ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގެ ބައެއް ސިޓީތައް ކަރަންޓީން ކުރި ނަމަވެސް، ޓޫރިސްޓް ބުކިން ކެންސަލޭޝަންތައް މިވަގުތަށް އަދި ނާންނަ ކަމަށް ބައެއް އެއާލައިން ތަކުން ބުނެފި އެވެ.
ރާއްޖެއަށް ޗައިނާ އިން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ ޗައިނާ ސަނަން އާއި އީސްޓަން އެއާލައިންގެ އެޖެންޓުކަން ކުރާ ވިލާ ޓްރެވަލްގެ ސީނިއަ އޮފިޝަލަކު ރޭ ވިދާޅުވީ އިއްޔެ އާ ހަމަ އަށް ޗައިނާ ޓޫރިސްޓުންގެ ބުކިން ކެންސަލޭޝަނެއް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.
"އެންމެ ފަހުން ބަލައިލިއިރު ވެސް ކެންސަލޭޝަން އެއް ނެތް. އަޅުގަނޑުމެން ޓިކެޓް ވިއްކާ ސިޓީ ތަކުން ކެންސަލޭޝަނެއް ނާދެ،" އޮފިޝަލް ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސް ޗައިނާގައި ހަލުއި ކަމާއެކު ފެތުރެމުން ދާތީ އެ ގައުމުގެ ބައެއް ސިޓީތައް ވަނީ ކަރަންޓީނު ކޮށްފަ އެވެ. މިހާތަނަށް 18 ސިޓީއެއް ކަރަންޓީން ކޮށްފައިވާއިރު އޭގެ އަސަރު 50 މިލިއަނަށް ވުރެ ބޮޑު އާބާދީއަކަށް ކުރާނެ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން އިން މިދިޔަ އަހަރު ޗައިނާގެ ވުއާން ސިޓީ އަށް ދަތުރު ކުރި އެވެ. ނަމަވެސް މޯލްޑިވިއަން އިން އެ ސިޓީއަށް ދަތުރު ކުރުން މިދިޔަ އަހަރު ވަނީ ހުއްޓާލާފަ އެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ވެސް ވިދާޅުވީ ޗައިނާ އިން ކެންސަލޭޝަން އުޅޭކަން މިހާތަނަށް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
ސްރީލަންކަން އެއާލައިންގެ އެޖެންޓުކަން ކުރާ، އޭސް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ކޮރޯނާ ވައިރަސްގެ ހާލަތު ގޯސްވާ ނަމަ ޓޫރިޒަމަށް ގެއްލުން ތަކެއް ވެގެން ދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މިވަގުތަށް ކެންސަލޭޝަނެއް ނެތް ކަމަށެވެ.
"އެއްކޮށް ދަތުރު ކުރުން މަނާ ކުރުން ފަދަ ކަމެއް ކޮށްފިނަމަ ހަމަ ގައިމު ވެސް ދެން އެމީހުން ދަތުރެއް ނުކުރާނެ. އެކަމަކު މިހާތަނަށް އެކަހަލަ ކަމެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ގައުމުން 284,029 މީހުން ރާއްޖެ އަށް އައިސްފައިވެ އެވެ.