ރިޕޯޓް

ހިދުމަތުގެ ފެންވަރު ކަނޑައެޅުމާއި ފުރިހަމަ ހިދުމަތް ދިނުން!

Aug 8, 2016

މި އަލިއަޅުވާލަނީ ވިޔަފާރިކުރުމުގައި ވަކިން ޚާއްޞަކޮށް ޚިދުމަތް ދިނުމުގެ ވިޔަފާރީގައި، މި ދިވެހިރާއްޖޭގައި، އެކަމަކާމެދު މާބޮޑު އަޅާލުމެއް ނުގެންގުޅޭ ކަމެއް ކަމުގައިވާ ޚިދުމަތް ދިނުމުގެފެންވަރާއި މިންގަނޑުތައް ކަނޑައެޅުމާއި ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމުގެ މުހިންމު ކަމާއި މެދުގައެވެ.

ވިޔަފާރި އާއި ޚިދުމަތް ދިނުމާއި ހުރި ގުޅުމަކީ ކޮބައިބާވައެވެ. އާދެ ކޮންމެ ވިޔަފާރިއަކީވެސް ކޮންމެވެސް މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކާ ވިޔަފާރިއެކެވެ. ފިހާރައެއް ނަމަ، މުދާ ވިއްކުމެވެ. މުދާ ވިއްކުމުގައިވެސް އެމުދާ ގަންނަން އަންނަ ފަރާތާއި މުދާ ވިއްކާ ފަރާތާއި ދެމެދު ހިނގާ ޚިދުމަތް ދިނުމުގެ މުޢާމަލާތުތަކެއް ހުންނާނެއެވެ. ހޮޓާ ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަނާއި، ބޯކޮށުމާއި ސެލޯން އާއި ގެސްޓްހައުސް ފަދަ ވިޔަފާރި ތަކަކީ ސީދާ އެޚިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަށް ޚިދުމަތެއް ވިއްކައިގެން އާމްދަނީ ހޯދާ ވިޔަފާރިތަކެވެ. ވީމާ ކޮންމެކަހަލަ ވިޔަފާރިއެއް ކަމުގައި ވީނަމަވެސް ކޮންމެވެސް ކަހަލަ ޚިދުމަތެއް ދިނުމުގައި ޝާމިލް ނުވެއެއް ނުދާނެއެވެ. މިގޮތުން މިލިއުމުގައި އަޅުގަނޑު ކަސްޓަމަރ ސާވިސް، ނުވަތަ ދިވެހި ބަހުން ނަމަ ޚިދުމަތް ދިނުން މިލަފްޒް ބޭނުންކުރަމުން ގެންދާނަމެވެ.

އެންމެ ފުރަތަމަވެސް އުފެދޭ ސުވާލަކީ، ޚިދުމަތް ދިނުން ވަކި ފެންވަރެއްގައި ހިފެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއްތޯ އުފެދޭ ސުވާލެވެ. ނުވަތަ ޚިދުމަތް ދިނުން ވަކި ފެންވަރެއްގައި ހިފަހައްޓަން ޖެހޭ ސަބަބަކީ ކޮބައިތޯ އުފެދިދާނެ ސުވާލެވެ.

ޚިދުމަތް ދިނުން ވަކި ފެންރެއްގައި ހިފެހެއްޓުމަކީ ވިޔަފާރިއަށް ވަރަށް މުހިންމު ކަމެކެވެ. މިގޮތުން އެންމެ މުހިންމު އެއްކަމަކީ ކަސްޓަމަރު ނުވަތަ ވިޔަފާރި ކުރަން ނުވަތަ ޚިދުމަތް ލިބިގަންނަން އަންނަމީހާގެ މުހިންމުކަން ދެނެގަތުމެވެ. އަޅުގަނޑުމެންގެ ތެރެއިން ޚިދުމަތް ދިނުމުގެ ވިޔަފާރީގައި ޝާމިލްވެވަޑައިގަންނަވާ ފަރާތްތަކުން ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރ ގެ މުހިންމުކަމާއިމެދު ވިސްނާ ވަޑައިގަންނަވަނީ ކިތައް ބޭފުޅުން ބާވައެވެ. އާދެ ވަރަށް ކުޑަކޮށް ވިސްނުން ބަދަލުކޮށްލައްވާފައި އަޅުގަނޑު މިދަންނަވާ ވާހަކައާއި މެދު ހަމަ ކުޑަކޮށް ވިސްނާވަޑައިގަންނަވާށެވެ. ވިޔަފާރިއަކީ ތިބާ ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ކުރާ ކަމެއްކަމުގައި ވަނީނަމަ، އަދި އެވިޔަފާރި ކުރަނީ ޚިދުމަތް ހޯދަން އަންނަ މީހަކަށް ޚިދުމަތް ދީގެން ކަމުގައި ވާނަމަ، ތިބާއަށް އާމްދަނީ ލިބޭ ވަޞީލަތަކީ އެއްކަލަ ޚިދުމަތް ހޯދަން އަންނަ މީހާ ނޫންތޯއެވެ.

ޙިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުކުރަންޖެހޭ އެނެއް ސަބަބަކީ ކޮމްޕެޓެޓިވް އެޑްވާންޓޭޖް ހޯދުމެވެ. މެނޭޖްމަންޓް ގައި ކޮމްޕެޓެޓިވް އެޑްވާންޓޭޖް މާނަކުރާ ގޮތަކީ ޚިދުމަތް ލިބިގަންނަ ފަރާތަށް އެޚިދުމަތަކުން ލިބޭ ވެލިއު ނުވަތަ އެޚިދުމަތެއް ހޯދުމުން ލިބޭ ހިތްހަމަޖެހުން ބޮޑުކޮށް، ތިމާގެ ވާދަވެރި ވިޔަފާރި ތަކުގެ މަށްޗަށް ކުރި ހޯދުމެވެ.

ވިޔަފާރީގައި ވާދަވެރިކަން ބޮޑުވެ އެއްވައްތަރެއްގެ ވިޔަފާރިކުރާ ފަރާތްތައް އިތުރުވެ، މާކެޓްގެ ފުރުޞަތުތައް ހަނިވަމުންދާވަރަކަށް، ކޮމްޕެޓެޓިވް އެޑްވާންޓޭޖް އުފެއްދުމުގެ މުހިންމުކަން ބޮޑުވެގެން ދެއެވެ. ރާއްޖެފަދަ ކުދި ރަށްތަކަކަށް ބެހިފައިވާ ޤައުމެއްގައި، މިއިން ކޮންމެ ކުޑަ ރަށެއްގައި ދިރިއުޅޭ، ނިސްބަތުން މަދު ބަޔަކަށް ޚިދުމަތް ދިނުމުގައި ޝާމިލްވާ ވިޔަފާރިތައް އިތުރުވާވަރަކަށް، ވާދަވެރިކަން އިތުރުވެގެން ދާނެނޫންތޯއެވެ. ހަމައެކަނި މާލޭގެ ހޮޓާ، ކެފޭ، ރެސްޓޯރަންޓު ތަކަށް ބައްލަވާލެއްވިޔަސް، މިކަން ހާމަވެގެން ދާނެއެވެ.

ކުޑަ މިސާލެއް ދަންނަވާލާނަމަ، ދެ ކެފޭއެއްގައި ވިއްކާ ކޮފީ ތަށީގެ އަގު އެއްވަރު ވެފައި، އެއް ކެފޭއެއްގައި ލިބޭ ކޮފީތަށީގެ ރަހަ އާއި ހޫނުމިނާއި، ކޮފީން ބޯން އިންނަ މާޙައުލުގެ ހިއްގައިމުކަމާއި، ކޮފީ ތަށި ގެނެސްދޭ ވޭޓަރުގެ ޚިދުމަތުގެ ފެންވަރު އަނެއް ކެފޭ އަޅާއި އަލާބަލާއިރު ރަނގަޅު ނަމަ، އެއްކަލަ ރަނގަޅު ޚިދުމަތް ދޭ ކެފޭ އަށް ވަންނަ މީހުންގެ ޢަދަދު އިތުރުވެފައި، ލިބޭ އާމްދަނީ އިތުރުވާނެ ނޫންތޯއެވެ. މިއީ ކޮމްޕެޓެޓިވް އެޑްވާންޓޭޖްގެ މިސާލެކެވެ. މިނޫން ކިތަންމެ ގޮތަކަށްވެސް ވާދަވެރިޔާގެ މައްޗަށް ކޮންޕެޓެޓިވް އެޑްވާންޓޭޖް ހޯދިދާނެއެވެ.

