މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ގެންދާ ބައެއް ފްލައިޓްތައް އަންނަ ހޯމަ ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ. މި އަހަރު ރާއްޖެއަށް ހައްޖުގެ 2،000 ކޯޓާ ލިބިފައި ވެއެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ، އަންނަ ހޯމަ ދުވަހު ހަތަރު ފްލައިޓެއް ފުރާނެ ކަމަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި ޒައީ ގުރޫޕާއި އޭކްރޯ ގްރޫޕް އަދި އަލްހަރަމައިން ހައްޖުގެ ބައިވެރިން އުފުލާ ފްލައިޓްތަކެވެ. އެ ދުވަހު އެންމެ ފުރަތަމަ ފުރާނީ އޭކްރޯ ގުރޫޕްގެ ފްލައިޓެވެ. ފުރަން ހަމަޖެހިފައިވަނީ ހަވީރު އެވެ.
ހޯމަ ދުވަހު ހަތަރު ފްލައިޓެއް ފުރާއިރު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ވެސް ހަތަރު ފްލައިޓެއް ފުރާނެ އެވެ. އެއީ، ޒައީ ގުރޫޕްގެ ދެ ފްލައިޓަކާއި މިނާ ގުރޫޕާއި ހައްޖު ކޯޕަރޭޝަނުގެ ފްލައިޓެކެވެ. އަންނަ ހޮނިހިރު ދުވަހު ވެސް ފްލައިޓެއް އޮންނާނެ އެވެ. އެ ދުވަހު ފުރާނީ މިނާ ގުރޫޕްގެ ފްލައިޓެކެވެ.
މި މަހުގެ 21 ވަނަ ދުވަހު ވެސް ތިން ފްލައިޓެއް ފުރާނެ އެވެ. އެއީ، ހައްޖު ކޯޕަރޭޝަން، ސިސިލްފަރު އަދި އަލްހަރަމައިން ގުރޫޕްގެ ފްލައިޓެވެ. މި މަހުގެ 22 ވަނަ ދުވަހު ވެސް އަލްހަރަމައިން ގުރޫޕާއި ހައްޖު ކޯޕަރޭޝަންގެ ފްލައިޓެއް ފުރާނެ އެވެ. އެންމެ ފަހުން ފުރުމަށް ހަމަޖެހިފައިވަނީ ސިސިލްފަރު ގުރޫޕްގެ ފްލައިޓެކެވެ. އެއީ 23 ވަނަ ދުވަހުގެ ހެނދުނު 9:25 ގަ އެވެ.
ހައްޖަށްދާ މީހުންގެ ވިސާ ޖެހުމަށް އަންނަ ހުކުރު ދުވަހު ސައުދި އަރަބިއްޔާއިން ރާއްޖެއަށް ޓީމެއް އަންނާނެ އެވެ.
ކޯޓާ ބަހާފައިވާ ގޮތް
- ހައްޖު ކޯޕަރޭޝަން: 1،000 ކޯޓާ
- މިނާ ހައްޖު އުމްރާ ގްރޫޕް: 200 ކޯޓާ
- ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް: 200 ކޯޓާ
- ޒައީ ގުރޫޕް: 200 ކޯޓާ
- އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕް: 200 ކޯޓާ
- އޭކްރޯ ގްރޫޕް: 200 ކޯޓާ