ރިޕޯޓް

ދިވެހިން އިސްލާމީ މާލީ ހިމާޔަތް ދެނެގަތުން!

"އިންޝުއަރެންސް" މިބަހަށް ދިވެހި ބަހެއް ފެނޭތޯ ވަރަށް މަސައްކަތްކުރީމެވެ. ބަސްތޫރައިންވެސް "އިންޝުއަރެންސް" މިބަހުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ބަހެއް އަޅުގަނޑަކަށް ނުފެނުނެވެ. އެހެންކަމުން އިންޝުއަރެންސުން ފޯރުކޮށްދޭ ފައިސާއިން އަގުކުރެވޭ ރައްކާތެރިކަމާއި ޙިމާޔަތް އެއީ އަސްލަކަށް ބަލައި "އިންޝުއަރެންސް" ގެ ބަދަލުގައި ބޭނުން ކުރަން އަޅުގަނޑަށް އެންމެ ކަމުދިޔަ ދިވެހި އެތުރުން ތަކަކީ "ލީދިނި" (ދިނި – މާނައަކީ ރައްކާތެރިކަން/ ޙިމާޔަތް ލިބިގަތުން)، "މާލީނަޖާ" (ނަޖާ – މާނައަކީ ސަލާމަތް/މިންޖު) އަދި "މާލީ ޙިމާޔަތް" މި ތިންގޮތެވެ. އެހެންކަމުން ބަދަލުގައި ބޭނުންކުރާނެ ރީތި ދިވެހި ބަހެއް އަތުޖެހެންދެން "މާލީ ޙިމާޔަތް" މިބަސް ބޭނުން ކުރުމަށް ނިންމީމެވެ.

އިސްލާމީ ނަޒަރަކުން ތަކަފުލް

ޒަމާނީ ވިޔަފާރިތަކުގަޔާއި ދިރިއުޅުމުގެ އެކިއެކި މުޢާމަލާތްތަކުގައި މުހިންމު ބަހާއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ (އިންޝުއަރެސް) މާލީ ޙިމާޔަތުގެ ބަދަލުގައި އިސްލާމީ އިޤްތިޞާދީ މުޢާމަލާތްތަކުގައި ބޭނުންކުރާ ބައިވެރިޔަކީ ތަކަފުލް ނުވަތަ އިސްލާމީ މާލީ ޙިމާޔަތެވެ. ފަރަންޖީ ބަހުން ދަންނަވާނަމަ އިސްލާމިކް އިންޝުއަރެންސެވެ.

އިސްލާމީ މާލީ ހިމާޔަތުގެ ނިޒާމު ނުވަތަ ތަކަފުލް ވުޖޫދުވެގެން އައި ސަބަބުތަކުގެ ތެރޭގައި އަޅުގަނޑުމެން ކުރިއްސުރެ ބޭނުންކުރަމުން އަންނަ ފިކުރީ މާލީ ޙިމާޔަތް (ކޮންވެންޝަނަލް އިންޝުއަރެންސް) އެއީ ޝަރުއީ ގޮތުން ހުއްދައެއްޗެއް ކަމާމެދު އިސްލާމީ ޢިލްމުވެރިންނަށް އެއްބަސް ނުވެވުން ހިމެނެއެވެ. އަދި މިދެންނެވުނު ފިކުރީ މާލީ ހިމާޔަތަކީ ރަސޫލް صلى الله عليه وسلم ހަޔާތްޕުޅުގައިވެސް ފެނިފައިވާ އެއްޗަކަށް ނުވުންހިމެނެއެވެ.

