ރާއްޖެ ކުޅިވަރު

ވެލެންސިއާ - ޔުނައިޓެޑް ވިކްޓަރީ ވާދަވެރި ކުރިމަތިލުމަކަށް ނުކުންނަނީ

ކުލަބު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ގަދަ ހަތަރެއް ކަށަވަރުކުރަން ވާދަވެރި މެޗަކަށް މިރޭ ނުކުންނަން ތައްޔާރުވެއްޖެ އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭގެ މެޗަށް ފަހު ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު ގަދަ ހަތަރަކަށް އެންމެ ބޮޑަށް ވާދަކުރަނީ މި ދެ ޓީމެވެ. މި އަހަރު ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ އާއި ދިވެހި ލީގުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާ އަށް ވެސް މިއަހަރުގެ ލީގުގައި މިހާތަނަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުން ވެލެންސިއާ އަށް ހަތަރުވަނަ، އަދި ފަސް ވަނަ ލިބެނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ.

މި ދެ ޓީމު މިރޭގެ މެޗަށް ނުކުންނައިރު މިވަގުތު ރަނގަޅު ފޯމެއްގައި އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ. ތިން ވަނަ ބުރުގައި އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު ވެލެންސިއާ އަށް މި ބުރުގައި ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ވާދަކޮށްގެން 1-0އިން މޮޅުވީ ޔުނައިޓެޑް ވިކްޓަރީ އެވެ. ނަމަވެސް ދެ ވަނަ ބުރުގައި ކުޅުނު މެޗު ކާމިޔާބު ކުރީ ވެލެންސިއާ އެވެ. މިހެންވެ މިރޭގެ މެޗަކީ ވަރަށް ވާދަވެރި ކުރިމަތިލުމަކަށްވާނެ އެވެ.