ހަބަރު

ދިރާގުން ގެލެކްސީ ނޯޓް 7 ލޯންޗުކޮށް ޕްރީ އޯޑާއަށް ހުޅުވާލައިފި

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް ސެވަން ލޯންޗުކޮށް މިރެއިން ފެށިގެން ޕްރީ އޯޑާ ހުޅުވާލައިފި އެވެ.

ދިރާގު ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ޕްރީ އޯޑަރު ކޮށްގެން ފޯނު ގަންނަ ކޮންމެ ފަރާތަކަށް ވީއާރް ޑިވައިސްއަކާ ފޯނު ކަވަރެއް ހިލޭ ދޭއިރު ދެ އަހަރު ދުވަހުގެ ވޮރަންޓީ ދޭން ދިރާގުން ވަނީ ނިންމާފަ އެވެ. އެއްފަހަރާ ފައިސާ ދައްކައިގެން އަދި އިންސްޓޯލްމަންޓަށް ވެސް ނޯޓް ސެވަން ދޫކުރަންވަނީ ހަމަޖެހިފަ އެވެ.

އެއްފަހަރާ ފައިސާ ދައްކާ ގޮތަށް ނޯޓް ސެވަންގެ އަގު އުޅެނީ 12،999ރ. އަށެވެ. އަދި އިންސްޓޯލްމަންޓަށް ދޫކުރާ ގޮތަށް ފޯނު ގަންނަ ފަރާތްތަކުން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 2،999ރ. ދައްކަން ޖެހޭނެ ކަމަށާއި ފޯނުގެ އަގު ފުރިހަމަ ކުރަން ޖެހޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން މަހަކު 849ރ. ކަމަށް ދިރާގުން ބުނެ އެވެ. ދިރާގު ވެބްސައިޓް މެދުވެރިކޮށް ފޯނަށް އޯޑަރު ކުރެވޭނެ އެވެ.

ނޯޓް 7 އަކީ ޕާސް ވޯޑެއް ނުވަތަ ޕެޓާން އެއް ޖަހަން ނުޖެހޭ، އައިރިސް ސްކޭނާ އާއި ކާވްޑް ޑިސްޕްލޭ ހިމެނޭ ފޯނެކެވެ. މި ފޯނަށް ފެން ނުވަންނަ އިރު 30 މިނެޓު ވަންދެން ފެނުގެ ތެރޭގައި ބޭއްވިޔަސް އެއްވެސް މައްސަލައެއް ނުޖެހޭނެ އެވެ. މި ފޯނުގައި ހިމަނާފައިވަނީ ހަތަރު ޖީބީގެ ރޭމް އާއި، 12 މެގަ ޕިކްސެލްގެ ކެމެރާއެއް އަދި ކުއަލްކޮމް ސްނެޕްޑްރެގަން 820 ގެ ޕްރޮސެސާ އެކެވެ.