ހުޅުމާލެ

ހުޅުމާލޭގައި ދެ ޓަވަރަށްވާ ގޮތަށް ރެއިންބޯއިން 145 ފްލެޓް އަޅަނީ

Aug 3, 2016
2
  • ވަރަށް އަވަހަށް މަސައްކަތް ފަށާނެ
  • ފްލެޓް އަޅަނީ ފެރީޓާމިނަލް ކައިރީ
  • އަގުތައް ވަރަށް އަވަހާ އިއުލާން ކުރާނެ

ހުޅުމާލޭގެ އެންމެ ހިތްގައިމު ސަރަހައްދުގައި 145 ފްލެޓް އަޅަން ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރެއިންބޯ ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. އަދި ރެއިންބޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގު އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން މާޒިން ވިދާޅުވީ ހުޅުމާލޭގައި އެ ކުންފުނިން ތަރައްގީކުރާ 145 ފްލެޓު ހަދަނީ ދެ ޓަވަރަށްވާ ގޮތަށް ކަމަށާއި، މި ތަން ހަދަނީ ވަރަށް ހިތްގައިމު ސަރަހައްދެއްގައި ކަމަށެވެ.

"ފެރީ ޓާމިނަލް އިން ހިނގާލާފައި ދެ މިނެޓުން ދެވޭ ހިސާބުގައި މިތަން ހަދަނީ. ގާތްގަނޑަކަށް ދެ މަސް ތެރޭގައި މަސައްކަތް ފެށޭ ވަރުވާނެ،" މާޒިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ތަނުގައި ދެ ސުވިމިން ޕޫލާއި ބޭސްމަންޓް، ޕާކިން އަދި ގްރީން އޭރިޔާއެއް ވެސް ހުންނާނެ ކަމަށެވެ.

ރެއިންބޯ އިން ބުނީ ފްލެޓް ވިއްކާނެ އަގުތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާއި، މިހާރު ވެސް ނަން ނޯޓު ކުރަން ބޭނުންވާ މީހުން 3340420 އަށް ގުޅަމުން ދިއުން އެދޭ ކަމަށެވެ.