ޓޫރިސްޓް އެރައިވަލް

ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 45 ޕަސަންޓް އިތުރުވެއްޖެ

މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 233,332 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރިން ހާމަކޮށްފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 45 އިންސައްތައިގެ އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ އެވެ.

އެ ގައުމުގެ މާކެޓް ޝެއާ އަކީ 14.8 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާއިން އައިސްފައިވަނީ 172,142 ފަތުރުވެރިންނެވެ. މިއީ ޗައިނާއަށްވުރެ 61,190 މަދު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ޖުމްލަ 1,573,991 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 5,123 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.

ސަރުކާރުން މިއަހަރަށް އަމާޒުކޮށްފައިވާ ދެ މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ޑިސެމްބަރު މަހުގެ ތެރޭގައި ހާސިލްވާނެ ކަމަށް މިނިސްޓްރީން މިހާރު ލަފާ ކުރެ އެވެ.