ގައުމީ އިނާމް

ގައުމީ އިނާމަށް ކުރިމަތުލުމުގެ ފުރުސަތު މާދަމާ ހަމަވާނެ

Aug 14, 2016

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ބަންދުވާނެ އެވެ. މި އިނާމަށް ކުރިމަތިލާން ހުޅުވާލީ މީގެ ދެމަސް ކުރިންނެވެ.

ރައީސް އޮފީޙުން ބުނީ އިނާމަށް ކުރިމަތިލާ ފަރާތްތަކުން ފޯމުތައް ފޮނުއްވަންޖެހެނީ، ރައީސް އޮފީހުގައި އޮންނަ ކަމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް އެ އޮފީހަށް ކަމަށެވެ.

ގައުމީ އިނާމު ދިނުމުގައި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ހާއްސަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމަށް މިއަހަރުވެސް ވަނީ އިސްކަން ދީފަ އެވެ. އެގޮތުން، ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރުސަތު ދިނުމަށް އިނާމުދޭ ދާއިރާތަކުގެ ތެރޭ ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނާފައި ވެއެވެ.

މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ގައުމީ އިނާމަށް ނަން ހުށަހެޅޭނެ އެވެ. އަދި ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުންވެސް ނަން ހުށަހަޅޭނެ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެނީ ފަސް ގިންތިއަކުންނެވެ. ގައުމީ އިނާމް ދޭނީ ޖުމްހޫރީ ދުވަހުގެ ޖަލްސާގަ އެވެ.