ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަރުވައިފައިނުވާ ބޭފުޅުންގެ ރެކޯޑު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި ވަޒީފާގައި ދެމި ތިއްބެވި ބޭފުޅުންނަށް މިދިޔަ އަހަރު ވަނީ އިނާމު އަރުވައިފަ އެވެ.
ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި ވަޒީފާގައި ދެމި ތިއްބެވި ބޭފުޅުންގެ ކުށާއި ދަރަނީގެ ރެކޯޑާއި އަދާކުރެއްވި ވަޒީފާތަކާއި ވަޒީފާ އަދާކުރެއްވި ގޮތުގެ ތަފްސީލު މަޢުލޫމާތު އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން އެ ކޮމިޓީން ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހުގައި އެ ބޭފުޅުންނަށް އިނާމު އެރުވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިގޮތަށް ހަމަޖެއްސީ ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައި، ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ގިނަ ބޭފުޅުންނަށް އެ ބޭފުޅުންގެ އަމިއްލަ ރެކޯޑުތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވުމާއި އަދި އޭރު އެ ބޭފުޅުން ހިދުމަތް ކުރެއްވި ބައެއް މުއައްސަސާތައް އުވާލައްވައިފައިވުމާއެކު މަޢުލޫމާތު އެއްކުރުމުގައި ދަތިތަކެއް ކުރިމަތިވާތީ އެކަމަށް ހައްލު ގެނައުމުގެ ގޮތުންނެވެ.
ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގައުމީ އިނާމާބެހޭ ކޮމިޓީން ފޮނުއްވުމަށް ނިންމެވުމާ ގުޅިގެން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި އެ ބޭފުޅުން އިނާމަށް ނަން ހުށަހަޅަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނީ 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ ބޭފުޅުން ގިނަކަމާއެކު އެ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންނަށް އިނާމު އެރުވުމަށް މި އަހަރު ނިންމި ނަމަވެސް 40 އަހަރާއި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ރެކޯޑާއި މައުލޫމާތުވެސް ހޯދުމަށްފަހު ކުރިއަށް އޮތް އަހަރުތަކުގައި ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ދިނުމަށް ހަމަޖައްސަވައިފައި ވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.