މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 23ވާ އަންގާރަ ދުވަހު ހުޅުވާލުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ މިހާރު އިނާމު ދެމުންދާ ދާއިރާތަކާއި ރޮނގުތަކާ ބެހޭގޮތުން ކަމާބެހޭ ވުޒާރާތަކުގެ ހިޔާލު ހޯދާފަ އެވެ.
މިގޮތުން ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ވަނީ ދެ ދާއިރާއެއް އިތުރުކޮށްފަ އެވެ.
އޭގެ ތެރެއިން އެއް ދާއިރާއަކީ ދިވެހި ގައުމިއްޔަތުގެ ދާއިރާ އެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން އިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން ހިމެނެ އެވެ.
ގައުމީ އިނާމާބެހޭ ކޮމިޓީން އިތުރުކޮށްފައިވާ އަނެއް ދާއިރާއަކީ ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާ ގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ހާއްސަ ހުނަރެއް ބޭނުންކޮށްގެން ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމައުން ބަލައިގެންފައިވާ ހާޢްސަ ހިދުމަތަށާއި، ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ހާއްސަ ހިދުމަތަށެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ، ހިދުމަތްކޮށްދީފައިވާ ގޮތަށާއި، ފެންވަރަށާއި، ދެމިހުންނަނިވި މިންވަރަށެވެ.
ގައުމީ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.
ޤައުމީ އިނާމު މި އަހަރުވެސް ދިނުން އޮންނާނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.