ފިކުރީ މާލީ ޙިމާޔަތް ނުވަތަ ކޮންވެންޝަނަލް އިންޝުއަރެންސަކީ މާލީ ހިމާޔަތުގެ ޔަޤީންކަން ލިބިދިނުމާއެކު އިޖްތިމާއީ ފައިދާތަކެއްކުރުވާ އެއްޗެއްކަމުން މާލީ ޙިމާޔަތުގެ ފުންނާބުއުސް ޢިލްމުވެރިންގެ ނަޒަރުގައި (އިންޝުއަރެންސް) އެއީ ހުއްދައެއްޗެކެވެ. ސަބަބަކީ މާލީ ހިމާޔަތުގެ އަސްލު މަޤްޞަދުކަމުގައިވާ "ތަކުލީފުލިބިގެންވާ ފަރާތައް މަދަދު ދިނުމުގެ ގޮތުން އެކިފަރާތްތަކުން ޖަމާކޮށް އެއްކުރެވޭ ފަންޑުން އެހީތެރިވެދިނުމަކީ" އިސްލާމީ ޝަރީއަތް މަނާކުރާކަމަކަށް ނުވުމެވެ.

ނަމަވެސް އިސްލާމީ އިޤްތިޞާދުގެ ދާއިރާގައި ކުރިއަރާފައިވާ މެލޭޝިއާ، ސޫދާން އަދި ތުރުކީ ފަދަ ޤައުމުތަކުގެ ގިނަ ޢިލްމުވެރިން ދެކިލައްވާގޮތުގައި އިންސާނުން އަމިއްލަޔަށް ގެނެސްގަތް މާލީ ނިޒާމުގެ ތެރެއިން އުފަންކުރުވި ވަޟޮއީ ނުވަތަ ފިކުރީ މާލީ ޙިމާޔަތް (ކޮންވެންޝަނަލް އިންޝުއަރެންސް) އަކީ ހުއްދަނޫން، ފާސިދު އެއްޗެކެވެ.

މިދެންނެވި ބީދައިން، ބައިނަލްއަގުވާމީ މުސްލިމް ޢިލްމުވެރިންގެ ގުޅުމުގެ ވެރިޔާ ފަޟީލަތުއްޝައިޚް ޑރ. ޔޫސުފު އަލްޤަރުޟާވީ ފަދަ ބޮޑެތި ޢިލްމުވެރިން ދެކިވަޑައިގަންނަވާގޮތުގައި ފިކުރީ މާލީ ހިމާޔަތުގެ ސިނާއަތުގައި މިހާރު ހަރަކާތްތެރިވާ ކުންފުނިތަކާއި އެފަދަ ފަރާތްތަކުން ހިންގާ މާލީ ހިމާޔަތުގެ މުޢާމަލާތްތައް ޝަރުއީ ހަމަތަކަށް ނުފެތުނަސް ދީނުގެ ޙުކުމްތައް މާލީ ހިމާޔަތުގެ އަސްލު މަފްހޫމަކަށް އަދި މަޤްޞަދަކަށް ހުރަހެއް ނާޅައެވެ.

މީގެއިތުރުން ސަޢުދީ ސަރުކާރުގެ ޢިލްމުވެރިންގެ ކޮމެޓީން ނެރެފައިވާ ފަތުވާ "ދަ ލޯފުލް އެންޑް ދަ ޕްރޮހިބިޓެޑް އިން އިސްލާމް" މިފޮތުގެ 273 ވަނަ ޞަފްހާގައި "ދަ އިސްލާމިކް ސިސްޓަމް އޮފް އިންޝުއަރެންސް" ގެ ދަށުން ބަޔާންކޮށްފައިވާގޮތުގައި "ފިކުރީ މާލީ ހިމާޔަތުގެ މުޢާމަލާތްތަކުގައި ޢަމަލުކުރެވެމުން ދާގޮތާމެދު އިސްލާމްދީނުގެ ހުކުމްތައް ދެކޮޅުހަދައެވެ. ނަމަވެސް މާލީ ހިމާޔަތުގެ ކަންކަން އިސްލާމްދީނުގެ ޝަރުއީ ހަމަތަކާ ތަޢާރުޒު ނުވެ ގެންދެވޭނެ އެހެންގޮތެއް ތަންފީޒު ކުރެވިއްޖެނަމަ އިސްލާމްދީނުގެ ޙުކުމްތައް އެގޮތަކަށް މަރުޙަބާކިޔާނެތެވެ."

