އެމްޑީޕީ

އެމްޑީޕީގެ ސިޔާސީ ހަރަކާތަކީ މަދު ބައެއްގެ ހަރަކާތެއް، އެއަށް ފުރުސަތު ނެތް: ޕޮލިސް

އެމްޑީޕީގެ ސިޔާސީ ހަރަކާތަކީ މަދު ބަޔަކު ހިންގާ ހަރަކާތެއް ކަމަށާއި އެއަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ފުލުހުން އިސްކަންދޭނީ ގިނަ ބައެއްގެ ހައްގު ރައްކާތެރިކުރުމަށް ކަމަށާއި މަދު ބައެއްގެ ހައްގުތައް ގިނަ ބައެއްގެ ހައްގު ރައްކާތެރިކުރުމަށް ހަނިކުރާނެ ކަމަށެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، އެމްޑީޕީއިން ނުވަތަ އިދިކޮޅު އިއްތިހާދުން ހިންގާ ހަރަކާތްތަކަކީ ވަރަށް މަދު ބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ކަމަށެވެ. އެހެންކަމުން އެ ހަރަކާތްތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ގިނަ ބައެއްގެ ހައްގު ރައްކާތެރިކުރުމަށް މަދު ބައެއްގެ ހައްގު ހަނިކުރެވޭނެ ކަމަށް ހަމްދޫން ވިދާޅުވި ނަމަވެސް އެއީ ގާނޫނުގެ ކޮން މާއްދާއަކުން ފުލުހުންނަށް ލިބިދޭ ބާރެއް ކަމެއް ހަމްދޫންއަށް ސާފުކޮށް ނުދުވުނެވެ.

ހަމްދޫން ވަނީ އިސްލާމީ މަރުކަޒު ބޭރުގައި ދުއާކުރުމުގެ ނަމުގައި ހިންގާ ސިޔާސީ ހަރަކާތާއި އެމްޑީޕީ ހަރުގޭގައި ހިންގާ ހަރަކާތް ނުބޭއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ކޮންމެ ހުކުރު ދުވަހެއްގެ ހުކުރަށްފަހު ކުރާ ދުއާ ކުރަނީ ވަކި ބަޔަކަށް ބަދު ދުއާކުރުމަށް ކުރާ ދުއާއެއް، އިސްލާމްދީނުގައި ބަދު ދުއާ ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ، ދުއާކުރުމުގެ ނަމުގެ ހިންގާ ހަރަކާތަކީ ސިޔާސީ ބޭނުމެއްގައި ހިންގާ ހަރަކާތެއް،" ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވީ، ހުކުރު ނަމާދަށްފަހު އިސްލާމިކް މަރުކަޒު ބޭރުގައި ހިންގާ ހަރަކާތަކީ ދެއްކުންތެރިކަމެއް ކަމަށާއި ދުއާކުރާނެ އިތުރު ގޮތްތަކާއި ތަންތަން ވެސް އެބަހުރި ކަމަށެވެ. އަދި، ހުކުރު ނަމާދަށްފަހު ނޫންނަސް ދުއާ ކުރެވޭނެ ކަމަށާއި ނަމަވެސް ހުކުރު ދުވަހު އެ ހިންގާ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށެވެ.

"މިފަދަ އަމަލުތައް ހިންގާ ފަރާތްތަށް ހުއްޓުވުމަށްޓަކައި ފުލުހުން ކުރާ މަސައްކަތުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ލިބޭ ގެއްލުމުގެ ޒިންމާއެއް ފުލުހުން ނުނަގާނެ. އަދި ފުލުހުންގެ ގަނޫނީ ވާޖިބަށް ހުރަސްއަޅާފަރާތްތަކާ ދޭތެރޭ ގާނޫނީގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވާލަން." ހަމްދޫން ވިދާޅުވި އެވެ.

