ރިޕޯޓް

ނަޝީދުގެ ޕްލޭން: ލަޝްކަރު ތައްޔާރީ ހާލަތަށް ގެނައުން!

Aug 9, 2016
26

ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން އެކިއެކި މައްސަލަތަކުގައި ޖަލަށް ދާންޖެހުމާއި އެމްޑީޕީން އިސްވެ އޮވެ އިނގިރޭސިވިލާތުގައި އެކުލަވައިލި އިދިކޮޅު ކޯލިޝަނާ މެދު ފިކުރު ހިންގައިލުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިލޯސަފިކަލް ބޮޑުމަންޒަރުގެ ތެރެއިން ފެންނަ ފޮޓޯއަށް ބަލައިލުން ކިހިނެއް ހެއްޔެވެ؟ އެ ފޮޓޯއަށް ވިސްނުންތެރިކަމާއެކު ބަލާލުމުން ވަރަށް ގިނަ ކުލަ ފެނެ އެވެ.

ދެހާސް ބާރަވަނަ އަހަރު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވާފައި ޖެހިގެން އައި ދުވަހު ގޭގައި އިންނަވައިގެން ދުނިޔޭގެ އެކިގައުމުތަކުގެ ނޫސްވެރިންގެ ކުރިމަތީގައި ވިދާޅުވީ، އެ މަނިކުފާނު އިސްތިއުފާ ދެއްވީ ބަޑިޖައްސައި ސިފައިން މަޖްބޫރު ކުރުމުން ކަމަށެވެ.

އެހެންވިދާޅުވުމާއެކު އެމަނިކުފާނު މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހަމަޖައްސަވާފައި ހުންނެވި އިބްރާހިމް ދީދީ ނޫސްކޮންފަރެންސެއް ދެއްވައި ވިދާޅުވީ ސިފައިން ރައީސް ނަޝީދަށް މަޖްބޫރު ނުކުރާ ކަމަށެވެ. އެހެންކަމުން މި ދެ ބޭފުޅުންކުރެ ކޮންމެވެސް އެއްބޭފުޅަކު އިތުރުފުޅެއް ހައްދަވައިފިކަން ކަށަވަރެވެ. އެހެންޏާ އިބްރާހިމް ދީދީ އެވެ. އެހެންޏާ ރައީސް ނަޝީދެވެ.

އިބްރާހިމް ދީދީ މިހާރު ހުންނެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ޕާޓީގެ އިސްބޭފުޅުން ވަރަށް ގަދަރު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭގެ ފަހުން ރައީސް ނަޝީދު ވިދާޅުވީ "ބަޣާވާތްކުރީ" އެމަނިކުފާނުގެ ނާއިބް ރައީސް ވަހީދު ކަމަށެވެ. އެހެންވިދާޅުވުމުން އެޕާޓީގެ ހުރިހާ ބޭފުޅުން ވެސް އަތްތިލަބަޑިޖަހައި އެގޮތަށް ނިންމިއެވެ. ރައީސް ވަހީދަކީ "ބާޣީ" އެއްކަމަށް ކަނޑައަޅައި ނިމުނީ އެވެ.

ދުވަސްކޮޅެއްފަހުން ގދ. ތިނަދޫގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ބަޣާވާތުގެ އަޑީގައި ހުންނެވީ ރައީސް ވަހީދެއް ނޫނެވެ. އޭގެ އަޑީގައި ހުންނެވީ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ދެން އެ ޕާޓީގެ އެންމެން އަތްތިލަބަޑިޖަހައި އެއީ ތެދެއްކަމަށް ވެސް ނިންމައި ބަޣާވާތްކުރީ ރައީސް ވަހީދުގެ ބަދަލުގައި ރައީސް މައުމޫންކަމަށް ނިންމި އެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވިއިރު ރައީސް މައުމޫން ހުންނެވީ މެލޭޝިޔާގައި ކަމަށްވިޔަސް ތުރުކީއަށް އިހަށް ދުވަހު ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ އަޑީގައި ހުރީ އެމެރިކާގެ ޕެންސިލްވޭނިޔާގައި ހުންނެވި ދީނީ ބޭފުޅެއްކަމަށްވާ ފަތުހުﷲ ގުލެންކަމަށް ތުރުކީ ސަރުކާރުން މިހާރު ތުހުމަތުކުރާތީ މައުމޫން މެލޭޝިޔާގައި ހުންނެވިޔަސް ނަޝީދުގެ އަތްޕުޅުގައި އެވަރުގެ ހެކިތަކެއް ހުރެއްޖެނަމަ އެފަދަ ތުހުމަތެއް އެޅުވިދާނެ އެވެ. އެހެންވާހަކަށް ނުޖެހެ އެވެ. ބަޣާވާތްކުރީ ރައީސް ވަހީދު ނޫންކަމަށް މިފަހަރު ވިދާޅުވީމާ މި ދެވާހަކައިން ތެދަކީ ނުވަތަ ދޮގަކީ ކޮބައިކަން ބުނާކަށް ވެސް ނޭނގެއެވެ.

މިވަރުގަދަ ތުހުމަތު އެޅުވުމަށްފަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާތަކުގައި ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅު އިބްރާހިމް ނާސިރަށް ހަޑިހުތުރު ލަވަހަދައި ކިޔަމުންދިޔަ ގޮތަށް، ރައީސް ވަހީދާއި މިނިސްޓަރު ނާޒިމާއި އަބްދުﷲ ރިޔާޒާއި ޑރ. ޖަމީލްގެ ނަމުގެ ކުރިޔަށް "ބާޣީ" ލައިގެން އެ އެންމެން ހައްޔަރު ކުރުމަށް ގޮވަމުން ދިޔައެވެ. އެވެސް ވީ ސިޔާސީ ލަވަޔައަކަށެވެ.

އެމްޑީޕީގެ އެއްވުންތަކުގައި ގާސިމް އިބްރާހިމާއި މިހުރިހާ ބޭފުޅުން އެޕާޓީގެ ވެރިކަމުގައި ހައްޔަރުކޮށް އުމުރަށް ޖަލަށްލައި ދަންޖައްސައި ހަދާނެ ވާހަކަ ގޮވައި ހަދާފައިވެއެވެ. ތަގްދީރު ނިޔާކުރިގޮތުން އެމްޑީޕީއަށް ވެރިކަން ނުލިބި ރައީސަކަށް ހޮވި ވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެވެ.

ރައީސް ޔާމީން މަގާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ރައީސް މައުމޫންއާއި ޖެހިގެން ރައީސް ނަޝީދު އިންނެވި އެވެ. އެހެންވީމާ ހީކުރެވުނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުން ގެނައި ސަރުކާރު ގަބޫލުފުޅުކުރެއްވީ ކަމަށެވެ. އެމެރިކާގައި ވެސް އަލްގޯ އާއި ބުޝް ވާދަކުރި އިންތިޚާބުގައި ހިތްހަމަނުޖެހުނު ބަޔަކު އެގައުމުގެ ސުޕްރީމް ކޯޓަށް ދިޔައިމާ ކޯޓުން ނިންމީ ގިނަ ރައްޔިތުން ވޯޓްދިން ގޮތާއި ޚިލާފަށެވެ.

އެހެންގައުމުތަކުގައި ވެސް އަލުން އިންތިޚާބު ބާއްވަން ކޯޓުން އަމުރުކޮށްގެން އިންތިޚާބު ބާއްވާފައި އެބަހުއްޓެވެ. ރާއްޖޭގައި ވެސް ކޯޓުން މައްސަލަ ބަލައި އަލުން އިންތިޚާބު ބާއްވަން ބުނީމާ އިންތިޚާބު ބާއްވައި ނަޝީދު ބަލިވުމުން ބަލިގަބޫލު ކުރެއްވިއެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ވަރަށް ކުރީކޮޅު އަނެއްކާވެސް ރައީސް ނަޝީދު އޭނާއަށް ތާއީދުކުރާ މީހުންނާއިގެން މާލޭގެ މަގުތަކަށް ނުކުމެ ގަޑުބަޑު އުފައްދަން ފެށިއެވެ. މުޒާހަރާއަށް ނުކުންނަން މަޖްބޫރުވީ އެމްޑީޕީގެ ތާއީދު ވަރަށް ހަލުވިކޮށް ހުލިވަމުންދާތަން ފެންނަން ފެށުމުންނެވެ.
ބޮޑުމަންޒަރަށް ބައްލަވާށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުން އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް އުފުއްލަވާފައިވާ ދައުވާގެ ޝަރީއަތް ނިމޭއިރު ހުކުމެއް އަންނާނެކަމާއިމެދު ރައީސް ނަޝީދަށް ޝައްކު ނުކުރެވޭނެކަން ޔަގީނެވެ. އެއީ އެކަމުގައި އަމަލުކުރައްވާފައިވާލެއް ފާޅުކަން ބޮޑުކަމެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ސިޔާސީ ދެކޮޅުވެރިކަން ކުރިއަށް ނެރެ ކޮންމެ ދުވަހަކު މާލޭގެ މަގުމައްޗަށް މުޒާހަރާކުރަން ނުކުމެ މާލޭގެ ހަމަޖެހުން ގެއްލުމުން ކޯޓްގައި ހިމޭންވެފައި އޮތް ރައީސް ނަޝީދުގެ ޝަރީއަތުގެ މައްސަލައަށް ސަމާލުކަން ބޮޑުވިއެވެ. ރައީސް ނަޝީދު ދިމާކުރެއްވީ ތާރީޚް ކަނޑައަޅައި ވެރިކަން ވަށްޓާލުމަށެވެ.

ފުރަތަމަ ކުރެއްވިކަމަކީ ގާސިމް އިބްރާހިމް ބޭނުން ކޮށް، ރައީސް ޔާމީންގެ ވެރިކަން މަގުމަތިން ވައްޓާލުމަށްފަހު ގާސިމް ވެރިކަމަށް ގެންނާނެކަމުގެ ފޮނި ހުވަފެނުން ގާސިމްގެ ހިތް ފުރައިލުމެވެ. އެހާ ހިސާބުން ގާސިމް ހުންނެވީ ރައީސް ނަޝީދުގެ ފަހަތްޕުޅުން ހިންގަވަންކަން ބޮޑު ޖަލްސާއެއް ބާއްވައި ދެއްކެވި ވާހަކަފުޅުތަކުން ދޭހަވިއެވެ.

ދުވަސްކޮޅެއް ނުވަނީސް މިއެޅުއްވުނީ ވަރަށް ކަތިފިޔަވަޅެއްކަން އިހްސާސް ކުރެއްވި ނަޝީދާއި ދުރަށް ގާސިމް ޖެހިވަޑައިގަތުމުން ޖަލަށްދާންޖެހޭވަރުގެ ނުރައްކާތެރި އަނދަވަޅަކަށް ނުވެއްޓި ސަލާމަތްވި އެވެ. އެހެންވީމާ އެ ޕްލޭން ރައީސް ނަޝީދަށް ފުރިހަމައެއް ނުކުރެއްވުނެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އެންމެ ނުފޫޒުގަދަ އަދި ވަރަށް އެކުވެރިކޮށް އުޅުއްވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ކުއްލި ގޮތަކަށް ދެބޭފުޅުން ދެބޭފުޅުންނަށް ޖެހި ދުޝްމަންވެ ނާޒިމް ފޭލްވިއެވެ.

މިކަމެއް ފެށުނީ ފައިސާގެ މަސްތުގައިކަމެއް ނުވަތަ ނުފޫޒުގެ ވާދަވެރިކަމުގައިކަމެއް ބުނަން ނޭގުނަސް އަސްލު ގޭމް ފެށުނީ އަދީބު ރާއްޖޭން ބޭރަށް ފުރަންގޮސް އެއާޕޯޓްގެ ވީއައިޕީ ކްލިއަރެންސް ހެދުމުގެ ތެރޭގައި، ގެންދެވި އަތް ދަބަހުގެތެރެއިން ވަޒަންތަކެއް ހުރިކަން އެގުމުން ކަމަށް ބުނާތީ އިވެއެވެ.

އެ ދަބަހާއިގެން ރާއްޖެއިން ބޭރަށް ދެވުނުނަމަ އެދިޔަ ގައުމަކުން އަދީބު ހައްޔަރުކޮށް އޭނާގެ ދުވަސްދިޔައީ ހެވެ. ވަޒަންލީ ކާކުކަމެއް ނޭގުނަސް އެމްއެންޑީއެފް ތެރެއިން ނޫނީ އެކަން ނުކުރެވޭނެކަން އަދީބަށް ޔަގީނެވެ. މިއަދު މިފެންނަ ނާޒިމު ޖަލަށްދާންޖެހުމުގެ އަސްލު ރޭވުންގަޑު ގުޅިފައިވަނީ މިކަމާއިކަމަށް މީހުންބުނާތީ ވެސް އިވެއެވެ. ބޮޑަށް އެނގިވަޑައިގަންނަވާނީ ނާޒިމަށެވެ.

ޑިފެންސް މިނިސްޓަރު ކުރެއްވި އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ކްލޭޝްވާން ސިފައިންގެ ޖެނެރަލުންގެ ގާތު އެދިވަޑައިގަތުމެވެ. ރައީސް ޔާމީން އެހެންވިދާޅުވި އަޑު އެހީމެވެ. ނާޒިމް އެހުންނެވީއެވެ. ނާޒިމްގެ ބޭނުންފުޅަކީ އޭނާގެ ކުށެއް ނެތްކަން ސިފައިން ލައްވައި ރައީސަށް ޔަގީންކޮށްދިނުމެވެ. އިންތިޚާބުކުރި ރައީސަކާއި ސިފައިންގެ ޖެނެރަލުން އެގޮތަށް ކްލޭޝް ވެއްޖެނަމަ ބަޣާވާތުގެ އަމަލެއްކަމަށް ބެލިދާނެއެވެ. ނާޒިމްގެ މައްސަލަ ހިނގައިގަތްގޮތުން ގޯހެއް އުޅޭކަމަށް ގަބޫލު ކުރައްވައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނުކުންނެވީ ނާޒިމްގެ ދިފާއުގައެވެ. ނާޒިމަށްފަހު އަނެއްކާވެސް ބޮޑުމަންޒަރަށް ބައްލައްވާށެވެ.

އެމްޑީޕީން މޭޑޭ ފާހަގަ ކުރަން މާލޭގައި ބޮޑު މުޒާހަރާއެއް ރާވައި އިމްރާން ބޭނުންކޮށް މުޒާހަރާގެ ހުރިހައި ކަމެއްގެ ޒިންމާ އޭނާގެ ބޮލުގައި އެޅޭގޮތަށް ފުލުސް އޮފީހަށް ގޮސް ސޮއިކޮށް މާލެތެރޭގައި ސަރުކާރު ވައްޓާލުމުގެ ބޮޑު ހަމަނުޖެހުމެއް ހިންގުމަށްފަހު އެމްޑީޕީގެ ލީޑަޝިޕްގައި އިމްރާނަށް އެހީވި އަލީވަހީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ އެވެ. އެއީ ޖަލަށްދާންޖެހޭވަރުގެ ބޮޑު ކަމެއްކަން އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. އެކަންވީ ވެސް އެހެނެވެ. އެމީހުން ރޭވިގޮތަށް އިމްރާނަށް ޖެހި ވަޑައިގަތީ ޖަލަށްދާށެވެ.

ދެން އެމްޑީޕީގެ ދަލުގައި ޖެއްސުވީ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ޕީޖީ މުހުތާޒް މުހުސިނެވެ. ރޭވުމެއްގެ ތެރެއިން މުހުތާޒް ޖަލަށް ވަޑައިގަންނަވަން ޖެހޭވަރުގެ ބޮޑު ކުށެއްގެ ތެރެއަށް އޭނާ ލުމަށްފަހު އަލީވަހީދު ވަޑައިގެންނެވި މަގުން އޭގެ ފަހަތުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ބޭރަށް ވަޑައިގެންފަ އެވެ. މުހްތާޒަށް ޖަލެވެ.

މިހާރު ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްސަލާގައި ބޮޑުމަންޒަރު މާ މޮޅެވެ. ނާޒިމްގެ މައްސަލަ އެންމެފަހުން ސުޕްރީމްކޯޓުން ބަލައި ގޮތެއް ނިންމުމުގެ ވަގުތު ޖެހެމުންދިޔައިރު ގިނަ މީހުން ޔަގީންކުރީ ދޫކޮށްލާނެ ކަމަށެވެ. ނާޒިމްގެ ކޮޅަށް ހެކިދިނީ ފުލުހުންނެވެ. އެ ދަނޑިވަޅުގައި ވަކީލު ހުސުނުއްސުއޫދު ކުއްލިއަކަށް ނިއުސްކޮންފަރެންސެއް ބާއްވައި އެދެއްކެވި މޮޅެތި ހެކިތަކަކީ ސުޕްރީމް ކޯޓަށް ޗެލެންޖްކުރުން ނޫން ދެންވާނީ ކޮން ކަމަކަށް ހެއްޔެވެ؟

ޝަރީއަތުގައި ހިގާ މައްސަލައެއްގެ ވާހަކަ އާއްމުކޮށް އެގޮތަށް ނުދެއްކޭނެކަމާއި އެހެންހެދުމުން ނުކުންނާނެ ނަތީޖާ އެހެންމީހަކަށް ނޭގުނަސް ސުއޫދަށް އެނގިވަޑައިގަންނަވާނެއެވެ. އެކަންވީވެސް އެހެންނެވެ. މިއީ ވަކީލު ކުރެއްވި މޮޅުކަމެއްކަމަށް ހީވިޔަސް ރައީސް ނަޝީދު ސަރުކާރުގައި ކެބިނެޓްގައި އިންނަވައިގެން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ފުންކޮށް ވިސްނައި، ސިޔާސީ ދުރުމި އަޅުވާލީމާ ފެނުނީ ނާޒިމް ޖަލުގައި ބެހެއްޓުމުގެ ޕްލޭނެއް ބަޔަކު ގެންގުޅެނީކަމެވެ.

ރައީސް އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި އަޅުވާލަމާ ހިނގާށެވެ. ދެން ހުންނެވީ ކުރީގެ ނާއިބް ރައީސް ޖަމީލު އަހުމަދެވެ. ޖަމީލް މިހާރު އެހުންނެވީ ސިޔާސީ ދަލެއްގައި ރަނގަޅަށް ޖެހި ވަޑައިގެންފަ އެވެ. ލައްކަ ގިނަ ކަންކަން ޖަމީލާގުޅިގެން އަދިވެސް އަންނާނެ ކަމަށް ބެލެވެ އެވެ.

މޭޑޭގެ މުޒާހަރާއަށްފަހު ޖުމްހޫރީ ޕާޓީގެ އަމީން އިބްރާހިމް އާއި ކުރީގެ ނައިބު ރައީސް ޖަމީލް ވެސް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް ތިއްބެވީއަކީ އެނބުރި ވަޑައިގަންނަވާ ގޮތަށް ކަމަށް އަދި ލަފައެއް ނުވެއެވެ. އެބޭފުޅުން ކުރެއްވި ކަމެއް އެގިވަޑައިގަންނަވާނީ ހަމަ އެބޭފުޅުންނަށެވެ.

އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުގަދަކޮށް ހެއްދެވި ތަކެތީގެ އަގު އުފުލުމާއި ދެކޮޅަށް މުޒާހާރާއަށް ނުކުތް މެންބަރު އަހުމަދު މަހްލޫފްވެސް އެވެންނެވީ ޖަލަށެވެ. އެމްޑީޕީގެ ޖެހިލުންކުޑަ އެކްޓިވިސްޓުން ތިއްބައި މަހްލޫފް ކުރިއަށް ނެރެ ދައްކަންވީ ކޮންކަމަކާއި ހެއްޔެވެ؟

މިއީ މިހާރުގެ ގޮތަށް ބުނާ ނަމަ އެމްޑީޕީގެ ''ގޭމްސް އޮފް ތްރޯން'' އެވެ. ތަހުތު ހުރީ އިނގިރޭސިވިލާތުގަ އެވެ. ހައްޔަރުކޮށް ޖަލަށްލާން އެމްޑީޕީން ވައުދުވި ގިނަ މީހުން މި މޮޅު ގޭމްގެތެރެއިން ޖަލަށްލައި ނިމެނީ އެވެ. އެހުރިހައި އެންމެންގެ މައްސަލަ ރައީސް ޔާމީންގެ ބޮލަށް ކަޑައިލެވުނީ އެވެ.

ފަސްދޮޅަށް ފަސް އަހަރުވެގެން ރައީސްކަމަށް ކުރިމަތި ނުލެވޭނެ ސިޔާސީ ލީޑަރުން މި ގޭމްގައި މާމުހިއްމެއް ނޫނެވެ. މި ގޭމްގެތެރެއިން ފެންނަ އެންމެ ވަރުގަދަ މަންޒަރަކީ ނުވަތަ ފޮޓޯއަކީ 2018 ވަނަ އަހަރުގެ އިންތިޚާބު ކުރިމަތިވާއިރު އެމްޑީޕީގެ ލީޑަޝިޕްގެ ފުލްފޯސް ރައްކާތެރިކޮށް ބާއްވައިގެން އެ ޕާޓީއާއި ޗެލެންޖް ކުރަންތިބި އެހެން އެންމެންގެ އަޑު ކަނޑުވައިލުމެވެ. ނާޒިމާއި ޖަމީލަށް ކެމްޕެއިންކޮށްދޭކަށް އަދާލަތު ޕާޓީގެއިމްރާނެއް ނުހުންނާނެއެވެ. މަހްލޫފެއް ނުހުންނާނެއެވެ.

ނާޒިމް މިވަގުތު ޖަލުން މިނިވަން ވެއްޖެ ނަމަ ރައީސް ނަޝީދު ހެއްދެވި ގޮތަށް ރަށްރަށަށް ވަޑައިގެން މާކުރިން ކެމްޕެއިން ފަށައިފިނަމަ އެމްޑީޕީއަށް އެއީ ވަރަށް ބޮޑު ތްރެޓަކަށް ވާނެ ކަމެކެވެ. އެހެންވީމާ ނާޒިމާ ގުޅުވައިލީ ގާނޫނީ ރޭވުން މޮޅެވެ. ނާޒިމް މިނިވަން ވުމަކީ އެމްޑީޕީ އިސްވެ މިހާރު ހަދައިގެން އުޅޭ ކޯލިޝަން ރޫޅިގެންދާނެ ކަމެކެވެ. އެކަމަކު ރައީސް ނަޝީދު ދިގުމުއްދަތަކަށް ޖަލަށްލައްވާނެ ވިދާޅުވި ޖަމީލު އަދި މިނިވަންކަމާއެކު ހުންނެވުމުން ގޭމްސް އަދި ނިމުނީކަމަށް ބަލަން ދައްޗެވެ.