ހައުސިން ޔުނިޓް

"އޯޝަން ފްރޮންޓް ރެސިޑެންސް" ފްލެޓު ދުރާލައި ވިއްކަން ހުޅުވާލައިފި

  • ވައި ސާފުކޮށް ބެހެއްޓުމަށް ހާއްސަކަމެއް ދީފައިވޭ
  • ފްލެޓު ހަދަނީ ހުޅުމާލެ ފެރީޓާމިނަލް ކައިރީގައި
  • އަގުތައް 2.4- 6.9 މިލިއަން ރުފިޔާ ދެމެދުގައި

ރެއިންބޯ އިން ހުޅުމާލޭގައި އަޅާ "އޯޝަން ފްރޮންޓް-ރެސިޑެންސް" ފްލެޓު ދުރާލާ ވިއްކަން ހުޅުވާލައިފި އެވެ.

ރެއިންބޯ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގު ވިދާޅުވީ ހުޅުމާލޭގެ އެންމެ ހިތްގައިމު ސަރަހައްދު ކަމަށްވާ ފެރީ ޓާމިނަލް ސަރަހައްދުގައި ދެ ޓަވަރަށް ވާގޮތަށް އަޅާ 145 ފްލެޓަށް ޝަގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ފްލެޓަށް އެދޭ ފޯމް ރެއިންބޯ އޮފީހުންނާއި 'އޯޝަން ފްރޮންޓްރެސިޑެންސް ޑޮޓް ކޮމް ޑޮޓް އެމްވީ' ވެބްސައިޓުން ލިބޭނެ. އިތުރު މައުލޫމާތު 3340482 ނަމްބަރާއި 3340420 ދެ ނަމްބަރުން ލިބޭނެ،" މާޒިން ވިދާޅުވި އެވެ.

މި އަހަރުގެ ޑިސެމްބަރު މަހު އަމަލީ މަސައްކަތް ފެށިގެންދާ "އޯޝަން ފްރޮންޓް-ރެސިޑެންސް" ތަރައްގީ ކުރަނީ ދެ ޓަވަރަކަށްވާ ގޮތަށެވެ. މިގޮތުން އެއް ޓަވަރަކީ އެންމެ މަތީ ފަންތީގެ ޓަވަރެކެވެ. ދެވަނަ ޓަވަރުގެ އަގުތައް ހުންނާނީ މެދު މިނެއްގަ އެވެ.

ޓަވަރު "އޭ" ގައި ހުންނާނީ

  • 3.5 ކޮޓަރީގެ 12 އެޕާޓްމަންޓް
  • 2.5 ކޮޓަރީގެ 30 އެޕާޓްމަންޓް
  • 1.5 ކޮޓަރީގެ 6 އެޕާޓްމަންޓް
  • 9 ޕެންޓް ހައުސް

ޓަވަރު "ބީ" ގައި ހުންނާނީ

  • 3 ކޮޓަރީގެ 55 އެޕާޓްމަންޓް
  • 2 ކޮޓަރީގެ 33 އެޕާޓްމަންޓް

އޯޝަން ފްރޮންޓް-ރެސިޑެންސްގެ އަގުތައް

  • 2 ކޮޓަރީގެ އެޕާޓްމަންޓް: 2.4. - 2.5 މިލިއަން ރުފިޔާއާ ދެމެދު
  • 3 ކޮޓަރީގެ އެޕާޓްމަންޓް: 3.3 - 3.4 މިލިއަން ރުފިޔާއާ ދެމެދު
  • 2+1 އެޕާޓްމަންޓް: 3.7 - 3.8 މިލިއަން ރުފިޔާއާ ދެމެދު
  • ޕެންޓް ހައުސްގެ އަގު 6.9 މިލިއަން ރުފިޔާއަށް

ރެއިންބޯގެ މި ފްލެޓުތައް ތަރައްގީ ކުރަނީ ކޮންމެ ޓަވަރެއްގެ ޓެރަސްގައި މެއިން ޕޫލަކާއި ކުޑަކުދިންގެ ޕޫލެއްގެ އިތުރުން ހުރިހާ ސާމާނުތަކާއެކު ފުރިހަމަ ޖިމެއް ހުންނަ ގޮތަށެވެ. މީގެ އިތުރުން މިތަނުގައި 5،000 އަކަފޫޓުގ ފުރިހަމަ ކިޑްސް ކްލަބެއްވެސް ހުންނާނެ އެވެ. އަދި ކޮންމެ އެޕާޓްމަންޓެއްވެސް ފަރުމާކޮށްފައިވަނީ އޯޝަން ވިއު ފެންނާނެ ގޮތަކަށެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރެއިންބޯގެ ޑިރެކްޓަރު މާޒިން ވިދާޅުވީ މި ފްލެޓުތަކުގެ އެންމެ ބޮޑު ތަފާތަކީ ވައި ދައުރުވާނެ ގޮތަށް ފަރުމާކޮށްފައިވުން ކަމަށެވެ.

"މި ތަނުގެ ތަފާތަކީ ވެންޓިލޭޝަން އާއި ސާކިއުލޭޝަންއަށް ބޮޑު އިސްކަމެއް ދީފައިވާނެ،" މާޒިން ވިދާޅުވި އެވެ.

ރެއިންބޯ އިން މި ފްލެޓުތައްވެސް ވިއްކަނީ ފައިސާ ދައްކާ ހަލާސް ކުރެވޭ ގޮތަށް ފައިނޭންސް ސްކީމުތަކާއެކުގަ އެވެ. އެގޮތުން 20 ޕަސެންޓް ދެއްކުމުން ބާކީ އޮތް ބައި އިސްލާމިކް ބޭންކާއި، ބީއެމްއެލް އަދި އެޗްޑީއެފްސީއިން ފައިނޭންސް ކޮށްދޭނެ އެވެ.

އެ ކުންފުނިން ދަނީ ފްލެޓު އެޅުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މިގޮތުން ހިންގައިވާ ކާމިޔާބު މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި ތިން އެޕާޓްމަންޓް ކޮމްޕްލެކްސް ނިންމައި، 20 ޔުނިޓު ރޯހައުސްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މއ. މަނާގޭގައި 15 ބުރީގެ ބިޔަ ލަގްޒަރީ ރެސިޑެންސެއްގެ މަސައްކަތްވެސް ކުރެ އެވެ.