- މިހާތަނަށް އައި ޓޫރިސްޓުން 1.8 ޕަސެންޓް އިތުރު
- ޓާގެޓަކީ 1.5 މިލިއަން ޓޫރިސްޓުން
- މި އަހަރު ފާހަގަ ކުރަނީ ވިޒިޓް މޯލްޑިވްސް އިޔާ
މި އަހަރުގެ 750,000 ވަނަ ޓޫރިސްޓު މީހާ މާދަމާ ރާއްޖެއަށް އަންނާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.
ރާއްޖެ އިޝްތިހާރު ކުރުމުގައި ހަރަކާތެރިވާ އެމްއެމްޕީއާރުސީން ބުނި ގޮތުގައި މާދަމާ މެންދުރުގެ ވަގުތެއްގައި ރާއްޖެ އަންނަ މި ޓޫރިސްޓަށް މަރުހަބާ ކިޔަން ހާއްސަ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހާއްސަ ހަރަކާތްތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 750,000 އަށް އެރުމާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރުސީން ތައްޔާރުވަމުންދާއިރު، މީގެ ދެ މަސްކުރިން ވަނީ ރާއްޖެއަށް މި އަހަރުގެ ފަސްލައްކަ ވަނަ ޓޫރިސްޓު އައިސްފަ އެވެ. ފަސް ލައްކަ ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ ފްރާންސް މީހެއް ކަމަށްވާ ނިކޮލަސް ލެމްޕެރިން އެވެ. އޭނާ އާއި އޭނާގެ އަންހެނުން ސެލީން އަދި ދަރިފުޅު ޕޯލް ރާއްޖެ އައިސްފައިވާއިރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ބައްދަލުކޮށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އަދި އޭނާ އަށް "ބެނިޔަންޓްރީ ވައްބިންފަރުގައި" ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި ހަނދާނީ ފިލައެއް ވެސް ދީފައިވެ އެވެ.
"ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައި މި އަހަރު ރާއްޖެ އިން ފާހަގަކުރަމުންދާއިރު މި އަހަރުގެ އަމާޒަކީ ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެންނައުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 619،921 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 609،105 މީހުންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 1.8 ޕަސެންޓުގެ ކުރިއެރުމެކެވެ.