ރާއްޖެ ކުޅިވަރު

އެންމެ އަވަސް ގޯލާއެކު ވެލެންސިއާ ތިން ވަނަ އަށް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މި އަހަރު ޖެހި އެންމެ އަވަސްގޯލާއެކު 2-0އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް، ވެލެންސިއާ ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ވެލެންސިއާގެ ފުރަތަމަ ލަނޑު އަހުމަދު ރިލްވާން ޖެހީ 20 ވަނަ ސިކުންތުގަ އެވެ. ކީޕަރު އަތުން ދޫވެ ޕެނަލްޓީ އޭރިޔާގެ ބޭރަށް އައިބޯޅަ އޭނާ ފޮނުވާލީ ގޯލުގެ މަތީ ދާގަނޑަށެވެ.

މުޅި މެޗުގައި ރަނގަޅަށް ކުޅުނު ވެލެންސިއާގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެންޖެލް މުނޯޒެވެ. އޭނާގެ މިލަނޑަށް ފަހު ރިލްވާން މުޅިން ހުސްކޮށް ކުރިއަރައި ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ކީޕަރު މުހައްމަދު އަލީ ދިފާއުކުރި އެވެ.
މެޗުގެ ފަހު 15 މިނިޓް ވެލެންސިއާ ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގަ އެވެ. އެއީ ރެފްރީ އަށް ހުތުރުބަހުން މުއާމަލާތްކުރުމުން ދެ ވަނަ ރީނދޫކާޑާއެކު މުހައްމަދު ޝިފާން (ކުޑައްޓޭ) އަށް ރަތްކާޑު ދެއްކުމުންނެވެ.

މި މެޗުން މޮޅުވުމުން ވެލެންސިއާ އަށް ތިން ވަނަ ލިބެނީ 15 ޕޮއިންޓާއެކުގަ އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ 13 ޕޮއިންޓާއެކު ހަވަނާގަ އެވެ. އެއްވަނާގައިވަނީ 21 ޕޮއިންޓާއެކު މާޒިޔާ އެވެ. ދެ ވަނާގައިވަނީ 20 ޕޮއިންޓާއެކު އީގަލްސް އެވެ.

ލީގުގައި މިރޭ ވާދަކުރާނީ 13 ޕޮއިންޓް ލިބިފައިވާ ނިއުރޭޑިއަންޓާއި 14 ޕޮއިންޓާއެކު އޮތް ޓީސީ އެވެ.