ވިޔަފާރި

އަހަރުގެ މިހާތަނަށް ޗައިނާއިން 172,834 ޓޫރިސްޓުން

ޗައިނާއިން މި އަހަރުގެ މިހާތަނަށް 172,834 ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ޖުލައި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން މި އަހަރުގެ މިހާތަނަށް 172,834 މީހުން އައިސްފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރު އައި 160,639 މީހުންނާ އަޅާބަލާއިރު 7.6 ޕަސެންޓުގެ އިތުރު ވުމެކެވެ.

މި އަހަރުގެ މިހާތަނަށް ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް ޖުލައި މަސް ވަކިން ބަލާ އިރު އަދަދު ވަނީ ދަށްވެފަ އެވެ. އެ ގައުމުން މި އަހަރުގެ ޖުލައި މަހު 32,569 މީހުން އައިސްފައިވާއިރު އެއީ މިދިޔަ އަހަރު އައި 33,227 މީހުންނާ އަޅާބަލާއިރު ދެ ޕަސެންޓުގެ ދަށްވުމެކެވެ.

ޓޫރިޒަމުން ބުނި ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ރާއްޖެ އަށް 994,733 މީހުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރު އައި 848,847 މީހުންނާ އަޅާބަލާއިރު 17.2 ޕަސެންޓުގެ އިތުރު އަދަދެކެވެ.