ޓޫރިސްޓް އެރައިވަލް

މިދިޔަމަހު އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިޔާއާ އިޓަލީން

  • އިންޑިޔާއިން 41 ޕަސެންޓް އިތުރުވި
  • އިޓަލީން އައި މީހުން 28 ޕަސެންޓް މައްޗަށް
  • ޖުލައި މަހަކީ ރެކޯޑު މަހެއް

މިދިޔަ މަހު އެންމެ ގިނަ އިން ރާއްޖެ ޒިޔާރަތް ކުރީ އިންޑިޔާ އާއި އިޓަލީ ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބަލައި، ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިޓަވިލާތުން މިދިޔަ މަހު 3،257 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 2،538 މީހުންނެވެ. މިއީ ގާތްގަނޑަކަށް 28.3 ޕަސެންޓުގެ ކުރިއެރުމެކެވެ. ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް މަހުގެ ނިޔަލަށް 41،243 ޓޫރިސްޓުން އައިސް ފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 38،392 ޓޫރިސްޓުންނާ އަޅާބަލާއިރު މިއީ 7.4 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޔޫރަޕު ނޫން ގައުމުތަކުން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކަށް ބަލާއިރު މި އަހަރުގެ ޖުލައި މަހު އިންޑިޔާ އިން 4،783 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މި ދިޔަ އަހަރުގެ ޖުލައި މަހު ޒިޔާރަތް ކުރީ 3،376 ޓޫރިސްޓުންނެވެ. މިއީ ގާތްގަނޑަކަށް 41.7 ޕަސެންޓުގެ ކުރިއެރުމެވެ. އަދި މި އަހަރުގެ މިހާތަނަށް އިންޑިޔާއިން 34،886 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އިންޑިޔާ އިން އައިސްފައިވަނީ 28،714 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް 730،353 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 713،622 ޓޫރިސްޓުންނެވެ. މިއީ ގާތްގަނޑަކަށް 2.3 ޕަސެންޓް އިތުރުވުމެވެ.