސެންޓް ދެއްކުމުން ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެފްޑީއެފްސީ) މެދުވެރިކޮށް ލޯނު ހަމަޖައްސައިދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނާއި އެޗްޑީއެފްސީއާމެދު އޮންނަ އެގްރިމެންޓުގެ ދަށުން އެކަން ކުރިއަށްދާނެ. އަންނަ މަހު މަސައްކަތް ފެށިގެންދާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ 2018 ގެ ސެޕްޓެމްބަރު މަހު ނިންމާލެވޭނެ،" އާދަމް ވިދާޅުވި އެވެ.

"އެޕޯލޯ ޓަވަރު" ގެ މަޝްރޫގެ ފްލެޓްތައް ހޯދަން ބޭނުންވާ ފަރާތްތަކަށް މާދަމާ މ. މެރިން ވިލާ، ދެވަނަ ފަންފިލާގައި އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ޕްރީ ބުކިން ހެއްދުމަށް ބައި ލައްކަ ރުފިޔާގެ ފީއެއް ނަގާނެ އެވެ.