ޙަޤީޤަތުގައި މިދެންނެވުނީކީ މުޅިން ހަދައިގެން ދެންނެވި ވާހަކައެއްވެސް ނޫނެވެ. ހެނދުނުގެ ނާސްތާގެ ވަގުތުގައި، ނުވަތަ މެންދުރުގެ ފަރިއްކޮޅުގެ ވަގުތުގައި ކުރީގެ ހާބަރު ކަޑަތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑު މިދަންނަވާ ވާހަކަ ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެއެވެ. އެއް ސަރަޙައްދެއްގައި ސާޅީހަކަށް ތަން ހުރިއިރު، ބައެއް ތަންތަން މީހުންވަދެ ފުރި ބާރުވެފައި އޮންނައިރު، އަނެއްބައި ތަންތައް ހުސްކޮށް ހުންނަތަން ވަރަށްގިނައިން ފެނިވަޑައިގެންފައި ހުންނާނެއެވެ. އާދެ ހުސްކޮށް ހުންނަ ތަންތައް ހުސްކޮށް ހުންނަނީ، އަދި ފުރިފައި ހުންނަ ތަންތަން ފުރިފައި ހުންނަނީ، މިތަންތަނުގައި ދެވޭ ޚިދުމަތުގެ ފެންވަރު ތަފާތުވީމައެވެ. ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްގެން މިފަދަ ތަންތަނަށްވެސް ކަސްޓަމަރުން އިތުރުކުރެވިދާނެއެވެ.

ވަރަށް ކުޑަގޮތަކަށް މިދަންނަވާލެވުނީ ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމުގެ މުހިންމު ކަމުގެ މަށްޗަށެވެ. މިހާހިސާބުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުން ލިބޭ ބައެއް ފައިދާތަކުގެ މަށްޗަށް ބަލާލަމާތޯއެވެ. މިގޮތުން ލިބޭ ފައިދާ ތަކުގެ ތެރޭގައި

- ޚިދުމަތްލިބިގަންނަ މީހާ، އެވިޔަފާރިއަކާއިމެދު ގެންގުޅޭ ވަފާތެރިކަން އިތުރުވެ، އެނޫން ތަނަކުން ވިޔަފާރިނުކުރުން
- ޚިދުމަތް ލިބިގަންނަ މީހާ އެވިޔަފާރިއަކަށް ހޭދަކުރާ މިންވަރު އިތުރުވުން
- އެތަނަކުން ވިޔަފާރިކުރާފަހަރުތައް ގިނަވުން
- ޚިދުމަތް ލިބިގަންނަ ފަރާތުން އެވިޔަފާރިއަކާއިމެދު ދައްކާ ރަނގަޅު ވާހަކަތަކުގެ ސަބަބުން ކަސްޓަމަރުން އިތުރުވުން

އަދި މިނޫނަސް މިފަދަ ކިތަންމެ ފައިދާތަކެއް، ފެންވަރު ރަނގު ޚިދުމަތެއް ދިނުމުގެ ސަބަބުން ލިބިގެންގޮސް، ވިޔަފާރީގެ ނަފާވެރިކަން އިތުރުވެގެން ދާނެއެވެ.

އާދެ މިހާހިސާބަށް މިދެންނެވުނު ވާހަކަތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ މުހިންމުކަމެއް ކަމުގައި ޤަބޫލުފުޅުކުރައްވައިފިނަމަ، މިކަން ކުރާނެ ގޮތާއިމެދުވެސް ކޮންމެވެސް ވަރަކަށް ބަލާލަމާތޯއެވެ.

ޚިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް އެންމެ ޢާންމުގޮތެއްގައި ވިޔަފާރި ތަކުން ކުރާ ކަމަކީ ޚިދުމަތް ދިނުމުގެ ފެންވަރު ކަނޑައެޅުމެވެ. ޚިދުމަތް ދިނުމުގެ ކޮންމެ މަރުޙަލާއެއްގައި، ޚިދުމަތް ލިބިގަންނަ ފަރާތާއި ދެމެދު މުޢާމަލާތު ކުރާނެގޮތާއި، ޚިދުމަތް ދޭނެގޮތާއި، ޚިދުމަތް ލިބިދެވޭ މާޙައުލުގައި ކަންތައްތައް ހުންނަންޖެހޭނެ ގޮތާއި، މިނޫންވެސް މިފަދަ ކަންތައްތައް، ފާގަކޮށް، މިއިން ކޮންމެ ކަމަކަށް މިގަނޑުތަކާއި ފެންވަރުތައް ކަނޑައަޅުމެވެ. މިގޮތުން ފެންވަރު ކަނޑައެޅުއްވުމުގައި، ކުރީގައި އަޅުގަނޑު ދަންނަވާލި ކޮމްޕެޓެޓިވް އެޑްވާންޓޭޖާއި މެދު ވިސްނުންފުޅު ގެންގުޅުއްވުމަކީ، ތިބާގެ ވާދަވެރިންގެ މަށްޗަށް ކުރި ހޯއްދެވުމުގައި މުހިންމު ކަމެކެވެ.

