ރާއްޖެ ކުޅިވަރު

ވީއޭއެމްގެ އެކްސްކޯ އަދި ރަޖިސްޓްރީކޮށެއް ނުދެން: މިނިސްޓްރީ

Aug 11, 2016

މި އަހަރު މާރިޗް މަހު 14 ވަނަ ދުވަހު ބޭއްވި ވޮލީބޯލް އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސްގައި އިންތިހާބުކުރި އާ އެކްސްކޯ އަދިވެސް ރަޖިސްޓްރީ ނުކުރާ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ ޔޫސުފް އަބްދުލް ގަފޫރު (ޔޫސޭ) ވިދާޅުވެއްޖެ އެވެ.

ޖަމްއިއްޔާތަކުގެ ރަޖިސްޓާ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޔޫސޭ އަވަސްއަށް ވިދާޅުވީ އިންތިހާބުގެ ފަހުން، އެ އިންތިހާބާ ގުޅިގެން ހުށަހެޅި މައްސަލައެއް ބަލަމުންދާތީ ހިންގާ ކޮމިޓީ އަދި ރަޖިސްޓްރީ ނުކޮށްދޭ ކަމަށެވެ.

"އިންތިހާބާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ލީގަލް ޑިޕާޓްމެންޓަށް ފޮނުވިފައި ވަނީ، އެމައްސަލައާ ގުޅިގެން ލީގަލް ޑިޕާޓްމެންޓުން ނިންމާ ގޮތެއްގެ މަތިން ހިންގާ ކޮމިޓީ ރަސްޖިސްޓްރީ ކޮށްދިނުމާމެދު ގޮތެއް ނިންމާނީ،" ޔޫސޭ ވިދާޅުވި އެވެ.

ވީއޭއެމްގެ ނައިބު ރައީސް އިލްޔާސް ވަހީދު (އިއްލަ) ވިދާޅުވެފައި ވަނީ ވީއޭއެމްގެ އިންތިހާބު އޭޝިއާގެ ވޮލީބޯލް ކޮންފެޑްރޭޝަން (އޭވީސީ) އިންނާއި ދުނިޔޭގެ ވޯލީބޯލް ފެޑްރޭޝަން (އެފްއައިވީބީ) އިން ބަލައި ގަނެ އެޕްރޫވް ވެސް ކޮށްފައިވާ ކަމަށެވެ.

ވީއޭއެމްގެ އިންތިހާބުގައި "ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވޭ" ކަމަށް ބުނެ މިދިޔަ ހޯމަ ދުވަހު ސްޕޯޓްސް ކޮމިޝަނާ އަހްމަދު ނާޝިދު (ޑޭވް) ވަނީ އިންތިހާބު ބާތިލްކޮށް 30 ދުވަސް ތެރޭ އަލުން އިންތިހާބު ބޭއްވުމަށް އޮލިމްޕިކް ކޮމިޓީއަށް އަންގާފަ އެވެ.