ހަބަރު

"ބްރިޖާއެކު އިތުރު އެތައް ފްލެޓެއް ހުޅުމާލޭގައި އަޅާނެ"

Aug 2, 2016
2

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ސަބަބުން ހުޅުމާލޭގައި އެތައް ފްލެޓެއް އެޅިގެންދާނެ ކަމަށް ނާއިބް ރައީސް އަބްދުﷲ ޖިހާދު ރޭ ވިދާޅުވެއްޖެ އެވެ. "އެޕޯލޯ ޓަވަރު" ގެ މަސައްކަތް އިފުތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ނާއިބް ރައީސް ޖިހާދު ވިދާޅުވީ ސަރުކާރުން މުޅި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ކަމަށާއި، މީގެ ތެރެއިން ހުޅުލެ- މާލެ ބްރިޖުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށެވެ.

"ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ ބޭނުން ކުރާނީ ހަމައެކަނި މާލޭގައި އުޅޭ މީހުންނެއް ނޫން. ރާއްޖެ ތެރެއިން އަންނަ މީހުންވެސް ބޭނުންކުރާނެ. މި ޕްލެޓްތައް ހުޅުމާލޭގައި އެޅުމުން އެތަނުން އަނެއް ތަނަށް ދަތުރު ކުރަން ވެސް ފަސޭހަ ވެގެންދާނެ،" ނާއިބް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެޕޯލޯ ފަދަ އެހެން ކުންފުނިތަކުން ވެސް ހުޅުމާލޭގައި ފްލެޓް އަޅަންވީ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމޭއިރު ފްލެޓް އަޅަން އޮންނަ ހުރިހާ ބިމެއްގައި ފްލެޓް އަޅާ ނިންމަންވީ، އެއީ އަޅުގަނޑުމެންގެ އަމާޒަހަށް ހަދަމާ ހިނގާށޭ. އޭރުން ދިވެހި ރައްޔިތުން އުޅޭނީ ވަރަށް އުފާ ފާގަތިކަމުއެއގައި. ވަރަށް އުފަލުގައި. އެންމެންނަށްވެސް ބޯހިޔާވަހިކަން ލިބިގެން،" ނާއިބް ރައީސް ވިދާޅުވި އެވެ.

ނާއިބް ރައީސް ވިދާޅުވީ ފްލެޓުގެ ޑައުންޕޭމަންޓް ދެއްކުމުގައި ފަސޭހަ ގޮތެއް ހަދައި ދިނުން މުހިންމު ކަމަށެވެ.

"ޑައުންޕޭމަންޓް ދެއްކުމަށް ފަސޭހަ ގޮތްތަކެއް ހަދައިދީފިނަމަ ރައްޔިތުންނަށް ވަރަށް ފަސޭހަ ގޮތަކަށްވާނެ. ބައެއް ފަހަރު އެއް ފަހަރާ ދެ ލައްކަ ރުފިޔާ ވަރު ދެއްކުމަކީ އުނދަގޫކަމެއް. ނަމަވެސް ދިގު މުއްދަތަކަށް ބަހާލައިފިނަމަ ފްލެޓަށް އެދޭ މީހުން ގިނަވާނެ،" ނާއިބް ރައީސް ވިދާޅުވި އެވެ.