ވިޔަފާރި

2.5 މިލިއަން ޑޮލަރުގެ ކާނި ގްރޭންޑް ސީވިއު އަންނަ އަހަރު ހުޅުވަނީ

  • ގެސްޓް ހައުސްގައި 55 ކޮޓަރި
  • ވަޒީފާތަކެއް އިތުރު ވެގެންދާނެ
  • މާކެޓުގެ މުސްތަގުބަލާއިމެދު އުންމީދު ބޮޑު

މާފުށީގައި ހަދާ 2.5 މިލިއަން ޑޮލަރުގެ "ކާނި ގްރޭންޑް ސީވިއު" އަންނަ އަހަރު ހުޅުވާނެ ކަމަށް ކާނި ހޮޓެލްސް އިން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ނަޝީދު ވިދާޅުވީ މާފުށީގައި ތަރައްގީކުރާ 55 ކޮޓަރީގެ މި ގެސްޓް ހައުސްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

"މި ބަލަނީ އަންނަ އަހަރުގެ ޖުލައި މަހު ހުޅުވޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ތަނުން ހުޅުވުމުން މާފުށްޓަށް އިތުރު ވަޒީފާތަކެއް އަނެއްކާވެސް އިތުރު ވެގެންދާނެ ކަމަށެވެ.

މިހާރު ވެސް އަޅުގަނޑުމެންގެ ހޮޓާތަކުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރޭ. މިތަން ހުޅުވުމާއެކު އިތުރު ވަޒީފާތައްް ހުޅުވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓް ހައުސް މާކެޓުގެ މުސްތަގުބަލް ރަނގަޅު ކަމަށާއި، އެހެންކަމުން ރާއްޖޭގައި މި ވިޔަފާރި ކުރެވިދާނެ ކަމަށެވެ.

"ދަތުރުކުރަން މީހުންގެ 20 ޕަސެންޓަކީ މުއްސަނދިން. އަނެއް 80 ޕަސެންޓަކީ ބަޖެޓް މީހުން. މި މީހުން ދަތުރުކުރޭ،" ނަޝީދު ވިދާޅުވި އެވެ.

ކާނި ހޮޓެލްސްއަކީ މާފުށީގައި އެންމެ ފެންވަރު ރަނގަޅު ގެސްޓް ހައުސް ހިންގާ ކުންފުންޏެވެ.އެ ކުންފުނީގެ ދަށުގައި "ކާނި ބީޗް ހޮޓެލް" އާއި "ކާނި ވިލާ އެންޑް ސްޕާ" އަދި "ކާނި ލޮޖް" ގެ އިތުރު "ކާނި ޕްރިންސަސް" ގެ ނަމުގައި ސަފާރީއެއް ވެސް ހިންގަ އެވެ.