ގަދަ ހަތަރެއްގައި އޮތް ކުލަބް ވެލެންސިއާ 1-0އިން ބަލިކޮށް، އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އެ މަގާމު ހޯދައިފި އެވެ.
މިއީ ލީގުގައި ޖެހިޖެހިގެން ވެލެންސިއާ ބަލިވި ހަތަރު ވަނަ މެޗެވެ. ތިން ވަނަ ބުރުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ހަތަރު މެޗުން ބަލިވެ، ވެލެންސިއާ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ވިކްޓަރީއާ އެއްވަރުވެގެން ލިބުނު ޕޮއިންޓެވެ.
މިރޭގެ މެޗު ކާމިޔާބު ކުރުމުން ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ 23 ޕޮއިންޓް ލިބިފަ އެވެ. ވެލެންސިއާ މިހާރު ފަސް ވަނާގައިވަނީ 20 ޕޮއިންޓާއެކުގަ އެވެ. ނިއުރޭޑިއަންޓް ހަ ވަނާގައި އޮތީ 19 ޕޮއިންޓާއެކުގަ އެވެ.
މެޗުން ބަލިވި ނަމަވެސް ވެލެންސިއާގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ޗިންދާ ކަކާ އާއި ހަންސްލޭ އަވީލޯ އަށް ހުސް ދެ ފުރުސަތު ލިބުނެވެ. ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ދިފާއު ކުރުމުން ގޯލް އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ކަކާ ޖެހީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އަވީލޯ ހުސްކޮށްހުރެ ޖެހި ބޯޅަ ކީޕަރު ދިފާއުކުރި އެވެ. ކޯޗު މުހައްމަދު އާތިފްގެ އިރުޝާދުގެ ދަށުން ތިން ވަނަ ބުރުގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޔުނައިޓެޑް ވިކްޓަރީން ލީޑް ނެގީ ފުރަތަމަ ހާފުގެ ފަހު މިނިޓްގަ ބިދޭސީ ޑިފެންޑަރު އެވެ.
ދެ ޓީމުން ވެސް ލަނޑު ޖަހާނެ ހުސް ފުރުސަތު ހޯދި މެޗުގައި އެންމެ ފާހަގަ ކުރެވުނީ ވެލެންސިއާގެ މުހައްމަދު އާރިފް (ބަކާ) ދުރުން ޖެހި ތިން ބޯޅަ އެވެ. ފުރަތަމަ ދެ ބޯޅަ ކީޕަރު ދިފާއުކުރީ އެވެ. އަދި މެޗު ނިމިނިމި އޮއްވައި އޭނާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ހުރަސް ދަނޑި އަށެވެ.
މި މެޗުގައި ވެލެންސިއާގެ މުހިންމު ތިން ކުޅުންތެރިއަކު ނުފެނެ އެވެ. ސްޕޭން ފޯވަޑް އެންޖެން ކަރެސްކޯޒާ މުނޯޒް ގޮނޑިބަރީގައި އިންއިރު މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ހަސަން އަދުހަމް ވެސް ޓީމުން ނުފެނެ އެވެ. ބޮޑު އީދުގައި އަމިއްލަ ރަށް ބ. އޭދަފުށީގައި ކުޅެނިކޮށް އަނިޔާވި ފަހުން ކުޑައްޓޭ އަދި ގަލޮޅު ދަނޑުން ނުފެނެ އެވެ.