މިހާހިސާބުން ފިކުރީ މާލީ ޙިމާޔަތް (އިންޝުއަރެންސް ނުވަތަ ކޮންވެންޝަނަލް އިންޝުއަރެންސް) އަކީ ކޮބައިކަމާއި، މިމަފްހޫމް ހުއްދަނޫންކަމަށް ކަނޑައެޅިދާނެ ސަބަބުތަކަށް ބަލައިލުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.

އިންޝުއަރެންސަކީ ކޮބާ؟

"އިންޝުއަރެންސް" ނުވަތަ މާލީ ހިމާޔަތަކީ އިޖްތިމާޢީ، އިޤްތިޞާދީ މުޢާމަލާތްތަކާއި އަދި މިނޫންވެސް މުޢާމަލާތްތަކުގައި ހިމެނޭ މުދަލާއި ތަކެތި ނުވަތަ ފަރުދުންނަށް ކުރިމަތިވެދާނެ ގެއްލުމެއް އަދި ނުރައްކަލެއްގެ ސަބަބުން ، މަންފާލިބެނިވި ފަރާތަށް ލިބިދާނެ ނިކަމެތިކަމެއްގެ މާލީ ބަދަލު ހޯދައިގަތުމަށްޓަކައި، ކަންޑައެޅޭ މުއްދަތެއްގައި، ކަނޑައެޅި އެއްބަސްވެވޭ މިންވަރެއް، ޗަންދާއެއްގެގޮތުގައި ދެއްކުމަށް، އިންޝުއަރެންސް ވިއްކާ ފަރާތާއި ގަންނަފަރާތާއި ދެމެދުގައި ވެވޭ އެއްބަސްވުމެކެވެ.

މިއަށްވުރެ ތިލަކޮށް ދަންނަވާނަމަ މާލީ ޙިމާޔަތަކީ ޚިދުމަތް ހޯދާ ފަރާތާއި މާލީ ޙިމާޔަތް ވިއްކާ ފަރާތާއި (އިންޝުއަރެންސް ކުންފުނި) ދެމެދު ވެވޭ އެއްބަސްވުމެކެވެ. މާލީ ޙިމާޔަތުގެ އެއްބަސްވުމުގެ ތެރޭގައި މާލީ ޙިމާޔަތް ހޯދަން އެދި ހުށަހަޅާ މުދަލެއް ނުވަތަ އެއްޗެއް ނުވަތަ ކަމެއްގައި އެކުލެވޭ ހިރާސް (ރިސްކު) ނުވަތަ ގެއްލުމާއި ނުރައްކަލަށް ހުށަހެޅޭމިންވަރު ވަޒަންކުރެއެވެ. އަދި އެވަޒަންކުރުމުގެ މައްޗަށްބަލައި ހިރާސްގެ މިންވަރު ފޫބެއްދޭވަރުގެ އަދަދެއް (އިންޝުއަރެންސް ކަވަރ)، އިންޝުއަރެންސް ކުންފުނިން ކަނޑައަޅާ ތާވަލަކާއެއްގޮތަށް، މާލީ ޙިމާޔަތުގެ ޗަންދާ (ޕްރިމިއަމް) ގެ ގޮތުގައި ޚިދުމަތް ގަންނަފަރާތުން އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އަދާކުރަން ޖެހެއެވެ.

ހަމައެޔާއެކު މާލީ ޙިމާޔަތުގެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއެއްބަސްވުމުގައި ބަޔާންކުރާ ކަންކަން ދެފަރާތުންވެސް ފުރިހަމަޔަށް ދަމަހައްޓަންޖެހެއެވެ.

