ދުނިޔެ

އުތުރު ކޮރެއާ ސިފައިން ރަޝިއާއަށް ދާތަން ސެޓެލައިޓުން ފެންނަ ކަމަށް ބުނެފި

އުތުރު ކޮރެއާ ސިފައިން ކަނޑު މަގުން ރަޝިއާއަށް ދަތުރުކުރާ މަންޒަރު ސެޓެލައިޓު ފޮޓޯތަކުން ފެންނަ ކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ގައުމީ އިންޓެލިޖެންސާ ބެހޭ އިދާރާއިން ބުނި ގޮތުން، ރަޝިއާ އާއި އުތުރު ކޮރެއާއިން ކިތަންމެ ވަރަކަށް ދެކޮޅުހެދި ނަމަވެސް، އުތުރު ކޮރެއާ ސިފައިން ރަޝިއާ ސިފައިންނާ ބައިވެރިވެގެން ޔުކްރޭންގައި ހަނގުރާމަކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ތެދެކެވެ.

ދެކުނު ކޮރެއާއިން ވަނީ އެ މީހުންގެ ބުނުން ތެދުކުރުމަށް ސެޓެލައިޓް ތިން ފޮޓޯއެއް އާންމުކޮށްފަ އެވެ. އޭގެ ތެރެއިން ދެ ފޮޓޯއެއް ފޯރުކޮށްދީފައި ވަނީ ކޮންޓްރެކްޓަށް ސެޓެލައިޓްގެ ޚިދުމަތްދޭ ކުންފުންޏަކުންނެވެ. އަނެއް ފޮޓޯ އަކީ ދެކުނު ކޮރެއާއިން ބަހަލައްޓާ ސެޓެލައިޓަކުން ނަގާފައި އޮތް ފޮޓޯއެކެވެ.

ދެކުނު ކޮރެއާއަށް ލިބިފައި ހުރި ސިއްރު މައުލޫތަށް ބުރަވެ އެއްޗެއް ބުނާ ނަމަ އުތުރު ކޮރެއާއިން ފުރަތަމަ ބުރުގައި ރަޝިއާއަށް 1،500 ސިފައިން ފޮނުވާނެ އެވެ. ޖުމުލަ 12،000 ސިފައިން ފޮނުވާ ގޮތަށް -- ރަޝިއާ އާއި އުތުރު ކޮރެއާ މަޝްވަރާކޮށް ނިންމާފައިވާ ކަމަށް ވެސް ދެކުނުން ބުނެ އެވެ.

ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި، ނޭޓޯ ސިފައިން ޔުކްރޭން ސިފައިންނާ ބައިވެރިވެގެން ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރާ ކަމަށް ވެސް ބުނެވެ އެވެ. އަދި ޔުކްރޭނަށް ތާއީދުކުރާ ކުލީ ސިފައިން ވެސް ޔުކްރޭންގައި ހަރަކާތްތެރިވާ ކަމަށް ބުނެވެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ބައިވެރިވުމަށް އޭޝިއާއިން -- ލަންކާ އަދި އިންޑިއާއިން މީހުން ފޮނުވާ ކަމަށްވެސް ކުރިން ބުނެވުނެވެ. ހަނގުރާމައަށް ތަމްރީންކޮށްދޭ ގުރޫޕްތައް އޭޝިއާގައި ހަރަކާތްތެރިވާ ކަމަށް ބުނާތީ ވެސް އަޑުއިވެ އެވެ.

ޔުކްރޭންގައި އިނގިރޭސިވިލާތާއި އަދި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގެ ސިފައިން ހަރަކާތްތެރިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެވެ އެވެ. ނަމަވެސް، މިއިން އެއްވެސް ވާހަކަ އަކީ ތެދު ކަމެއް ކަށަވަރެއް ނުވެ އެވެ.