ޓޫރިޒަމް

ޗައިނާ ފަތުރުވެރިންގެ އަދަދު 92،000 އަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތް ޗައިނާއިން މިއަހަރުގެ މިހާތަނަށް 92،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ނިޔަލަށް ޗައިނާއިން 92،292 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މި މުއްދަތުގައި ރާއްޖެއަށް ޖުމްލަ 830،665 ފަތުރުވެރިން އައިސްފައިވާއިރު މީގެ ތެރެއިން 11.1 ޕަސެންޓަކީ ޗައިނާ ފަތުރުވެރިންނެވެ.

ރާއްޖެއަށް މި އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާޢިރު 11.8 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިއާއިން 84،055 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 79،507 ފަތުރުވެރިން އައިސްފައިވެ އެވެ.

ފަތުރުވެރިކަމުގެ މާކެޓްގެ ހަތަރުވަނައިގައި އޮތް އިޓަލީން 73،214 ފަތުރުވެރިން ޒިޔާރަތްކުރިއިރު ޖަރުމަނުން 65،198 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން މި އަހަރުގެ މިހާތަނަށް އައީ 46،970 ފަތުރުވެރިންނެވެ.

ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ފްރާންސް، އެމެރިކާ، ސްވިޓްޒަލޭންޑް އަދި ޕޮލެންޑުންނެވެ.