ޓޫރިޒަމް

އުވާލި ޓޫރިޒަމްގެ ޓެކުހުން 35 އަހަރުތެރޭ 10 ބިލިއަން ރުފިޔާ!

މިހާރު އުވާލާފައިވާ، ޓޫރިޒަމްގެ ޓެކުހުން ވޭތު ވެދިޔަ 35 އަހަރު ތެރޭ ދައުލަތައް 10 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެފި އެވެ. ރާއްޖެއަށް އެންމެ ގިނަ އާއްމުދަނީއެއް ލިބުނު "ޓޫރިޒަމް ޓެކްސް" ގެ ތާރީހުގެ މައްޗަށް ބަލައި މީރާއިން ނެރެފައިވާ ފޮތުގައި ބުނެފައިވާ ގޮތުން 1979 ވަނަ އަހަރު ރާއްޖޭގެ ޓެކްސްގެ ވެއްޓަށް ފުރަތަމަ ތައާރަފު ކުރި ޓޫރިޒަމް ޓެކްސް ނުވަތަ "ބެޑް ޓެކްސް" ވަނީ ދައުލަތުގެ ބަޖެޓުގައި މުހިންމު ހިއްސާއެއް އަދާކޮށްފަ އެވެ. ނަމަވެސް މި ޓެކްސް 2014 ވަނަ އަހަރު ތެރޭގައި ވަނީ އުފާލާފަ އެވެ.

މި ޓެކުހުން ދައުލަތަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނަގާ ރޭޓަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މި ބަދަލުތަކާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.

މީރާ އިން ބުނީ ޓޫރިޒަމް ޓެކްސްގެ މައްޗަށް ފޮތެއް ނެރުމުގެ މަގުސަދަކީ މި ޓެކްސްގެ ތާރީހު ރައްކާ ކުރުމެވެ. މިކަމާ ގުޅޭ ގޮތުން ލިބެން ހުރި މައުލޫމާތު އެއްކުރުމެވެ.