މި އަހަރުގެ ކުޑަ އީދު އުފާ ފާހަގަ ކުރަން ކ. މާފުށީގައި ހަވާ އަރުވަން ނިންމައިފި އެވެ.
މާފުށީ ކައުންސިލުން ބުނީ އީދު ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށާ، ހަވާ އެރުވުން އޮންނާނީ އީދު ދުވަހުގެ ރޭ އޮންނަ ޝޯގައި ކަމަށެވެ. އަދި ހަވާ އަރުވަނީ މާފުށީގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ހިންގާ ކާނި އާއި އެރީނާ ގެސްޓްހައުސްގެ އެހީތެރި ކަމާއެކުގައި ކަމަށް ވެސް ކައުންސިލުން ބުނެފި އެވެ.
މި އަހަރު މާފުށީގައި ކުރިއަށް ގެންދާ އީދުގެ ހަރަކާތްތައް ރާވަން މާފުށީ ކައުންސިލުން ވަނީ ލިކަމެކް ކުންފުންޏާ ހަވާލުކޮށްފަ އެވެ.
އީދު ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރޭގައި އެ ދުވަހު މާފުށީގެ ޖަމިއްޔާއެއް ކަމަށްވާ ބިގާރަން ސްޕޯޓްސް ކްލަބުގެ ފަރާތުން އާއްމުންނަށް ހުޅުވާލައިގެން ކުޅިވަރުތަކެއް ބާއްވާނެ އެވެ. އަދި އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެއް ވެސް އޮންނާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ގްރޫޕްތަކާއެކު އީދު ދުވަހުގެ ރޭ އީދުޝޯ އޮންނާނެ އެވެ.
މި އަހަރުގެ އީދު ޝޯ ބާއްވަން ކައުންސިލުން ނިންމާފައިވަނީ ކުރިން އިސްލާހިއްޔާ ހުރި ބިމުގަ އެވެ. އެމްޓީސީސީގެ އެހީތެރިކަމާއެކު އެ ބިން ހުސްކޮށް ޝޯ އޮންނާނީ އެ ސަރަހައްދުގަ އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ކުރާ މާފުށީގައި ކޮންމެ އަހަރެއްގެ ވެސް އާ އަހަރު ފާހަގަ ކުރަން ހަވާ އަރުވަ އެވެ.