އެމްޑީޕީ ހަރުގޭގައި ކޮންމެ ރެއަކު މިހާރު ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓުވާނެ ކަމަށް ވެސް ހަމްދޫން ވަނީ ވިދާޅުވެފަ އެވެ. ހަމްދޫން ވިދާޅުވީ، ކޮންމެ ރެއަކު އަޑުގަދަކުރާ ބޭނުންކޮށްގެން ލަވަ ޖަހައި، އަޑު ހަރުކޮށް ވާހަކަ ދެއްކުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެކަމުގެ ޝަކުވާ ވެސް އާންމުންގެ ފަރާތުން ވަރަށް ގިނައިން ފުލުހުންނަށް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެ ހަރަކާތުގައި ބައިވެރިވާ މީހުންނަށްވުރެ ހަރަކާތުގެ ސަބަބުން ދަތިވާ މީހުން ގިނަ ކަމަށާއި އެހެންކަމުން އިސްކަންދޭނީ ގިނަ ބައެއްގެ ހައްގު ރައްކާތެރިކުރުމަށް ކަމަށް ހަމްދޫން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ފަދައިން ދަތުރުފަތުރުކުރުމުގެ ހައްގާއި ވިޔަފާރި ކުރުމާއި، ދިރިއުޅުމާއި، ރައްކާތެރިކަމުގެ ހައްގު ވެސް އެ ގާނޫނު އަސާސީގައިވާ ކަމަށެވެ. އެމްޑީޕީގެ ހަރަކާތުން ގިނަ ބައެއްގެ މިފަދަ ހައްގުތަކަށް ދަތިވާ ކަމަށް ވިދާޅުވި އެވެ.

އިއްތިހާދުން މަގުމަތީ ކުރިއަށް ގެންދިޔުމަށް ރާވާފައިހުރި ހަރަކާތްތަކަށް ވެސް ފުރުސަތު ނުލިބޭނެ ކަމަށް ހަމްދޫން ވިދާޅުވި އެވެ. ސިޔާސީ އެއްވެސް ހަރަކާތެއް މަގުމަތީގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެއީ މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކެއް ކަމުން އާންމުން ދަތިވާތީ ކަމަށް ވިދާޅުވި އެވެ.

"މާލޭގެ މަގުތަކަކީ، ވަރަށްބޮޑަށް ތޮއްޖެހިފައިވާ ކާރޫބާރޫ ބޮޑުމަގުތަކެއް. މާލޭގައި ދިރިއުޅޭ ހުރިހާ ބަޔަކުވެސް ހިނގާ ބިގާނވެ އުޅުމާއި، ދަތުރުފަތުރުކޮށްއުޅުމުގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތައް ކުރަންވެސް އޮތީ ހަމަ މިމަގުތައް. އެހެންވީމާ ކޮންމެ ދުވަހަކުހެން މަގުތަކުގައި ސިޔާސީ ހަރަކާތްތައް ހިންގައި، މަގުތައް ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމު ހުއްޓި، ވިޔަފާރިތައް ހުއްޓުމަކީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އެތައްބަޔަކަށް ލިބެންޖެހޭ ހައްގުތަކެއް ހުއްޓިގެންދާކަމެއް." ހަމްދޫން ވިދާޅުވި އެވެ.

މިފަހުން އެމްޑީޕީގެ ހަރުގެއަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަތް މައްސަލަ ވެސް ހަމްދޫން ދިފާއުކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެ ރޭ އެތަނަށް ފުލުހުން ވަނީ އެތަން ބަލާ ފާސްކުރުމަށް ނޫން ކަމަށާއި އާންމުންގެ ޝަކުވާ ލިބުމުން އަޑު ގަދަކުރުން ހުއްޓުވުމަށް ކަމަށެވެ. އެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަންދުވަހުގެ ހަރަކާތްތައް މަގުމަތީ ކުރިއަށް ގެންދެވިފައިވާ ޕާޓީތަކުން ބާއްވާ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނީ ކީއްވެގެންތޯ ނޫސްވެެރިޔަކު ސުވާލުކުރުމުން ހަމްދޫން ވިދާޅުވީ، އެއީ ގައުމީ ކަމެއް ކަމަށާއި އަދި އެ ހަރަކާތުގައި ގިނަ ރައްޔިތުން ބައިވެރިވި ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ މިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރުދުންނާއި އަދި މިރާއްޖެއަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަމަށް. އަޅުގަނޑުމެންގެ ޒިންމާއަކަށް ވާނީ މުޅި ގައުމުގައި ސުލްހަވެރިކަން ދަމަހައްޓައި ރައްޔިތުންނަށް ރައްކާތެރިކަމުގެ މާހައުލެއް ކަށަވަރު ކޮށްދިނުން. އެކަމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްޖެހުމެއްނެތި ދިވެހި ފުލުހުން ކުރާނެ." ހަމްދޫން ވިދާޅުވި އެވެ.