މާލީ ޙިމާޔަތުގެ އެއްބަސްވުމުގެ މުއްދަތުގައި މާލީ ޙިމާޔަތުގެދަށުން ފޫބެއްދޭ ކަމަކަށް ނުރައްކަލެއް ނުވަތަ ގެއްލުމެއް ކުރިމަތިވެއްޖެނަމަ މާލީ ޙިމާޔަތް ވިއްކި ކުންފުނިން (އިންޝުއަރެންސް ކުންފުނިން)، އެ ލިބުނުގެއްލުމެއްގެ މާލީ ބަދަލު ޚިދުމަތް ހޯދާފަރާތައް ދޭންޖެހެއެވެ. މިދެންނެވި ބަދަލުދިނުމުގައި ރިޔާޢަތްކުރާ ގިނަ ކަންތައްތަކެއް ހުރެއެވެ. ނަމަވެސް ކިޔުންތެރިންގެ ޝައުގުވެރިކަން ގެއްލޭވަރަށްވުރެ މިލިޔުން ދިގުވެދާނެތީވެ އެހުރިހާ ތަފުސީލެއް މިލިޔުމުގައި ހިމަނާކަށް ގަސްތެއް ނުކުރަމެވެ.

ފިކުރީ މާލީ ޙިމާޔަތް ހުއްދަނުކުރެވޭ ސަބަބުތައް

އިސްލާމީ މާލީ މުޢާމަލާތްތަކުގައި މައިގަނޑު ދެ ގޮތެއްގެމަތިން އަޤުދު (ކޮންޓްރެކްޓް) ކުރެއެވެ. އެއީ އެންމެ ފަރާތެއް ހިމެނޭ އަޤުދާއި ދެފަރާތް ހިމެނޭ އަޤުދެވެ. މިލިޔުމުގައި ހިމެނުމަށް ބޮޑަށް މުނާސަބުކަމުގައި ދެކެނީ ދެފަރާތް ހިމެނިގެން ކުރެވޭ އަޤުދެވެ. މިދެންނެވި ދެގޮތަކީވެސް އިސްލާމީ ޝަރީއާ ހުއްދަކުރާ ދެގޮތެވެ. މާލީ މުޢާމަލާތްތަކުގައި ކުރެވޭ އަޤުދަކީ ނުވަތަ ވެވޭ އެއްބަސްވުމަކީ އެމުޢާމަލާތެއް ޝަރުޢީ އިމުގެތެރޭގައި ހިމެނުމާއި ނުހިމެނުން ބިނާވާ މައިގަނޑު އެއް އަސާސެވެ. ތިރީގައި އެވަނީ ދެފަރާތް ހިމެނިގެން ކުރެވޭ އަޤުދުތަކުގެ މުހިންމު ވައްތަރުތަކެވެ.

ޔަގީންނުވާ ކަންކަން އެކުލެވުން

މާލީ ޙިމާޔަތް ނުވަތަ އިންޝުއަރެންސަކީ ދެފަރާތް ހިމެނޭ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ކަންކަމަށް ތަފްޞީލުކޮށް ބަލާލުމުން އެނގިގެންދަނީ މާލީ ޙިމާޔަތްދޭ ކުންފުނިތަކުން ހިމާޔަތުގެ އުޞޫލު (އިންޝުއަރެންސް ޕޮލިސީ) ވިއްކާ އެއްޗެއްކަމެވެ. އަގެއްގެ ގޮތުގައި ޚިދުމަތް ގަންނަ ފަރާތުން ދެނީ މާލީ ޙިމާޔަތުގެ ޗަންދާ (އިންޝުއަރެންސް ޕްރިމިއަމް) އެވެ. އަޤުދުގެ އަނެއްފަރާތުގައި ހިމެނޭ މާލީ ޙިމާޔަތްދޭ (އިންޝުއަރެންސް) ކުންފުނިން ދެނީ ލިބޭ ގެއްލުމުގެ ބަދަލެވެ.

މިދެންނެވި ކަންކަމަށް ބަލާއިރު މަތީގައިވާ "ދެފަރާތް ހިމެނޭ އަޤުދުތަކުގެ" (ބައިލެޓަރަލް ކޮންޓްރެކްޓް) ގެ ތެރެއިން މާލީ ޙިމާޔަތް (އިންޝުއަރެންސް) އެންމެބޮޑަށް ފެތެނީ ގަނެވިއްކުމުގެ މުޢަމަލާތުގެ ތެރެއަށެވެ. އެކަތި އަނެކައްޗާ ބަދަލުކުރުމުގެ އަޤުދުގެ ތެރެއަށެވެ. ނަމަވެސް މިމުޢާމަލާތުގައި މާލީ ޙިމާޔަތްދޭ (އިންޝުއަރެންސް) ކުންފުނިން ޚިދުމަތްހޯދާ ފަރާތަށް އެއްވެސް މިންވަރެއް ދޭންޖެހެނީ ގެއްލުމެއް ލިބިއްޖެ ހާލަތެއްގައެވެ. ނަމަވެސް ނަފުސީ، މާލީ ޙިމާޔަތް ނުވަތަ ލައިފް އިންޝުއަރެންސް ގެ ކަންކަމުގައި ޢަމަލުކުރެވޭ ގޮތް މިދެންނެވި ގޮތާ ތަފާތުވެދާނެއެވެ.

