ވިޔަފާރި

މި އަހަރުގެ 750،000 ވަނަ ޓޫރިސްޓަކަށް ޗައިނާ މީހެއް

  • މި ޓޫރިސްޓު އައިސްފައިވަނީ މޯލްޑިވިއަންއިން
  • ޗައިނާ ރައްޔިތަށް ހޫނު މަރުހަބާއެއް ކިޔާފައިވޭ
  • ޗައިނާއަކީ ރާއްޖެއަށް މުހިންމު މާކެޓެއް

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 750،000 ވަނަ ޓޫރިސްޓަށް ހޮވުނު ޗައިނާ ރައްޔިތަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ވީއައިޕީ ލައުންޖުގައި ބޭއްވި ރަސްމިއްޔާތުގައި މި އަހަރު ރާއްޖެއަށް ޒިޔާރަރްކުރި 750،000 ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ. އަދި މީގެ އިތުރުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް އާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ވަންފޫ ކާން އެވެ.

މޯލްޑިވިއަންގެ ފްލައިޓަކުން ޗައިނާގެ ޒިއާން އިން ރާއްޖެ އައި މި އަހަރުގެ 750،000 ވަނަ ޓޫރިސްޓަށް ހޮވިފައިވަނީ ޗައިނާގެ އަންހެނެއް ކަމަށްވާ ވަންގް ޝުއެ އެވެ. އޭނާ ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ ފިރިމީހާ އާއި ދަރިފުޅާއެކުގަ އެވެ.

ވީއައިޕީ ލައުންޖުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ ލޯ ސީޒަންގައި ޗައިނާގެ އާއިލާއެއް 750،000 އެއް ދިމާވުމަކީ އުފަލެއް ކަމަށެވެ.

"އާއްމުކޮށް އެނގިފައި އޮންނަނީ ޗައިނާ މީހުންނަކީ ރިޕީޓާސްއެއް ނޫން ކަމަށް. އެކަމަކު މިފަހަރު މިއައި ޗައިނާ އާއިލާ މިއީ ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ ފަހަރު. މިއަދު މިއީ ފާހަގަ ކޮށްލަން ޖެހޭ ކަމެއް،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ލޯސީޒަން ނިމުމާއެކު ރާއްޖެއަށް އިތުރު ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެ ކަމަށާއި މިއާއެކު ޓޫރިޒަމަށް ދިރުން ލިބިގެންދާނެ ކަމަށެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި 750،000 ވަނަ ޓޫރިސްޓަށް ޓޫރިޒަމް މިނިސްޓްރީ އާއި އިންޑަސްޓްރީ ގުޅިގެން ވަނީ މީރު އައިލެންޑް ރިސޯޓުގައި ހަފުތާއެއްގެ ހުރުން ދީފަ އެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓެވެ. ނަމަވެސް ޗައިނާ މާކެޓު މިހާރު ވަނީ ދަށަށް ގޮސްފަ އެވެ.