އެމްއޭސީއެލް

ޗައިނާގެ ސިޗުއާން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ޗައިނާގެ އެއާލައިނެއް ކަމަށްވާ ސިޗުއާން އެއާލައިންސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

މި އެއާލައިންގެ ފުރަތަމަ 186 ފަސިންޖަރުންނާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ އިއްޔެ އިރުއޮއްސި 6:05 ހާއިރު އެވެ.

ޗައިނާގެ ޗެންގްޑޫއާއި ރާއްޖެއާއި ގުޅުވައިދޭ ގޮތަށް ސިޗުއާން އިން ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ.

ސިޗުއާން އެއާލައިން އިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައި މިވަނީ ހަތް އަހަރަށްފަހު އެވެ.

ޗައިނާގެ ދެ އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެ އެވެ. އެގޮތުން ބެއިޖިން ކެޕިޓަލް އިން ހަފުތާއަކު ޗާޓަރު ފްލައިޓެއް ބާއްވާއިރު، ޗައިނާ އީސްޓަން އެއާލައިނުން ކޮންމެ ހޮނިހިރު ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސިޗުއާން އެއާލައިންގެ ދަތުރުތައް އަލުން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދީ ކުރިއެރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ޗައިނާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް މާކެޓެވެ. މި އަހަރުގެ ކުރީކޮޅު ބޯޑަރު ހުޅުވާލިފަހުން ޗައިނާގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނައިރު، މިއީ މިހާރު ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު މާކެޓެވެ.

ރާއްޖެއަށް މިހާރު ދުނިޔޭގެ 30 އަށް ވުރެ ގިނަ މަންޒިލުން 40 އަށް ވުރެ ގިނަ އެއާލައިނުން ދަނީ އޮޕަރޭޓްކުރަމުންނެވެ.