އެހާހިސާބުން އިސްލާމީ ޝަރީއާގައި މަނާވެފައިވާ ޔަޤީންނުވާ ކަންކަން (ޣަރާރު) މުޢަމަލާތުގެ ތެރެއަށް ވަނީއެވެ. ގަނެވިއްކުމުގެ ނުވަތަ އެކަތި އަނެކައްޗާ ބަދަލުކުރެވޭ މުޢާމަލާތެއްގައި ޔަޤީންނުވާ ކަންކަން ނުވަތަ ޣަރާރު (އަންސަރޓެނިޓީ) ހިމެނުމަކީ ޝަރީޢާ ހުއްދަކުރާކަމެއް ނޫނެވެ.

ފިކުރީ މާލީ ޙިމާޔަތް ހުއްދަނުވާ އެއްސަބަބަކީ، އޭގައި ޔަޤީންނުވާ ކަންކަން ނުވަތަ "ޣަރާރު" އެކުލެވޭތީއެވެ. މާލީ ޙިމާޔަތުގެ މަފްހޫމަކީ މިނޫނަސް ޔަޤީންނުވާ ކަންކަން ނުވަތަ "ޣަރާރު" އެތައްގޮތަކުން އެކުލެވޭ އަޤުދެކެވެ. ނަމަވެސް މިލިޔުމުގައި އެބައިގެ ތަފްސީލު ހިމަނާކަށް ގަޞްތެއް ނުކުރަމެވެ.

ރިބާ (އިންޓްރެސްޓް) އެކުލެވުން

މާލީ ޙިމާޔަތް ހޯދާ ވަކިވަކި ފަރުދުންގެ މާލީ ގެއްލުންތަކަށް ބަދަލު ދެވޭވަރަށްވުރެ ޙިމާޔަތްދޭ ކުންފުނިން ނަގާ ޗަންދާ އެތައްގުނައެއް ކުޑަވާނެއެވެ. އެއީ މިދެންނެވި ކުންފުނި ތަކުން އެކިއެކި ތަފާސް ހިސާބުތައް ހެއްދެވުމައްފަހު ، ޙިމާޔަތްހޯދުމަށް އެދި ހުށައަޅާ ކަންތައްތަކުގައި ހިރާސް އެކުލެވޭމިންވަރާއި، ގެއްލުމުގެ ބަދަލަށް އެދި ހުށަހަޅާ މިންވަރަށް ރިޔާޢަތްކުރުމަށްފަހު ކަނޑައަޅާ ޢަދަދަކަށްވާތީއެވެ. ނަމަވެސް މާލީ ޙިމާޔަތް ހޯދާ ފަރާތަށް ގެއްލުމެއް ލިބިއްޖެ ޙާލަތެއްގައި ބަދަލު ދޭއިރު ލިބިގެންދާނީ ޗަންދާގެ ގޮތުގައި ދެއްކި ޢަދަދައްވުރެ މާބޮޑުތަން އިތުރު ޢަދަދެކެވެ. މިއީ ސީދާ ގޮތުގައި ރިބާގެ ބޭނުންކުރުމެވެ. ނުވަތަ ރިބާގެ މުޢާމަލާތެއްގައި ބައިވެރިވުމެވެ.