ޚިދުމަތުގެ ފެންވަރު ކަނޑައެޅުމުގައި ވިސްނުންގެންގުޅެއް ޖެހޭނެ އެންމެ މުހިންމު އެއްކަމަކީ އެޚިދުމަތެއް ލިބިގަންނަ ކަސްޓަމަރ ބޭނުންވަނީ ކޮންކަމެއްކަން ދެނެގަތުމެވެ. ޚިދުމަތް ހޯދަން އަންނަ ފަރާތަށް، ފުރިހަމަ ޚިދުމަތެއް ދެވޭނީ އޭނާ ބޭނުންވާ ކަމެއް އެނގިގެންނެވެ. މިސާލަކަށް އެއްކަލަ ކެފޭއަށް ކަސްޓަމަރުން ދަނީ މަސައްކަތުގައި އުޅެފައި ބްރޭކެއްނަގާ، ކޮފީ އެއް ބޯލަންކަމުގައި ވާނަމަ، އަދި ޢާންމުގޮތެއްގައި ދިވެހިން ބޭނުންވަނީ "ލަވާޒާ" އެއް ނުވަތަ "ނެސްކެފޭއެއް" ބޯލަން ކަމުގައިވާއިރު، މިފަދަ އެއްޗެތި ލިބެން ނުހުންނަ ކެފޭއަކަށް މީހުންދިއުން ތަންކޮޅެއް ދުރުވާނެ، އެހެންނޫންތޯއެވެ.

ޚިދުމަތް ދިނުމުގެ މިންގަނޑުތައް ކަނޑައެޅުމަށްފަހު ދެން އެންމެ މުހިންމު ކަމަކީ، ޚިދުމަތް ދިނުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަކަށް، ޚިދުމަތް ދިނުމުގެ މިންގަނޑުތަކާއި އެއްގޮތަށް ޚިދުމަތް ދިނުމަށް ތަމްރީނު ދިނުމެވެ. ތަމްރީނު ދިނުމުގެ ބަދަލުގައި ކަންކުރަންވީގޮތް ހަމައެކަނި ބުނެލާފައި، ދޫކޮށްލާނަމަ، އެފެންވަރުގައި ޚިދުމަތް ދިނުން އޮންނާނީ ދަތިކަމަކަށްވެފައެވެ. އެހެންނަމަވެސް މިއީ ޢާންމުގޮތެއްގައި ދިވެހި ވިޔަފާރިތަކުގައި ފެންނަ ކަމެކެވެ.

އެއަށްފަހު އެންމެ މުހިންމު ކަމަކަށް ވާނީ، ޚިދުމަތާއިމެދު، ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރު ދެކޭގޮތް ބަލާ، ބަދަލު ގެންނަންޖެހޭނަމަ، ޚިދުމަތް ދިނުމުގެ މިންގަނޑުތަކަށް ބަދަލުގެނައުމުގެ މަރުޙަލާއެވެ. މިއީ ވަށާޖެހޭ އުޞޫލުން އަބަދުވެސް ކުރަމުން ގެންދަން ޖެހޭނެ ކަންކަމެވެ.
އާދެ ޚިދުމަތް ދިނުމުގެ ފެންވަރާމެދު މިދަންނަވާލެވުނު ވާހަކަތަކުން ފައިދާއެއްކޮށް، ވިޔަފާރީގެ ނަފާވެރިކަން އިތުރުކުރުމަށް ބާރެއްލިބޭނެކަމުގައި އުންމީދުކުރަމެވެ.


އެޑިޓަރުގެ ނޯޓް: މ. އާސްތާނާ އަލީ އާމިރަކީ، ހިންގުމާއި މެނޭޖްމަންޓްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އާމިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވެއެވެ. ލިޔުއްވުމަކީ އޭނާގެ އާއިލާގެ ތެރެއިން އައިސްފައިވާ އޭނާގެ ވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެކެވެ.