ހަބަރު

ކިލޯއަކަށް ވުރެ ގިނަ ޑްރަގާ އެކު ދެ ކުޑަކުދިންނާއި އިތުރު ބަޔަކު ހައްޔަރުކޮށްފި

ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި 1.3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދެ ކުޑަކުއްޖަކާއި 18 އަހަރުން މަތީގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ އަންހެން ކުއްޖަކާއި 15 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަންގްލަދޭޝްގެ މީހަކު ކަމަށެވެ. އެ މަސްތުވާތަކެތި އަތުލައިގަތީ ހ. ޒާ ގެސްޓް ހައުސް ފާސްކޮށް، އެތަނުން ލިބުނު މައުލޫމާތަށް ބިނާކޮށް މާލޭގެ އިތުރު ދެ ސަރަހައްދެއް ބަލައި ފާސްކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެ ކުޑަކުދިން ހައްޔަރުކުރީ ހ. ޒާ ގެސްޓް ހައުސިންނެވެ. އެތަނުން 50 ގްރާމްގެ މަސްތުވާތަކެތި ފެނުނުއިރު 18 އަހަރުގެ މީހާ ހައްޔަރުކުރީ އެ މީހާ ހުރި ސަރަހައްދަށް ގޮސް، އޭނާ ހައްޔަރުކޮށް ހަށިގަނޑާއި އޭނާ ހުރިތަން ފާސް ކުރިއިރު އެތަނުން މަސްތުވާތަކެތި ފެނުމުންނެވެ. އޭގެފަހުން 28 އަހަރުގެ ބިދޭސީ މީހާ ހައްޔަރުކުރީ އެހެން ސަރަހައްދަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ބިދޭސީ މީހާ އަތުން ވެސް 50 ގްރާމްގެ މަސްތުވާތަކެތި ފެނުނުއިރު އެ މީހާ ދިރިއުޅޭ ތަން ބަލައި ފާސް ކުރިއިރު އެތަނުން 1.3 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އެ މީހާއަކީ އެ މައްސަލައިގައި ދެން ހައްޔަރުކުރި މީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ މީހާ ކަމަށް ފުލުހުން ބުންޏެވެ.

ރޭ 8:00 އިން ފެށިގެން ފަސް ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި ހައްޔަރުކުރި ދެ ކުޑަކުދިންނާއި 18 އަހަރުގެ ފިރިހެން މީހާއަކީ އެކި މައްސަލަތަކުގައި ކުރިން ހުއްޓުވައި، ބަލައި ފާސްކޮށްފައިވާ މީހުންނެވެ.

ވަކި އަދަދަކަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅުމަކީ އުމުރަށް ޖަލަށްލުމާ އެކު ބޮޑެތި ޖޫރިމަނާ ކުރެވޭ ކުށެކެވެ. އަދި ކުޑަކުއްޖަކު އެފަދަ ކުށެއް ކޮށްފި ނަމަ ގާނޫނުގައި އޮންނަ އަދަބުގެ ތިން ބައި ކުޅަ ދެ ބައި އަދަބު އެ ކުއްޖަކަށް ލިބޭނެ އެވެ. އުމުރުން 13 އަހަރުން މަތީގެ ކުދިންގެ މައްޗަށް ހުރިހާ ބާވަތެއްގެ ކުށްތަކެއްގައި ވެސް ދައުވާ އުފުލޭނެ އެވެ.