މާލީ ޙިމާޔަތް ހޯދާ ފަރާތްތަކުން ކުންފުންޏަށް ދައްކާ މާލީ ޙިމާޔަތުގެ ޗަންދާ އެކުންފުނި ތަކުން ޖަމާކުރެއެވެ. މިގޮތުން ދެއްކޭ ފައިސާއަކީ ކުންފުނިން ބަލައި ގަތުމަށްފަހު ކުންފުނީގެ އަމިއްލައެއްޗެއް ކަމުގައި ވެދެއެވެ. މާލީ ޙިމާޔަތް ދޭ ކުންފުނިތަކުން މިދެންނެވި ފައިސާ ބޭންކްތައްފަދަ އެކިއެކި މާލީ އިދާރާ ތަކުގައި "އިންވެސްޓް" ކޮށްގެން ރިބާގެ ފައިދާގެ (އިންޓްރެސްޓްގެ) ގޮތުގައި އާމްދަނީ ހޯދައެވެ. މިއީ ނުސީދާ ގޮތުގައި ރިބާގެ މުޢާމަލާތެއްގައި ބައިވެރިވުމެވެ. ނުވަތަ އެފަދަ މުޢާމަލާތަކަށް މަދަދު ދިނުމެވެ. ފިކުރީ މާލީ ޙިމާޔަތް ހުއްދަވެގެން ނުވާކަމަށް ބުނެވޭ އަނެއް ސަބަބަކީ، ﷲ ޙަރާމް ކުރެއްވި ރިބާގެ މުޢާމަލާތްތައް ސީދާގޮތުންނާއި ނުސީދާގޮތުން މިދެންނެވި އަޤުދުގައި ހިމެނިގެންދާތީއެވެ.

ޖުވާ / ޤިމާރު އެކުލެވުން

މާލީ ޙިމާޔަތުގެ އަޤުދުގެ ތެރޭގައި ޔަޤީންނުވާ ކަންކަން ނުވަތަ ޣަރާރު އެކުލެވިފައި ވުމުގެ ސަބަބުން އޭގެތެރެއިން ލިބިދެވޭ މަންފާއަކީ ނަސީބު ވަޒަންކުރެވޭ އެއްޗެއްގެ ގޮތުގައި ވަރަށްބޮޑަށް ބެލެވެއެވެ. ނަސީބު ވަޒަންކުރަން ބޭނުންކުރާ އުކުޅުތަކާއި، ބާޖީ/ ބާޖު މަރައިގެން (ބެޓްކޮށްގެން) ކުރެވޭ މުޢާމަލާތްތަކަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ކަންކަމެއްނޫނެވެ.

މާލީ ޙިމާޔަތް ހޯދާ ފަރާތައް ގެއްލުމެއްލިބިއްޖެނަމަ، ޙިމާޔަތްދިން ކުންފުނިން ބަދަލުގެ ގޮތުގައި ބޮޑުޢަދަދެއް ޚަރަދު ކުރަން ޖެހެއެވެ. އެއާޚިލާފަށް، އެއްބަސްވެފައިވާ މުއްދަތުގެތެރޭގައި، މާލީ ޙިމާޔަތް ހޯދާ ފަރާތަށް އެއްވެސް ގެއްލުމެއް ނުވާނަމަ، ޙިމާޔަތް ހޯދި ފަރާތުން ޗަންދާގެ ގޮތުގައި ޚަރަދުކުރި ހުރިހާ ފައިސާއެއް ބޭކާރުވެ، މާލީ ޙިމާޔަތް ދިން ކުންފުންޏަށް އެފައިސާ ލިބިގެންދިޔައީއެވެ.

މިފަދަ މުޢާމަލާތްތަކަކީ ޖުވާ އެކުލެވޭ މުޢާމަލާތްތަކެވެ. ޖުވާ ނުވަތަ ޤިމާރުގެ ވާހަކަ "މައިސިރު" ގެ ނަމުގައި ސޫރަތުލް المائدة ގެ 90 ވަނަ އާޔަތުގައި ބަޔާންކުރައްވައި، އެއީ ހަޑި މުޑުދާރު އެއްޗެއްގެ ގޮތުގައި ސިފކޮށްދެއްވައި އެފަދަ ކަންކަމާ ދުރުހެލިވުމަށް އަމުރުކުރައްވާފައި ވެއެވެ.

ޖުވާކުޅުމަކީ، އޭގެޒާތުގައި، ކުޅެވޭ ކުޅިވަރެކެވެ. މިކުޅިވަރު ވެގެންދަނީ ތިމާ އުންމީދުކުރާ ހެޔޮ ފާލެއް ނުވަތަ ނަސީބެއްގެ މައްޗަށެވެ. މިސާލަކަށް ހަތަރު މީހަކު ކުޅިވަރެއް ކުޅުމުގެތެރެއިން، އެކުޅިވަރުން ތިމާ މޮޅުވާނެކަމުގެ އުންމީދުގައި ކޮންމެ މީހަކުވެސް ސަތޭކަ ރުފިޔާ ބާއްވައި، ކުޅެނިމޭއިރު މޮޅުވާމީހަކަށް ހުރިހާ ފައިސާއެއް (ހަތަރު ސަތޭކަ ރުފިޔާ) އެއްކޮށް ލިބޭގޮތަށް އެއްބަސްވެގެން ކުޅެވޭނަމަ އެއީ ޖުވާގެ މުޢާމަލާތެކެވެ.

އަދި އެމުޢަމަލާތުގައި ޔަޤީންނުވާ ކަންކަން ނުވަތަ ޣަރާރު ވަރަށްބޮޑަށް އެކުލެވިގެން ވެއެވެ. ހަމަ މިބީދައިން، މާލީ ޙިމާޔަތް ހޯދާފަރާތައް ގެއްލުމެއް ލިބިއްޖެ ޙާލަތުގައި ޙިމާޔަތް ދިން ކުންފުނިން ބަދަލު ދިނުމާއި، ގެއްލުމެއް ނުވާޙާލަތުގައި، ޚިދުމަތް ހޯދާ ފަރާތުން ޗަންދާގެ ގޮތުގައި ދެއްކި ހުރިހާ ފައިސާއެއް މާލީ ޙިމާޔަތް ދިން ކުންފުންޏަށް ލިބިދެވޭ އެއްބަސްވުންތަކަކީ ޖުވާގެ މުޢާމަލާތްތައް ކަމުގައި އިސްލާމީ ޢިލްމުވެރިން އިޖުމާޢުވެއެވެ. ފިކުރީ މާލީ ޙިމާޔަތް ހުއްދަވެގެން ނުވާކތިންވަނަ ސަބަބަކީ ޖުވާ ނުވަތަ ޤިމާރު ގެ މުޢާމަލާތްތައް މާލީ ޙިމާޔަތުގެ އަޤުދުގައި ހިމެނިގެންދާތީއެވެ.

ޖުމުލަ ގޮތެއްގައި ދަންނަވާނަމަ ފިކުރީ މާލީ ޙިމާޔަތް ހުއްދަ ނުވަނީ އިސްލާމީ ޝަރީއަތް ހުއްދަނުކުރާ، ޔަޤީން ނުވާ ކަންކަމާއި، ރިބާ އާއި ޖުވާ ނުވަތަ ޤިމާރު އެމުޢާމަލާތުގެ އަޤުދުގައި ނުވަތަ އެއްބަސްވުމުގައި ހިމެނިގެން ވާތީއެވެ. މިދެންނެވި ކަންކަމުން ސަލާމަތްވެތިބެ ، އިސްލާމީ މާލީ ޙިމާޔަތް ހޯދޭނެ ފުރުޞަތުތައް (ތަކަފުލް ޚިދުމަތްދޭ ކުންފުނިތައް) މިއަދު ރާއްޖޭގައި ޤާއިމުވެފައި ހުރުމަކީ ލިބިދެވޭ ހިތްހަމަޖެހުމެކެވެ. ﷲގެ އިރާދަފުޅާއެކު، ދެން ޝާއިޢުކުރެވޭ ލިޔުމެއްގައި އިސްލާމީ މާލީ ޙިމާޔަތުގެ މަފުހޫމަށް ބަލައިލާނަމެވެ.